އެމެރިކާގެ ނިއުސް ޗެނަލް ސީއެންއެން އިން އިންތިޒާމް ކޮށްގެން ބޭއްވި އެމެރިކާގެ ރިޔާސީ ބަހުސްގައި މިހާރުގެ ރައީސް ޖޯ ބައިޑަން އަށް ދޫއޮޅި, ހުއްޓުން އަރާ އެތައް ގޯހެއް ހެއްދެވިއްޖެއެވެ.
ކުރީގެ ރައީސް އަދި ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑޮނާލްޑް ޓަރަމްޕް އާ އެކު އޮތް މި މަހުސްގައި ޓްރަމްޕް ވަނީ ބައިޑަންގެ ކޮންމެ ވާހަކައެއް ނަފީ ކުރައްވައި ވަރުގަދަ ރައްދުތަކެއް ދެއްވާފައެވެ.
މި ބަހުސްގައި ޓްރަމްޕަކީ 'ސަކާ' [މޮޔަހެއްދޭ މީހެއް] އަދި 'ލޫޒާ '[ނާކާމިޔާބު] ވެފައިވާ ބޭފުޅެއް ކަމަށާއި ޓްރަމްޕުގެ މިސާލަކީ, މަގުމަތީގައި އުޅޭ ބުޅަލެއްގެ މިސާލު ކަމަށެވެ. ޓްރަމްޕް އެ މިސާލު ޖައްސަވަނީ ކަސްބީ އަންހެނަކާއި ޓްރަމްޕާ ދެމެދު އޮތް ގުޅުމަކާ ހުރެ އޭނާގެ މައްޗަށް ދައުވާ އުފުލައި ކުރިއަށް ދާ ޝަރީއަތަށް އިޝާރާތް ކުރައްވައެވެ.
ޖަވާބުގައި ޓްރަމްޕް ވިދާޅުވީ, ބައިޑަން އެ ޖުމްލަ ނިންމަވާލައްވަމުން އެ ވިދާޅުވި އެއްޗެއް އެނގިވަޑައި ނުގަންނަވާ ކަމަށާއި ޚުދު ބައިޑަންއަށް އަށް ވެސް އެނގިވަޑައިގަންނަވާ ކަމާމެދު ޝައްކު ކަމަށެވެ.
މި ބަހުސްގައި ޓްރަމްޕް ވަނީ އެމެރިކާގައި އޮންނަ އެބޯޝަން ސިޔާސަތާއި ޓެކްހާއި ދަރަނީގެ ވާހަކަތަކުން ބައިޑަންގެ އަނގަ ބަންދު ކުރައްވާފައެވެ. ބައިޑަން ވަނީ 2020 ގެ އިންތިހާބުގެ ނަތީޖާ ގަބޫލު ކުރައްވައި ޓްރަމްޕް ކުޅުއްވި ސިޔާސީ ކުޅިގަނޑަށް އިޝާރާތް ކުރައްވާ ހަމަލާ ދެއްވާފައެވެ. ޓްރަމްޕް ވިދާޅުވީ, 2020 ގެ އިނތިހާބަކީ މިނިވަން އިނސާފުވެރި އިންތިހާބެއް ނޫންކަމަށެވެ. ނަމަވެސް 2024 ގެ އިންތިހާބުގެ ނަތީޖާ ގަބޫލު ކުރައްވާނެތޯ ނޫންތޯ ވިދާޅުވެފައެއް ނުވެއެވެ.
ލައިވްކޮށް ދައްކަމުން ދިޔަ މި ބަހުސްގައި އެތައް ފަހަރެއްގެ މަތިން އަނގަ އޮޅި ވިދާޅުވާން އުޅުއްވި ވާހަކަ ވިދާޅު ނުވެވި ބައިޑަނަށް ވަނީ ހުއްޓުން އަރާފައެވެ.
90 މިނެޓުގެ މި ބަހުސްގައި ބައިޑަން ދެއްވި ޖަވާޝުތަކަކީ ގިނައިން 'ނޮންސެންސް' [ތާކުންތާކު ނުޖެހޭ] ޖަވާބުތަކެއް ކަމަށް އެނަލިސްޓުން ބުނާ އިރު އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައިވެސް ވަނީ އެކަމާ ލަދުގަންނަކަމަށް ބައެއް މެންބަރުން ބުނެފައެވެ. އެކަމުން ދައްކަދެނީ ބައިޑަންގެ އުމުރާއި މުސްކުޅިވުމުގެ ސަބަބުން ވެރިކަމަށް ކުފޫ ހަމަނުވާކަން ކަމަށް ބައެއް މީހުން ބުނެފައި ވާ އިރު, ނައިބު ރައީސް ނައިބު ރައީސް ކަމަލާ ހެރިސް ވިދާޅުވީ, ފަށައިގަތުމުގައި ބައިޑަން ކުޑަކޮށް ލަސްކޮށް ދިޔަނަމަވެސް ނިންމަވާލެއްވީ ވަރުގަދަކޮށް ކަމަށެވެ.
މި ބަހުސް އަށް ފަހު ބައިޑަންގެ ކުރީގެ ކޮމިއުނިކޭޝަން ޑައިރެކްޓަރު ސީއެންއެން އަށް ބުނެފައި ވަނީ އެ ބަހުސްގައި ދެފަރާތެއް ނެތް ކަމަށާއި އެއީ ބައިޑަން އަށް ރަނގަޅު ބަހުސެއް ނޫން ކަމަށެވެ. އަދި ބައިޑަން އަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ސްޓެމިނާ އާއި އެނާޖީ ހުރިކަން ނުދެއްކެވުން ކަމަށެވެ.
އެމެރިކާގެ އިންތިހާބު ނޮވެމްބަރުގައި އޮންނަ އިރު, މި ބަހުސަކީ ބައިޑަން އާއި ޓްރަމްޕާ ދެމެދު ގޮތް ނިންމަން ރައްޔިތުންނަށް ލިބިގެން ދިޔަ މުހިންމު ފުރުސަތެކެވެ. ކުރިންވެސް ގިނަ ބަޔަކު ގަބޫލު ކުރަމުން އައި ގޮތަށް ވެރިކަން ކުރެއްވުމުގެ ހަކަތައެއް ބައިޑަންގެ ނެތެވެ. ހަނދާން ނެތުމާއި ދެއްކެވޭ ނުދެއްކެވޭ ވާހަކައެއް އެނގިވަޑައިނުގަންނަވާ ހިސާބަށް ދިޔުމަކީ އިދިކޮޅު ކެންޑިޑޭޓް ޓްރަމްޕަށް ލިބިވަޑައިގަންނަވާ އެޑްވާންޓޭޖެކެވެ.