އެމެރިކާގެ ރިޔާސީ ރޭހުން ބައިޑަން ވަކިވެވަޑައިގެންފި

އުމުރުން ދުވަސްވީ އެމެރިކާގެ އެއް ރައީސް ކަމަށް ވާ ޖޯ ބައިޑަން މިއަހަރުގެ ރިޔާސީ ރޭހުން ވަކިވެވަޑައިގެންފިއެވެ.

މުސްކުޅިފުޅު ކަމާއި އަދި ކަންކަން ހަނދުމަފުޅު ނެތުމުގެ މައްސަލަތަކާ ދިމާވަމުން ދިޔުމާއެކު އޭނާގެ އިސްތިއިއުފާ އަށް ގޮވާލައި އޭނާ ނިސްބަތްވާ ޑިމޮކްރޭޓުން އަޑުއުފުލަމުން އަންނަ ދަނޑިވަޅެއްގައި ރޭހުން ވަކިވާކަން އިއުލާން ކުރެއްވީ ޓްވިޓާގައި އާންމު ކުރެއްވި ބަޔާނެއްގައެވެ.

އެ ބަޔާނުގައި އޭނާ ވިދާޅުވީ, މިއަދު އެމެރިކާ އަކީ އެންމެ ވަރުގަދަ އިގުތިސޯދު ކަމަށާއި ގައުމު ބިނާކުރުމަށް ތާރީހީ އިންވެސްޓްމަންޓުތައް ކުރައްވާފައި ވާ ކަމަށެވެ. އެގޮތުން އުމުރުން ދުވަސް ވީ މީހުންނަށް ލިބޭ ބޭސްފަރުވާގެ އަގު ހެޔޮ ކުރެއްވުމާއި އެމެރިކާގެ ގިނަ އަދަދެއްގެ ރައްޔިތުންނަށް އެކަށީގެންވާ އަގެއްގައި ސިއްހީ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަވާފައި ވާ ކަމަށެވެ.

އަދި ގައުމުގެ ދިފާއުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން, ނުރައްކާތެރި ވިހަ މާއްދާތަކަށް ހުށަހެޅިފައިވާ މިލިއަނެއްހާ މީހުންނަށް ބޭނުންވާ ހައްސާސް އެހީ ފޯރުކޮށް ދެވިފައި ވާ ކަމަށެވެ.

މިފަދަ އެތައް ވާހަކަތަކާއެކު ރޭހުން ވަކިވެވަޑައިގަންނަވާކަން ހާމަ ކުރައްވައި ބައިޑަން ވިދާޅުވީ, އެމެރިކާއަށް މިއަދު ލިބިފައިވާ މަގާމާއި ކާމިޔާބީ އަކީ ގައުމުގެ ރައްޔިތުންގެ ފަރާތުން ލިބިފައިވާ ކާމިޔާބީއެއް ކަމަށާއި, މިވަގުތު ރޭހުން ވަކިވެވަޑައިގަތުމަކީ ޕާޓީ އަށާއި ގައުމަށް އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އަދި ރިޔާސީ ރޭހުން ވަކިވެ ވަޑައިގެންނެވި ނަމަވެސް މިހާރު ފުރިހަމަ ކުރައްވަމުން ގެންދަވާ ދައުރު ފުރިހަމަ ކުރައްވާނެ ކަމަށް ވިދާޅުވެފައި ވެއެވެ.

ރިޔާސީ ރޭހުން ބައިޑަން ވަކިވެވަޑައިގެންނެވި އިރު އޭނާ އެ މަގާމަށް މިހާރު 'ފިޓް ނޫން' ކަމަށް ބުނެ އޭނާ ނިސްބަތްވާ ޕާޓީގެ 30 މެންބަރުން [މަޖިލީސް މެންބަރުން] ވަނީ ވާހަކަ ދައްކަވާފައެވެ.

ބައިޑަން ރިޔާސީ ރޭހުން ވަކިވެވަޑައިގަތުމުން އެފުރުސަތު ދެން ލިބިވަޑައިގަންނަވާނެ ކަމަށް ބުނަމުން ދަނީ ނައިބު ރައީސް ކަމަލާ ހެރިސް އަށެވެ. އަދި އެއީ ބައިޑަން އެދިވަޑައިގަންނަވާ ގޮތް ކަމަށް ޑިމޮކްރެޓިކް ޕާޓީގެ އިސް ބައެއް ވެރިންނާ ހަވާލާދީ ސީއެންއެންގައި ބުނެފައި ވެއެވެ.