އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ދަރިކަލެއް ކަމަށް ވާ އުމުރުން 54 އަހަރުގެ ހަންޓާ ބައިޑަން, ގަވައިދާ ހިލާފަށް ހަތިޔާރު ބައްލަވައިގަނެ އެ ގެންގުޅުއްވިކަން ސާބިތުވެ ކުށްވެރިވާކަމަށް ކަނޑައަޅައިފިއެވެ.
އެމެރިކާގެ ގާނޫނުތައް ބުނާގޮތުން ވަކި ޝަރުތުތަކެއް ހަމަވާނަމަ އަމިއްލަ ރައްކަލަކަށްޓަކައި ހަތިޔާރެއް ގެންގުޅެވިދާނެއެވެ. އޭގެ ތެރޭގައި މަސްތުވާބާވަތެއްގެ އެއްޗެއް ބޭނުން ކުރާ މީހަކު ނުހިމެނޭ އިރު ބައިޑަންގެ ދަރިފުޅު ތާށިވީ އޭނާ އަކީ ކޮކޭން ބޭނުން ކުރައްވާ ބޭފުޅަކަށް ވުމުންނެވެ.
ބައިޑަންގެ އުފަން ސްޓޭޓް, ވިލްމިލްގްޓަންގެ ޑެލަވެއާ ގެ ފިހާރައަކުން 2018 ވަނަ ހަންޓާ ބައިޑަން ފިސްތޯލައެއް ބައްލަވައިގެންނެވި އިރު އޭނާ ހުންނެވި މަސްތުގެ ހާލަތުގައި ކަމަށް ކޯޓުގައި ވަނީ ސާބިތުވެފައެވެ.
އޭނާ ކުށްވެރިވީ އެ ފިސްތޯލަ ބައްލަވައިގަތުމަށް ފުރި ފޯމުގައި އޭނާ އަކީ މަސްތިވާތަކެތި ބޭނުން ކުރައްވާ ބޭފުޅެއް ނޫން ކަމަށް ބުނެ ދޮގު މައުލޫމާތު ދީފައި ވުމާއި އެހާލަތުގައި ފިސްތޯލާ ބައްލަވައިގަނެ އޭނާގެ އަތުގައި އެ ފިސްތޯލަ ބޭއްވުމުންނެވެ.
ކޯޓު އަޑުއެހުންތަކުން އެނގިފައިވާ ގޮތުގައި އޭނާގެ އަތުގައި އެ ފިސްތޯލަ 11 ދުވަހު ބޭއްވެވިއެވެ. އޭގެ ފަހުން ބިރުން ފިސްތޯލަ އެއްލާލެއްވި ނަމަވެސް ކުށެއް ކުރައްވާފައި ވާކަން ސާބިތުވެ ކޯޓުން ނިންމީ 120 ދުވަހުގެ ތެރޭގައި ހުކުމް ކުރުމަށެވެ.
ހަންޓާ އަކީ އެމެރިކާގެ މިހާރުގެ ރައީސްގެ ދަރިކަލަކަށް ވާއިރު އެމެރިކާގެ ރިޔާސީ ރޭހުގެ 2 ވަނަ ދައުރެއް ހޯއްދެވުމަށް ބައިޑަން ކުރައްވާ މަސައްކަތަށް މިކަމުގެ ސަބަބުން ހިޔަނި އެޅިފައި ވާ ކަމަށް މުރާސިލުން ބުނެއެވެ. މި މައްސަލައިގައި އޭނާ އަށް އަންނާނެ ހުކުމަކާ މެދު މިހާރު ބަހުސް ހިނގަމުން ދާ އިރު އެއްބަޔަކު ބުނަނީ އޭނާގެ އަތުގައި ފިސްތޯލަ އޮތް ނަމަވެސް އޭގެ ބޭނުން ކުރައްވާފައި ނުވުމާއި އޭނާ އަކީ އޭގެ ކުރިން ކުށެއް ކުރެއްވިކަން ސާބިތުވެފައި ވާ ބޭފުޅަކަށް ނުވާތީ އަންނާނީ ވަރަށް ލުއި ހުކުމެއް ކަމަށެވެ.
ގާނޫނުތަކުގައި ބުނާގޮތުން, ފުރަތަމަ ފަހަރު ކަމުން ލުއި އަދަބެއް ދިނުމަކީ ފަނޑިޔާރުންނަށް އިހުތިޔާރު އޮންނަ ކަމެކެވެ. ނަމަވެސް އެއްފަހަރު ނަމަވެސް ކުށެއް ކޮށްފައި ވާ މީހެއް ނަމަ މަދުވެގެން 25 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ހަންޓާ ބައިޑަންގެ މައްޗަށް ތުހުމަތު ކުރެވޭ ޓެކްހަށް މަކަރު ހެއްދެވި މައްސަލައެއްވެސް އެބަ އޮތެވެ. އެ ކޭސްގެ ފުރަތަމަ މަރުހަލާގައި އޭނާގެ މައްޗަށް ކުށް ސާބިތުވެފައި ނުވި ނަމަވެސް ދެވަނަ މަރުހަލާގެ އަޑުއެހުންތައް ސެޕްޓެމްބަރު 5 ގައި ފެށުމަށް ވަނީ ތާވަލު ކޮށްފައެވެ. ދައުވާ ކުރާ ފަރާތްތަކުން ބުނެފައި 2016 އިން 2019 އާ ދެމެދު ޖުމްލަ 1.4 މިލިއަން ޑޮލަރުގެ ޓެކްސް ފައިސާ ނުދައްކަވާ މަކަރު ހެއްދެވި ކަމަށެވެ. އެ ކުށް ސާބިތުވެއްޖެ ނަމަ 17 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.