ވޯލްޑް އެސޯސިއޭޝަން އޮފް ގާލްގައިޑްސް އެންޑް ގާލް ސްކައުޓްސްގެ އޭޝިއާ ޕެސިފިކް ރީޖަންއިން ގައުމުތަކުގައި ގާލްގައިޑް ހަރަކާތް ކުރިއެރުވުމަށް މަސައްކަތްކުރައްވާ ވަކި ފަރުދުންނަށް ދެވޭ އެންމެ މަތީ ޝަރަފުވެރި އެވޯޑު ޗީފް ގައިޑް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދަށް އަރުވައިފިއެވެ.

އެއެވޯޑު ފަޒުނާއަށް އަރުވާފައި ވަނީ މިއަދު ކަސްޓަމްސް ބިލްޑިންގައި މޯލްޑިވްސް ގާލްގައިޑް އެސޯސިއޭޝަނުގެ 2022 ވަނަ އަހަރުގެ، އަހަރީ އާންމު ޖަލްސާގައެވެ.

އެ އެވޯޑަކީ މެޑަމް ފަޒުނާ ގާލް ގައިޑް ހަރަކާތަށް ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތައް ފާހަގަކޮށް އެކަމުގެ އަގުވަޒަންކުރައްވައި އޭޝިއާ ޕެސިފިކް ރީޖަނަލް އެވޯޑުގެ އިންޑިވިޖުއަލް ކެޓަގަރީން އަރުވާފައިވާ އެވޯޑަކަށްވާއިރު މިއީ ރާއްޖޭގެ ފަރާތަކަށް އެ އެވޯޑް ހާސިލުކުރެއްވި ފުރަތަމަ ފަހަރެވެ.

މިއަދު ބޭއްވި ޖަލްސާގައި ހިލޭ ސާބަހަށް މަސައްކަތްކުރުމުގެ ކެޓަގަރީން އޭޝިއާ ޕެސިފިކް ރީޖަން އެޕްރިސިއޭޝަން އެވޯޑް 5 ފަރާތަކަށް އަދި އޭޝިއާ ޕެސިފިކް ރީޖަން އެޕްރިސިއޭޝަން އެވޯޑް 4 އޮގަނައިޒޭޝަނަކަށް ދީފައިވާއިރު ވޮރަންޓް ސެޓްފިކެޓް ލިބުނު ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މެޑަމް ފަޒުނާއެވެ.

އެ ޖަލްސާގައި 5 އަހަރާއި 30 އަހަރާއި ދެމެދުގެ މުއްދަތެއްގައި ހިދުމަތްކޮށްދެއްވާފައިވާ 75 ފަރާތަކަށާއި މޯލްޑިވްސް ގާލް ގައިޑް އެސޯސިއޭޝަންގެ އެޕްރިސިއޭޝަން އެވޯޑު ހާސިލްކުރި 2 ފަރާތަކަށް ވަނީ އެވޯޑް ހަވާލުކޮށްދެއްވާފައެވެ.