ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމީޔާބީއާއެކު އަނެއްކާ ވެސް އެމްޑީޕީ އެތެރޭގައި ހިޔާލު ތަފާތުވުމާއި ބައިބައިވުމުގެ ކުލަވަރުތައް ފެންނަން ފަށައިފިއެވެ. މަޝްވަރާގެ ނަމުގައި 'ބޮޑު ބަދަލެއް' ގެންނަން ޖެހޭ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ކޮންޓްރޯލް ނެގުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރަން ފެށި މަސައްކަތާއެކު މިހާރު ފެންނަމުން ދަނީ އެމްޑީޕީ އެތެރޭގައި ރައީސް ނަޝީދަށް ތާއީދު ކުޑަވެފައިވާ މިންވަރެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޝްވަރާގެ މޭޒަށް ވަޑައިގަންނަވަންދެން މުޅި ރާއްޖޭގައި އިހުތިޖާޖުތައް ކުރިއަށް ގެންދަވާނެކަމަށް ރޭ ނަޝީދު ވިދާޅުވުމާއެކު، ސިޔާސީ މަސްރަހު ވަނީ ހޫނުވެފައެވެ. ނަމަވެސް މިފަހަރު އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ ސަރުކާރުގެ ރައްދަކަށް ވުރެ ބޮޑަށް، ކުރީގެ ފަސްޓް ލޭޑީ ފަޒްނާ އަހްމަދު ސޯޝަލް މީޑިއާގައި ދެއްވި މަލާމާތުގެ ރައްދަށެވެ. ފަޒްނާގެ ފޭސްބުކް އަދި އިންސްޓަގްރާމް ސްޓޯރީގައި ޖެއްސެވި "ލޮލް" އަކީ ހަމައެކަނި އާދައިގެ ބަސްކޮޅެއް ނޫނެވެ. އެއީ އެމްޑީޕީ ދޫކުރައްވައި ވަޑައިގަތުމަށްފަހު، އަނެއްކާވެސް ޕާޓީގެ ހުންގާނާ ހަވާލުވެވަޑައިގަންނަވަން ނަޝީދު ކުރައްވާ މަސައްކަތާމެދު ޕާޓީގެ އާންމު މެންބަރުންނާއި އިސް ސަފުގައި ތިއްބެވި ބޭފުޅުންގެ ހިތްޕުޅުގައި އޮތް ނުތަނަވަސްކަމުގެ ސާފު ތަސްވީރެކެވެ.
މަޝްވަރާގެ ދައުވަތަށް ސަރުކާރުގެ ފަރުވާލެއް ނެތް!
މަޝްވަރާ ކުރެއްވުމަށް ރައީސް މުއިއްޒަށް ދައުވަތު އެރުވި ނަމަވެސް، މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ އެ ދައުވަތަށް ވަރަށް ސާފުކޮށް ނޫނެކޭ ވިދާޅުވެފައެވެ. ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ ފަސް އަހަރުގެ މެނިފެސްޓޯއަކާއެކު ކަމަށާއި، ނަޝީދު ހުށަހަޅުއްވާ ކަންކަމަކީ އެ މެނިފެސްޓޯގައި ހިމެނޭ ކަންކަމެއް ނޫނެވެ.
ސަރުކާރުގެ މި ނިންމުމާއެކު، ނަޝީދު ވަނީ އެމްޑީޕީން ކުރިއަށްގެންދާ ސިލްސިލާ އިހުތިޖާޖުތަކާ ގުޅިވަޑައިގެން، ސަރުކާރަށް ޕްރެޝަރު ކުރުމުގެ މަސައްކަތް ފައްޓަވާފައެވެ. އެގޮތުން ރޭ ނަޝީދު ވަނީ އެއް މޭޒެއްގެ ދޮށަށް މަޝްވަރާ ކުރެއްވުމަށް މުއިއްޒު ވަޑައިނުގަންނަވާ ނަމަަ އިހުތިޖާޖުތައް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ. މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި އިހުތިޖާޖު ކުރިއަށް ގެންދަވާނެ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ފަޒްނާގެ ރައްދާއި އެމްޑީޕީގެ އެތެރޭގެ ކޯޅުން!
ފަޒްނާ ވިދާޅުވީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާއި 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިވި ކަމުގައިވީ ނަމަވެސް، އެމްޑީޕީން ދިޔައީ މުޒާހަރާތަކާއި، މަސައްކަތު ބައްދަލުވުންތަކާއި އަދި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް މެދުވެރިކޮށް، ސިޔާސީ މައިދާނުގައި ސާބިތުކަމާއެކު ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. މި ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީން ގޮނޑިތައް ކާމިޔާބު ކުރުމަކީ، ޕާޓީގެ މެންބަރުން އަމަލީ މައިދާނުގައި ކުރި ހިތްވަރުގަދަ އަދި މެދުކެނޑުމެއް ނެތް ބުރަ މަސައްކަތްތަކުގެ ނަތީޖާ ކަމަށް ވެސް ފަޒްނާ ފާހަގަ ކުރެއްވިއެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާނެކަން އިއުލާން ކުރެއްވި ދުވަހު ނަޝީދު ވަނީ ގާނޫނު އަސާސީއަށާއި ވެރިކަން ކުރާ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ފެންނަ ކަން ހާމަކުރައްވާފައެވެ. ގާނޫނު އަސާސީއަށް އަމަލުކުރަން ފެށިތާ ގިނަ އަހަރުތަކެއް ވެފައިވާ އިރު ބަދަލުތަކެއް ގެންނަ ޖެހޭ އިރު މި ބަދަލުތަކުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ފައިދާއެއް ލިބިގެން ދާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. ދިވެހި ރާއްޖެއަކީ ގުދުރަތީ ވަސީލަތްތައް ގިނަ ގައުމެއް ކަމަށާއި އެ ވަސީލަތްތަކުގެ ބޭނުން ކޮށްގެން ފުރިހަމަ ނިޒާމެއްގެ ތެރޭގައި ރާއްޖޭގެ ރައްޔިތުންނަށް ހެޔޮގޮތްތައް ހޯދައި ދިނުމަކީ ކުރެވެން އޮތް ކަމެއް ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.
އެގޮތުން ނަޝީދު ފާރާތްޕުޅުން ހުށަހެޅުއްވި ބަދަލުތަކުގެ ވާހަކަ އެ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްވި ނަމަވެސް އެއިން އެއްވެސް ކަމަކާ ގުޅިގެން ސީދާ އެމްޑީޕީން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެެއްް ނުވެއެވެ. ހަމައެއާއެކު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ، ނިޒާމީ ބޮޑު ބަދަލުތަކެއް ހިމެނޭހެން ހުށަހެޅުންތަކެއް އާންމުކޮށް ރައީސް މުއިއްޒުއާ އެކު މަޝްވަރާ ކުރަން ވަޑައިގަތުމުގެ ކުރިން ފުރަތަމަ މަޝްވަރާކުރަންވީ ގައުމީ މަޖިލީހުގައި ކަމަށެވެ. މިއާއެކު ނަޝީދު ހުށަހެޅި ބޮޑު ބަދަލަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގައި މަޝްވަރާ ކުރެވިގެން އައިސްފައިވާ ކަންކަން ނޫން ކަން އެބަ ދޭހަވެއެވެ. އެމްޑީޕީ އުނދަގޫ ހާލަތެއްގައި އޮއްވައި ޕާޓީ ރޫޅާލަން މަސައްކަތްކުރެއްވުމަށްފަހު، މިހާރު ކުއްލިއަކަށް ވަޑައިގެން ޕާޓީގެ ލީޑަޝިޕް ނަންގަވަން އުޅުއްވުމަކީ ގިނަ ބަޔަކު ބަލައިގަންނަ ކަމެއް ނޫން ކަން އެބަ ދޭހަވެއެވެ.
ނަޝީދު އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެން، ކުރީގެ ޗެއާޕާސަން ފައްޔާޒް ވެރިކަމަށް ގެންނަން ތާއީދުކުރައްވާ ކަމަށް ވިދާޅުވުމަކީވެސް ސިޔާސީ އުކުޅެކެވެ. މިއީ ޕާޓީގެ އެތެރޭގައި ވަކި ފެކްޝަނެއް ހައްދަވައިގެން ބާރުވެރިކަން ހޯއްދެވުމަށް ކުރައްވާ މަސައްކަތެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. ގާނޫނު އަސާސީއަށް ގެންނަން ބޭނުންވާ ބަދަލުތަކުގެ ވާހަކައަކީ ހަމައެކަނި ސަމާލުކަން ހޯދުމަށް ދައްކަވާ ވާހަކަތަކެއް ކަމަށް ބެލެވެއެވެ.
އެމްޑީޕީގެ ރަސްމީ ގުނަވަންތަކުން މި "ބޮޑު ބަދަލު" އާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދައްކާފައި ނުވުމުން، މިއީ ނަޝީދުގެ އަމިއްލަ އެޖެންޑާއެއްކަން ކަށަވަރުވެއެވެ. މީގެ ކުރިން ވެސް ބަރުލަމާނީ ނިޒާމެއް ގެނައުމަށް ނަޝީދު މިފަދައިން ވަނީ މަސައްކަތް ކޮށްފައެވެ. ހަމައެކަނި ބަރުލަމާނީގެ ނަން ބަދަލުކޮށް މިއޮތީ ބޮޑު ބަދަލުގެ ނަމަށް ބަދަލެއް ގެނެސްފައި ކަމަށް ވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުން، ޕާޓީގެ އާންމު މެންބަރުން މި ބައިބައިވުމަށް ޖާގަދޭނެތޯ ނުވަތަ ޕާޓީގެ އެއްބައިވަންތަކަން އިސްކުރާނެތޯ ސާފުވެގެންދާނެއެވެ.
