ނަފްސާނީ ދުޅަހެޔޮކަމަކީ ސެކަންޑަރީ ކަންބޮޑުވުމެއްނޫން ކަމަށާއި، އެއީ ފަރުދީ ދުޅަހެޔޮކަމުގެ މައިގަނޑު އެއް އަސާސްކަމުގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެއެވެ.

ފަޒްނާ މިފަދައިން ވިދާޅުވީ މިއަދު ހެނދުނު ވިލާ ނޯޓިކާގައި ބޭއްވި އޮއިވަރު މެންޓަލް ހެލްތް ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެ ކަމަނާ ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަން ގަބޫލުކުރުމަކީ ހުޅުވާލެވިފައިވާ މަޝްވަރާތަކަށް މަގުފަހިކޮށްދޭ ކަމެއްކަމަށެވެ. އަދި އެކަމުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދޭ ފަރާތްތަކާއި ސިއްހީ ހިދުމަތްތެރިންގެ އިތުރުން އަމިއްލަ ފަރުދުން ވެސް ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދިނުމަށް މުޖުތަމައުއަށް ބާރުއެޅޭނެ ކަމަށެވެ.

އެ ކޮންފަރެންސްގެ ޝިއާރު "ޗޭންޖިން ކަރަންޓްސް: ފޯމިން ކަނެކްޝަންސް" އަކީ އަބަދުވެސް ބަދަލުވަމުންދާ ދުނިޔޭގައި ވަރަށް މުހިންމު ޝިއާރެއްކަން ފާހަގަ ކުރައްވާ އެކަމަނާ ވިދާޅުވީ ހުރިހާ ބަދަލެއް ކޮންޓްރޯލް ނުކުރެވޭ އިރު، ސިޔާސީ ވިސްނުމާއި ޑޭޓާ ލިބުމާއި ކެޕޭސިޓީ އާއި ގުޅިގެން ނުފޫޒު ފޯރުވާ، ޖަވާބުތައް ބައްޓަން ކުރެވިދާނެ ކަމަށެވެ.

ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދިނުމުގެ ސިޔާސީ ވިސްނުމުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތްކުރާ ގައުމީ މަރުކަޒު އުފެދިފައިވާކަން ފަޒްނާ ވަނީ ފާހަގަ ކުރައްވާފައެވެ. އެ މަރުކަޒުގެ ސަބަބުން އިން ޕޭޝަންޓް ސައިކޭޓްރީގެ ހިދުމަތްފުޅާވެފައިވާއިރު، ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ތެރަޕިއުޓިކް ހިދުމަތްތަކަށް އާސަންދަ ކަވަރޭޖް އިތުރުކުރުމާއި، ދުޅަހެޔޮ ދިރިއުޅުމެއްގެ ތެރެއިން ފިޒިކަލް ފިޓްނަސް އާއި ކުޅިވަރު ކުރިއެރުވުމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ ޖީއޭޕީ ތަމްރީނު އިތުރުކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާއިން މަތީ ތައުލީމުގެ ސްކޮލާޝިޕްތައް ފޯރުކޮށްދިނުމާއި، މާލެ ސަރަހައްދުން ބޭރުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތްކޮށްފައިވާކަމަށް ވެސް އެކަމަނާ ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމާބެހޭގޮތުން މިހާރު ލިބެން ހުރި ތަފާސް ހިސާބުތަކަކީ ނިސްބަތުން މަދު އަދި ގިނަ ދުވަސްވެފައިވާ ތަފާސް ހިސާބުތަކެއްކަމުގައި ގަބޫލުކުރައްވާކަން ފާހަގަކުރައްވާ އެކަމަނާ ވަނީ ނަފްސާނީ ބަލިތަކުން ރައްކާތެރިވެ، އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އިންޓަވެންޝަންތައް އެންމެ ބޭނުންވާނެ ހާލަތާއި އެ ވަގުތުތައް ދެނެގަތުމަށްޓަކައި، ފުޅާ ދާއިރާއެއްގައި ފަހުގެ ތަފާސް ހިސާބުތައް ބޭނުންވާކަމަށް ވިދާޅުވެފައެވެ.

ފަޒްނާ އިތުރަށް ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިވުމުގެ ގާބިލުކަން އިތުރުކޮށް، ނަފްސާނީ ދުޅަހެޔޮކަން އަވަހަށް ދެނެގަނެ، ބަލިން ރައްކާތެރިވެ، ލާމަރުކަޒީ އުސޫލުން ހިދުމަތްތައް ހޯދުމުގެ ގާބިލުކަން އިތުރުކުރަންޖެހޭ ކަމުގައެވެ. އަދި އެކަކު އަނެކަކުގެ ތަޖުރިބާއިން ކަންކަން ދަސްކުރުމަކީ ވަސީލަތްތަކުގެ ދަތިކަމުން އަރައިގަތުމަށާއި، ޑުޕްލިކޭޓްވުމުން ދުރުހެލިވުމަށް ވަރަށް މުހިންމު ކަމެއް ކަމުގައެވެ.

ނޭޝަނަލް ސެންޓާ ފޯ މެންޓަލް ހެލްތުން ފަށާފައިވާ ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ "އޮއިވަރު މެންޓަލް ހެލްތް ކޮންފަރެންސް" ގެ މަގްސަދަކީ ނަފްސާނީ ބަލިތަކާއި އެފަދަ އެހެން ކަންކަމަށް ހައްލެއް ހޯދޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރުމެވެ.