ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެ އަނބިކަބަލުން ސާޖިދާ މުހައްމަދު އާއި ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު މުލިއާ ގޭގައި ބޭއްވި މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ ވަނީ 2023 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ޑރ.މުއިއްޒު ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ދަންނަވާފައެވެ. ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ވެރިންގެ އަނބިކަނބަލުން މި ގޮތަށް ބައްދަލުކުރެއްވުމަކީ މީގެ ކުރިން ކޮށްފައިވާ ކަމެއް ނޫނެވެ.

މެޑަމް ފަޒްނާ އަދި އިންތިހާބީ ރައީސްގެ އަނބިކަނބަލުން ސާޖިދާ/ފޮޓޯ: ރައީސް އޮފީސް

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ފަސްޓް ލޭޑީ ފަޒްނާ އާއި ސާޖިދާ ވެސް ވަނީ ކެމްޕެއިން ހަރަކާތުގައި އަމަލީ ގޮތުން މަސައްކަތްކުރައްވާފައެވެ. މި ގޮތުން ފަޒްނާ ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެމްޕެއިންގައި މާލެ އާއި ހުޅުމާލޭގައި ބޭއްވި ގިނަ ހަރަކާތްތަކުގައި ބައިވެރިވަޑައިގަންނަވާފައެވެ. މީގެ އިތުރުން ޑރ.މުއިއްޒު ގެ ކެމްޕެއިންގައި ރާއްޖޭގެ އަތޮޅުތަކަށް މުއިއްޒު ކުރެއްވި ދަތުރުފުޅުތަކުގައި ސާޖިދާ ބައިވެރިވަޑައިގެންނެވިއެވެ.

ރރިޔާސީ އިންތިހާބުގެ ފޯރިގަދަ ކެމްޕެއިނަށް ފަހު ފަޒްނާ އާއި ސާޖިދާ ބައްދަލުކުރައްވާފައިވާއިރު ޑރ. މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވީ 126،499 ވޯޓުންނެވެ. މި އިންތިހާބުގައި ރާއީސް ސޯލިހް އަށް ލިބިވަޑައިގަތީ 108،735 ވޯޓެވެ.