ތުރުކީއާއި ސީރިއާ ބޯޑަރު ސަރަހައްދަށް އައި ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވާން ރާއްޖެއިން މަސް ދަޅު ފޮނުވަން ފަށައިފިއެވެ.

ފޮރިން މިނިސްޓްރީއިން ބުނީ ބިންހެލުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު މިދިޔަ މަހުގެ 10 ވަނަ ދުވަހު ނިންމާފައިވާ ކަމަށާއި އެ ނިންމުމުގެ ދަށުން އެހީގެ ގޮތުގައި އެ ގައުމަށް 5 ލައްކަ މަސް ދަޅު ފޮނުވުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.

ބިންހެލުމުގެ ސަބަބުން ހާލުގައި ޖެހުނު ދެ ގައުމުގެ ފަރާތްތަކަށް، ދިވެހިންގެ ނަމުގައި ޖުމްލަ 1،000،000 މަސްދަޅު ހަދިޔާ ކުރަން ރައީސް ސޯލިހު ނިންމަވާފައި ވާއިރު ކޮންމެ ގައުމަކަށް ފޮނުވަން ނިންމާފައި ވަނީ 500،000 މަސްދަޅެވެ.

އެ އެހީ މިއަދު ވެލާނާ އެއާޕޯޓުން ރާއްޖޭގައި ހުންނަ ތުރުކީގެ އޮނަރަރީ ކޮންސިއުލޭޓުގެ އޮފިސަރަކާ ހަވާ ލުކޮށްދެއްވާފައި ވަނީ ފޮރިން ސެކެރެޓަރީ އަހުމަދު ލަތީފްއެވެ.

އެ އެހީ ތުރުކުރީއަށް ފޮނުވުމަށް ހަމަޖެހިފައިވަނީ ޓާކިޝް އެއާ މެދުވެރިކޮށް ފަސް ބެޗަކަށް ބަހާލައިގެން ކަމަށާއި ފުރަތަމަ ބެޗު މިއަދު ފޮނުވާލާފައިވާއިރު މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ހުރިހާ ބެޗެއް ފޮނުވާލެވޭނެ ކަމަށް ފޮރިން މިނިސްޓްރީއިން ބުނެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ތުރުކީގެ ދެކުނުގެ ބައެއް ސަރަހައްދުތަކަށާއި ސޫރިއާގެ އުތުރުގެ ބައެއް ސަރަހައްދުތަކަށް އައި 7.8 މެގްނިޓިއުޑްގެ ބިންހެލުމުގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ތުރުކީގެ 11 ޕްރޮވިންސްގެ ތެރޭގައި މަލަޓިއާ ވެސް ހިމެނެއެވެ. އެ ބިންހެލުމުގެ ސަބަބުން ދެ ގައުމުން ވެސް 48،000 އަށް ވުރެ ގިނަ މީހުން މަރުވެ، ތުރުކީގެ 173،000 އިމާރާތް ވެއްޓި ނުވަތަ ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

އެ ބިންހެލުމަށް ފަހު ގިނަ އާފްޓާ ޝޮކްތަކެއް އަންނަމުންދާ އިރު، އެ މަހުގެ 20 ވަނަ ދުވަހު ޑެފްނޭ އަވަށަށް ވަނީ 6.4 މެގްނިޓުއުޑްގެ ބިންހެލުމެއް އައިސްފައެވެ. އޭގެ އިތުރުން އެ މަހުގެ 27 ވަނަ ދުވަހު 5.6 މެގްނިޓިއުޑްގެ ބާރުމިނުގެ ބިންހެލުން ވެސް ވަނީ އެ ގައުމަށް އައިސްފައެވެ.