ޑިމޮކްރަސީގެ ތެރެއިން އެކި ދާއިރާތަކުގައި މަސައްކަތް ކުރާ މީހުންނަށް ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަރަށް ފުޅާ ދާއިރާއެއްގައި ހޯދައި ދެވިއްޖެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިހެން ވިދާޅުވީ، ރާއްޖޭގައި އެކި ސިނާއަތްތަކާއި ވަޒީފާގެ ބާޒާރުގައި ހަރަކާތްތެރިވާ ދާއިރާތައް ގުޅިގެން ފުރަތަމަ ފަހަރަށް ބޭއްވި މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ "މަސައްކަތެރިންގެ ކޮންގްރެސް" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ފައްޔާޒު ވިދާޅުވީ ވަޒީފާއާއި ގުޅޭ ކަންކަމުގައި ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް މުހިންމު ބަދަލުތަކެއް ހޯދައި ދެވިއްޖެ ކަމަށާއި މިއީ ޑިމޮކްރަސީގެ ތެރެއިން މަސައްކަތްތެރިންނަށް ހޯދައިދެވުނު ވަރަށް މުހިންމު ހައްގެއް ކަމަށެވެ. އެމީހަކު ވަޒީފާ އަދާކުރާ ދާއިރާއަކާއި ގުޅުން ހުރި ޝަކުވާއެެއް ކަމާގުޅުން ހުރި ފަރާތްތަކަށް ގެންދިއުމުގެ ފުރުސަތު ފަހިވެފައިވާ ކަން ފާހަގަ ކުރައްވަމުން ފައްޔާޒް ވިދާޅުވީ، މިސަރުކާރުގެ ފުރަތަމަ ކެބިނެޓް ބައްދަލުވުމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެންމެ ބޮޑަށް ބާރުއެޅުއްވީ މަސައްކަތްތެރިންނާއި ރާއްޖޭގެ ވަޒީފާގެ ބާޒާރާއި އިގްތިސޯދީ މައްސަލަތަކަށް ރިއާޔަތް ކުރުމަށް ކަމަށެވެ.

މީގެ ކުރިން މަސައްކަތްތެރިންގެ ހައްގަކީ އޮންނަން ޖެހޭ އެއްޗެއްކަން ނޭނގޭ ކަމަށާއި އިންޑަސްޓްރިއަލް ރިލޭޝަންސް ގާނޫނަކީ މިކަމަށް ހޯދައިދޭނެ އެންމެ ބޮޑު ހައްލު ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އެގޮތުން އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އައި ޖޮބް ސެންޓަރު ވަކި އޮފީހެއްގެ ގޮތުގައި ބަދަލުކޮށް ހިންގަން ފެށުމަކީ އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި މިނިސްޓަރު ފައްޔާޒް ސިފަކުރެއްވިއެވެ. މިއީ ފެށުމެއް ކަމަށާއި ކުރިއަށް އޮތްތާ ވަޒީފާގެ ބާޒާރު ކުރިއަރުވާ ހުރިހާ އިންޑަސްޓްރީތައް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ރޭ ކުރިއަށް ގެންދިޔަ މަސައްކަތްތއރިންގެ ކޮންގްރެސްގައި 5 ޖަމިއްޔާއަކުން ބަިއވެރިވެފައި ވެއެވެ. އެއީ ޓުއަރިޒަމް އެމްޕްލއީސް އެސޯސިއޭޝަން އޮފް މޯލޑިވްސް (ޓީމް) އާއި ޓީޗަރުންގެ އެސޯސިއޭޝަނާއި، ހެލްތް ވޯކާސް އެސޯސިއޭޝަނާއި، ކޯޓް ވޯކާސް އެސޯސިއޭޝަންގެ އިތުރުން ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަންއެވެ.

މި ކޮންގްރެސްގައި ބައިވެރިވި ޔޫނިއަންތަކުގެ ފަރާތުން ޕެނަލް ޑިސްކަޝަންތަކެއް ކުރިއަށް ގެންގޮސްފައިވާ އިރު، އެ ޑިސްކަޝަންތެރޭގައި މަސައްކަތްތެރިންނަށް ކުރިމަތިވާ ބޮޑެތި ގޮންޖެހުންތަކާ މެދު ވަނީ މަޝްވަރާކޮށްފައެވެ. އަދި އެ ޖަމިއްޔާތކުގެ ފަރާތުން ސަރުކާރަށް ހުށަހަޅާ ޑިމާންޑްތަކަކާ ބެހޭ ގޮތުން ވެސް ވަނީ މަޝްވަރާ ކޮށްފައެވެ.