މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ކޯލިޝަން ހެދުމާމެދު ގޮތް ނިންމާނީ ހުރިހާ ގޮތަކަށް ބެލުމަށް ފަހު ކަމަށް އެ ޕާޓީއިން ބުނެފިއެވެ.

"ދަ ޕްރެސް"އަށް މައުލޫމާތު ދެއްވަމުން އެމްއާރްއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ އަލީމް ވިދާޅުވީ އެ ޕާޓީން އިސްކަންދޭނީ ޕާޓީއަށް ލިބޭ ސްލޮޓްތަކަކަށް ނޫން ކަމަށާއި އިސްލާހުގެ މަސައްކަތާއި ޕާޓީން އެދޭ ސިޔާސަތުތައް ގެނެވޭނެ ގޮތަކަށް ކަމަށެވެ.

ކޯލިޝަން ހެދުމާމެދު ޕާޓީތެރޭގައި ރަސްމީކޮށް މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅު މަޝްވަރާ ކުރަން ފަށާފައި ވާކަން ފާހަގަކުރައްވައި އަލީމް ވިދާޅުވީ އެކްސްކޯގެ 3 ބައްދަލުވުމެއްގައި އެ ކަމާ ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އަދި ޕާޓީގެ އެހެން ގުނަވަންތަކުގައި ވެސް މަޝްވަރާތަށް ކުރިއަށް ދާކަމަށް އަލީމް ވިދާޅުވިއެވެ.

އަލީމް އިތުރަށް ވިދާޅުވީ ޕާޓީގެ އާންމު މެންބަރުންގެ ހިޔާލު ހޯދުމަށް ފޯން ސާވޭތައް އަދި ބައްދަލުވުންތައް ކުރިއަށްދާ ކަމަށާއި އެނަލައިސިސް ކޮމިޓީއެއް އުފައްދާ ފަންނީ ގޮތުން ކަންކަން ދިރާސާ ކުރަމުންދާ ކަމުގައެވެ. މީގެ އިތުރުން ޕްރައިމަރީ ބޭއްވުމާއި ކޯލިޝަން ހެދުމާ ގުޅޭ 2 ގަވައިދެއް އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުން ދާކަން ވެސް އަލީމް ވަނީ ފާހަގަ ކުރައްވާފައެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން މިދިޔަ ފެބްރުއަރީގައި މަހުގެ 23 ވަނަ ދުވަހު އާންމު ކުރި ތަފާސްހިސާބު ތަކުން ދައްކާގޮތުގައި އެ މަހުގެ 21 ވަނަ ދުވަހާ ހަމައަަށް އެމްއާރްއެމްގައި 2،9821 މެންބަރުން އެބަތިއްބެވެ. ނަމަވެސް ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު 3،000 މެންބަރުން ހަމަކޮށް އީސީއަށް ފޯމް ހުށަހަޅައިފައިވާ ކަމަށް އެޕާޓީއިން ވަނީ ބުނެފައެވެ.

ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަންވަމުން އަންނައިރު ކޮންމެ ރިޔާސީ ކެނޑިޑޭޓަކުވެސް އަންނަނީ ކޯލިޝަން ހަދާނެ ޕާޓީއެއް ލިބޭތޯ މަސައްކަތް ކުރަމުންނެވެ. އެގޮތުން އަދާލަތު ޕާޓީ އަދި މޯލްޑިވްސް ޑިވަލޮޕްމެންޓް އެލްޔަންސް (އެމްޑީއޭ) އިން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކޯލިޝަން ހަދާފައެވެ.