3000 މެންބަރުން ހަމަނުވާ ސިޔާސީ ޕާޓީތައް އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނޯޓިސް ދީފައިވާ ޕާޓީތަކުގެ ތެރެއިން މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (ލޭބާ ޕާޓީ) އުވާލަން ނިންމި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ލޭބާ ޕާޓީގެ ތަރުޖަމާނު މައުރޫފު ޒާކިރު (މަޓޭ) ވިދާޅުވީ، މިދިޔަ އަހަރުގެ ތެރޭގައި ސިޔާސީ ޕާޓީތަކުގެ ތެރެއިން 3000 މެންބަރުން ހަމަނުވާ ޕާޓީތަކަށް ނޯޓިސް ދިން އިރު އެ ޕާޓީއަށް ވެސް އީސީން ނޯޓިސް ދީފައިވާ ކަމަށެވެ. އެ ގޮތުން ޕާޓީއަށް މެންބަރުން ހަމަކުރުމަށް މުއްދަތު ދިން އިރު، ލޭބާ ޕާޓީން 3000 މެންބަރުން ހަމަކޮށް އީސީއަށް ފޯމް ހުށަހެޅި ކަމަށް މަޓޭ ވިދާޅުވިއެވެ.

ނަމަވެސް އީސީން ވަނީ އެ ޕާޓީ އުވާލަން ނިންމައި ޕާޓީގެ ނަމުގައި އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށާއި، ޕާޓީ އުވާލުމުގެ އިޖުރާއަތު ފުރިހަމަ ކުރުމަށް ލިޔުމުން އަންގާފައި ކަަމަށް ވެސް މަޓޭ ވިދާޅުވިއެވެ. ނަމަވެސް އީސީގެ މި ނިންމުން ބަލައިނުގަންނަ ކަމަށާއި އީސީއާ ދެކޮޅަށް ވާނީ މިދިޔަ އަހަރަުގެ އޮކްޓޯބަރުގައި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ކަމަށް މަޓޭ ވިދާޅުވިއެވެ.

މިހާރު ކޯޓަށް ދެފަރާތުގެ ބަޔާންތައް ހުށަހަޅާފައިވާ ކަމަށާއި، އިބްތިދާއީ އަޑުއެހުންތައް ފެށުމަށް ތައްޔާރު ވަމުން އަންނަ ކަމަށް މަޓޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މި މަހުގެ 5 ވަނަ ދުވަހު އަޑުއެހުމެއް ތާވަަލް ކުރާނެ ކަމަށް ސިވިލް ކޯޓުން ބުނެފައިވާ ކަމަށެވެ. ނަމަވެސް އަދި ޗިޓް ލިބިފައެއް ނުވެއެވެ.

3000 މެންބަރުން ހަމަކުރުމަށް ލޭބާ ޕާޓީއަށް ދީފައިވާ މުއްދަތު ހަމަވިއިރު ވެސް މެންބަރުން ހަމަކޮށްފައި ނުވާތީ އެ ޕާޓީ އުވާލަން ނިންމި ކަން އީސީން އިއުލާން ކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ފަހުކޮޅުގައެވެ. އެއާއެކު މެންބަރުން ހަމަކުރުމަށް އިތުރު މުއްދަތެއް ދިނީ މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހުގެ ރޭ 22:00 ގެ ނިޔަލަށެވެ.

އެ މުއްދަތާ ހަމައަށް މެންބަރުން ހަމަކުރުމަށް އީސީން ނޯޓިސް ދީފައިވާ ޕާޓީތަކުން ފޯމް ހުށަހަލާފައިވާ ގޮތުގެ ތަފްސީލް އީސީން ޓްވީޓު ކުރީ މިދިޔަ އަހަރުގެ ޖޫން 15 ވަނަ ދުވަހުއެވެ. އެ ޓްވީޓުގައި ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ނޯޓިސް ފީދައިވާ ހުރިހާ ޕާޓީއަކުން ވެސް ވަނީ 3000 މެންބަރުން ހަމަކުރަން ބޭނުންވާ އަދަދަށް ފޯމް ހުށަހަޅާފައެވެ. އެގޮތުން ލޭބާ ޕާޓީން 3000 މެންބަރުން ހަމަކުރުމަށް 309 ފޯމް ހުށަހަޅަން ޖެހޭ އިރު ދިން މުއްދަތުގެ ތެޜޭގައި އެ ޕާޓީއަށް ހުށަހެޅުނީ 276 ފޯމް ކަމަށް އީސީން ބުނެއެވެ.

އެންމެ ފަހުން އީސީން ހާމަ ކުރި މައުލޫމާތަށް ބަލާއިރު، ޕާޓީއެއްގައި 3 ހާސް މެންބަރުން ހަމަނުވާ 3 ޕާޓީއެއް އެބަ އޮތެވެ. އެ ޕާޓީތަކަކީ ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)، މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އަދި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އެވެ. މި ޕާޓީތަކުގެ ތެރެއިން އެމްއާރްއެމުން ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު 3000 މެންބަރުން ހަމަކޮށް އީސީއަށް ފޯމް ހުށަހަޅާފައެވެ.

ރާއްޖޭގައި 11 ޕާޓީއެއް ރަޖިސްޓްރީކޮށްފައި ވާއިރު އެންމެ ގިނަ މެންބަރުން ތިބި ޕާޓީއަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެވެ. އެ ޕާޓީގެ ދަފްތަރުގައި މިހާރު 57،660 މީހުން ތިބި އިރު، ދެވަނައަށް މެންބަރުން އެންމެ ގިނައިން ތިބީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގައެވެ. ފާއިތުވި 3 މަސް ދުވަހުގެ ތެރޭގައި ޕީޕީއެމްއަށް ސޮއި ކުރި 6،372 މީހުން ހިމެނޭ ގޮތަށް ޖުމްލަ 38،704 މެންބަރުން ޕީޕީއެމްގައި އެބަ ތިއްބެވެ. އަދި ތިންވަނައަށް މެންބަރުން އެންމެ ގިނައީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގައެވެ. އެ ޕާޓީގައި މިހާރު 22،607 މެންބަރުން އެބަ ތިއްބެވެ.

ގާނޫނު ބުނާ ގޮތުން، ސިޔާސީ ޕާޓީއެއް ރަޖިސްޓާ ކުރުމަށްޓަކައި 3،000 މެންބަރުން ހަމަވާން ޖެހޭނެއެވެ. އަދި ދައުލަތުން ޕާޓީތަކަށް ފައިސާ ދޭނީ 10،000 މެންބަރުން ހަމަވެއްޖެ ނަމައެވެ. 3000 މެންބަރުން ހަމަކޮށް ރަޖިސްޓްރީކޮށްފައި ވީނަމަވެސް އެކި ސަބަބުތަކާ ގުޅިގެން މެންބަރުންގެ އަދަދު 3000 އަށް ވުރެ މަދުވެއްޖެ ނަމަ ޖެހޭނީ އެ ޕާޓީއެއް އުވާލާށެވެ.