3،000 މެންބަރުން ހަމަނުވާ ޕާޓީތަކަށް ދިން މުއްދަތުގައި ހުށަހެޅި ފޯމްތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް ދެ ހަފްތާގެ މުއްދަތެއް ނަގާނެ ކަމަށް، އިލެކްޝަންސް ކޮމިޝަނުން ލަފާކޮށްފިއެވެ.

ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަ ނުވާ ހަތަރު ޕާޓީއަކަށް އެ ކޮމިޝަނުން ވަނީ އެ ޕާޓީތައް އުވާލާނެ ކަމަށް ބުނެ، މީގެ ކުރިން ނޯޓިސް އެއް ފޮނުވައިފައެވެ. އަދި އެ މުއްދަތު ވަނީ ރޭ 10 ޖެހުމާ ހަމައަށް އިތުރު ވެސް ކޮށްދީފައެވެ. އެ ޕާޓީތަކަކީ:

  • ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)
  • ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ)
  • ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)
  • ގާނޫނީ ވަކީލު އަބްދުﷲ ހަސީންގެ މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ)

އީސީން މިއަދު އާންމުކުރި ފަހުގެ ތަފާސްހިސާބު:

  • އެމްއާރުއެމް: މިވަގުތު 2،280 މެންބަރުން އެބަތިބި، 1،397 ފޯމެއް ހުށަހަޅާފައިވާއިރު 3،000 މެންބަރުން ހަމަކުރަން ބޭނުން ވަނީ 720 މެންބަރުން
  • އެމްޓީޑީ: މިވަގުރު 2،457 މެންބަރުން އެބަތިބި، 962 ފޯމެއް ހުށަހަޅާފައިވާއިރު 3،000 މެންބަރުން ހަމަކުރަން ބޭނުން ވަނީ 543 މެންބަރުން
  • ޑީއާރުޕީ: މިވަގުތު 2،269 މެންބަރުން އެބަތިބި. 788 ފޯމެއް ހުށަހަޅާފައިވާއިރު، 3،000 މެންބަރުން ހަމަކުރަން ބޭނުން ވަނީ 731 މެންބަރުން
  • އެމްއެލްއެސްޑީ: 2،691 މެންބަރުން އެބަތިބި، 376 ފޯމެއް ހުށަހަޅާފައިވާއިރު، 3،000 މެންބަރުން ހަމަކުރަން ބޭނުން ވަނީ 309 މެންބަރުން

އިތުރު ތަފްސީލެއް ނުދެއްވި ނަމަވެސް، އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ "ދަ ޕްރެސް" އަށް ވިދާޅުވީ، ދީފައިވާ މުއްދަތުގައި އެ ހަތަރު ޕާޓީން ހުށަހަޅާފައިވާ ފޯމްތަކުގެ ސައްހަކަން ދެނެގަތުމަށް ދެ ހަފްތާގެ މުއްދަތެއް ނަގާނެ ކަމަށެވެ. އަދި އެ ޕާޓީތައް އުވާލަން ޖެހޭނެތޯ ނުވަތަ ޕާޓީތަކުގެ ދަފްތަރުގައި ދެމި އޮންނާނެ ކަން ޔަގީންވާނީ އެއަށް ފަހުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ގާނޫނު ބުނާ ގޮތުން، ސިޔާސީ ޕާޓީއެއް ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީ ކުރުމަށްޓަކައި މަދުވެގެން 3،000 މެންބަރުން ބޭނުންވެއެވެ. އަދި ދައުލަތުން ޕާޓީތަކަށް ފައިސާ ދޫކުރާނީ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.

މިހާރު ވެސް 11 ސިޔާސީ ޕާޓީއެއް އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވެއެވެ.