މާދަމާގެ ނިޔަލަށް ދީފައިވާ މުއްދަތުގައި 3،000 މެންބަރުން ހަމަނުވެއްޖެ ނަމަ، ކުރީގެ ދެވަނައަށް އެންމެ ބޮޑު އެއް ސިޔާސީ ޕާޓީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އުވިދާނެ ކަމުގެ ބިރު ބޮޑުވެއްޖެއެވެ.

ރާއްޖޭގައި އުފެދުނު ފުރަތަމަ ދެ ސިޔާސީ ޕާޓީގެ ތެރޭގައި ހިމެނޭ ޑީއާރުޕީގެ މެންބަރުން މަދުވެފައި ވާއިރު، އެ ޕާޓީގެ ތެރެއިން އުފަންވި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަކީ މިހާރު ދެވަނައަށް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއެވެ

ޑީއާރުޕީގެ އިތުރުން، 3،000 މެންބަރުން ހަމަނުވެއްޖެ ނަމަ، އުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނޯޓިސް ދީފައި ވަނީ ގާނޫނީ ވަކީލް އަބްދުﷲ ހަސީންގެ މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އަށާއި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ)ގެ އިތުރުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އަށެވެ.

އޭގެ ތެރެއިން އެމްއާރުއެމުން ވަނީ މިހާރު 3،000 މެންބަރުން ހަމަކޮށްފައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ، އެމްޓީޑީން 3،000 މެންބަރުން ހަމަވާ ވަރަށް ފޯމް ހުށަހަޅާފައިވާ ކަމަށާއި، އެ ފޯމްތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

ނަމަވެސް، ޑީއާރުޕީ އާއި އެމްއެލްއެސްޑީޕީން އެ އަދަދަށް ފޯމް ހުށަހަޅާފައި ނުވާ ކަމަށާއި، އެހެން ކަމަށް ވާނަމަ، މާދަމާގެ ނިޔަލަށް ދީފައިވާ މުއްދަތަށް ފަހު އެ ދެ ޕާޓީ އުވާލެވޭނެ ކަމަށް، އޭނާ ވިދާޅުވިއެވެ.

ގާނޫނު ބުނާ ގޮތުން، ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށްޓަކައި 3،000 މެންބަރުން ހަމަވާން ޖެހޭނެއެވެ. އަދި ދައުލަތުން ޕާޓީތަކަށް ފައިސާ ދޭނީ 10،000 މެންބަރުން ހަމަވެއްޖެ ނަމައެވެ.

ސިޔާސީ ޕާޓީތައް އެންމެ ފުރަތަމަ އުފެދުނު ދުވަސްވަރު، އެންމެ ނުފޫޒު ގަދަ އެއް ޕާޓީގެ ގޮތުގައި ޑީއާރުޕީ ހިމެނުނެވެ. 2005 ވަނަ އަހަރު އުފެދުނު އެ ޕާޓީގައި އޭރު މައުމޫނާއި، ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކާއި، މިހާރުގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ފަދަ ބޭފުޅުން ތިއްބެވިއެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަކީ ވެސް އޭރު ޑީއާރުޕީގެ މެންބަރެކެވެ.

އެ ޕާޓީގެ މިހާރުގެ ލީޑަރަކީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.