ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އަށް ޗަންދާ ދެއްކުމަކީ އެއްވެސް މެންބަރަކަށް މަޖުބޫރު ކަމެއް ނޫން ކަމަށް ބުނެ ޓީމުން ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދަށް ރައްދު ދީފިއެވެ.

ޓީމުން އަލީ ވަހީދަށް ރައްދު ދީފައިވަނީ، ޓީމް އަދި ލޭބާ ޕާޓީން ދެމުންދާ އިންޒާރުތަކާ ގުޅިގެން ކޮންމެ ރިސޯޓެއްގެ މެނޭޖްމަންޓުން އެ ރިސޯޓެއްގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފެއްގެ ބޮލަކަށް 6.5 ޑޮލަރުގެ ނިސްބަތުން ޓީމަށް ފައިސާ ދައްކަން މަޖުބޫރު ކުރުވާ ސިޓީއެއް އޭނާ ނުދެއްވާނެ ކަމަށް އަލީ ވަހީދު ވިދާޅުވުމާއި ގުޅިގެންނެވެ.

ޓުއަރިޒަމް މިނިސްޓަރަށް ސީދާ ރައްދުދެމުން، އޭނާ ޓޭގްކޮށް ޓީމުން ކުރި ޓްވީޓެއްގައި ބުނީ، ޓީމަކީ ޓްރޭޑް ޔޫނިއަނެއް ކަމަށާއި، ޔޫނިއަން ހިންގަން ބޭނުންވާ ފަންޑް ހޯދަނީ މެންބަރުންގެ މެންބާޝިޕް ޑިއުގެ ގޮތުގައި ކަމަށެވެ.

އަދި މިހާރުވެސް ޓީމަށް ޗަންދާ ދައްކާ އެތައް ރިސޯޓް މުވައްޒަފުންނެއް ތިބޭނެ ކަމަށާއި، އެއްވެސް މެންބަރަކަށް އޮޅުވާލައިގެން އަދި މަޖުބޫރުން ޗަންދާ ދައްކާކަށް ނުޖެހޭނެ ކަމަށް ޓީމުން ބުނެއެވެ.

އަލީ ވަހީދު މީގެ ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ ދިވެހި އަދި ބޭރު މުވައްޒަފަަކަށް ވިޔަސް، އެއްވެސް ފަރާތަކުން ބިރު ދެއްކުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ. އަދި ކަމެއް ދިމާވެގެން އެ ރިސޯޓެއްގެ މެނޭޖްމަންޓުން މުވައްޒަފުންނާ ދެމެދުގައި އެއްބަސްވުމެއް ހެދުމަށް މިނިސްޓްރީން ހުރަސް ނާޅާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން މި ސަރުކާރުގެ ޓުއަރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި އޭނާ ހުންނަވާތާ އެއް އަހަރު ދުވަސް ވެފައިވާ އިރު އެ މުއްދަތުގައި ކުރެއްވި މަސައްކަތް އޮޅުވައި ނުލެވޭނެ ކަމަށް ވެސް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު އަލީ ވަހީދާއި ޓީމާއި ދެމެދު ބަހުގެ ހަމަލާތައް ބަދަލުވެފައި މިވަނީ ރިސޯޓްތަކުންދޭ ސާވިސް ޗާޖުގެ މައްސަލަ ހޫނުވެފައި ވަނިކޮށެވެ. އެގޮތުން، ބައެއް ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އަދި އެހެނިހެން ގޮތްގޮތުން ވެސް އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް ގޮވާލަމުންނެވެ. އަލީ ވަހީދު އިސްތިއުފާއަށް ގޮވާލަމުންދަނީ، ބައެއް ރިސޯޓްތަކުން ސާވިސް ޗާޖުގެ ގޮތުގައި އެކަށީގެންވާ އަދަދަށް ފައިސާ ނުދޭތީއާ މިނިމަމް ވޭޖުގެ ގޮތުގައި އަދިވެސް އަދަދެއް ކަނޑައެޅިފައި ނުވާތީ ކަމަށެވެ.