ހުޅުމާލެ ފޭސް 2 އިން ގަތް ބިންތަކުގައި ފަހި ދިރިއުޅުމުން 4000 ހައުސިން ޔުނިޓު އަޅަން ނިންމައިފިއެވެ.

ހުޅުމާލެ ފޭސް 2 އިން ޖުމްލަ 552،429.91 އަކަފޫޓު ހުރި 17 ބިމެއް 878،363،556.90 ރުފިޔާ ފިނޭންސް މިނިސްޓްރީއަށް އެޗްޑީސީއިން ވިއްކާފައިވާއިރު މިއަދު އެޗްޑީސީއިން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސަރުކާރުގެ ފަރާތުން އިޖްތިމާއީ ބޯހިޔާވަހިކަމުގެ 4000 ޔުނިޓްގެ މަޝްރޫއު ހިންގުމަށް އެޗްޑީސީއިން ފިނޭންސް މިނިސްޓްރީ އަދި ފަހި ދިރިއުޅުން ކޯޕަރޭޝަންއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ މަޝްރޫއު ހިންގުމަށް 17 ބިމެއް ވިއްކާފައިވާނެ ކަމަށެވެ.

އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމަށް ބިމުގެ މިލްކުވެރިކަން ބަދަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން ފައިސާ ދައްކާ ހަލާސް ކުރުމުން ކޯޓު މެދުވެރިކޮށް މި މަހު ވަނީ އެ ބިންތަކުގެ މިލްކުވެރިކަން ފިނޭންސް މިނިސްޓްރީއަށް ބަދަލުކޮށްފައިވާ ކަމަށް ވެސް އެޗްޑީސީއިން ވަނީ ބުނެފައެވެ.

އެޗްޑީސީއިން ބުނީ ހުޅުމާލެ ފޭސް 2 ހިއްކުމަށާއި އެކި އުމްރާނީ ވަސީލަތްތައް ގާއިމް ކުރެވިފައި ވަނީ އެޗްޑީސީން ލޯނު ނަގައި އަދި އެކި ގޮތްގޮތުން ހަރަދުކޮށްގެން ކަމުން ހުޅުމާލެ ބިން އެކި ބޭނުންތަކަށް ދިނުމަށާއި ވިއްކުމުގައި އަބަދުވެސް ބިމުގެ އަގު ކަނޑައެޅިފައިވާނެ ކަމަށެވެ.

އަބަދުވެސް ހިންގޭ ކޮންމެ މަޝްރޫއުއެއްގެ ބިމުގެ އަގު ދެއްކުމުން މިލްކުވެރިކަން މިގޮތަށް ބަދަލުކުރެވޭ ކަމަށާއި އެ ބިންތަކަކީ އިޖްތިމާއީ ބޯހިޔާވަހިކަން ތަރައްގީކުރުމަށް ބޭނުން ކުރެވޭނެ ބިންތަކެއް ކަމުން ބިމުގެ އަގަކީ ވެސް މަޝްރޫއު ހިންގާ އާންމުންނަށް ފޯރުކޮށްދޭ އިރު ލުއި އަގުތަކެއް ހަމަޖެއްސުމަށް މަގުފަހިވެގެން ދާނެ ގޮތަށް ކަނޑައެޅިފައިވާ އަގެއް ކަމުގައި ވެސް އެޗްޑީސީއިން ވަނީ ބުނެފައެވެ.