ރޯދަ މަހަށް ހާއްސަކޮށް ހުޅުމާލޭ ފޭސް 2 ގައި ހުޅުވުމަށް ހަމަޖެހިފައިވާ ވަގުތީ ލޯކަލް މާރުކޭޓުގެ 9 ގޮޅި ހިޔާ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަ ކޮށްފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީއިން ބުނީ ފޭސް 2 ގައި ހަދާ ވަގުތީ މާރުކޭޓުން ޖުމްލަ 18 ގޮޅި ދިނުމަށް ހަމަޖެހިފައިވާއިރު އޭގެތެރެއިން ބާކީ 9 ގޮޅި އާންމުކޮށް ހުޅުވާލާ އިއުލާނު ކުރާނެ ކަމުގައެވެ. އަދި މި މާރުކޭޓަކީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހައިން ކާބޯތަކެތި ލިބޭނެ މަގު ފަހިކޮށްދިނުމަށް ހަދާ މާރުކޭޓެއް ކަމުގައެވެ.
މީގެ އިތުރަށް އެޗްޑީސީއިން ބުނީ ވަގުތީ މާރުކޭޓު ހުޅުވުމަށް މިހާރު ހުޅުމާލެ ފޭސް 2 އިން މާލެ ސިޓީ ކައުންސިލަށް ބިން ހަމަޖައްސައިދީފައިވާނެ ކަމަށާއި މި މާރުކޭޓުގެ ސަބަބުން ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ލާބައާ ފައިދާ ލިބިގެންދާނެ ކަމަށެވެ.
ހުޅުމާލޭ ފޭސް 2ގައި ރޯދަ މަހަށް ހާއްސަ ވަގުތީ ލޯކަލް މާރުކޭޓެއް ހުޅުވުމަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވަނީ ސިޓީ ކައުންސިލްގެ 90 ވަނަ ރަސްމީ އާއްމު ޖަލްސާގައެވެ. އަދި މި ހުށަހެޅުން ހުށަހެޅުއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއެވެ.
ހުޅުމާލޭގެ ފޭސް 2ގައި މިހާރު 10 ވަރަކަށް ހާސް އާއިލާ ދިރިއުޅެމުންދާއިރު އެފަރާތްތަކަށް ރޯދަ މަހު މާލެ ގޮސް ނުވަތަ ދުރު ހިސާބުތަކަށްގޮސް ތަރުކާރީ އާއި މޭވާ ފަދަ ތަކެތި ހޯދުން ދަތި ކަމަކަށް ވާނެ ކަމަށާއި، އެހެންކަމުން މާލެ ސިޓީ ކައުންސިލުން ހިންގާ ޕްރޮގްރާމެއްގެ ގޮތަށް އެކަން ކުރިއަށް ގެންދަން ޖެހޭ ކަމަށް މުއިއްޒު ވަނީ އެ ޖަލްސާގައި ވިދާޅުވެފައެވެ. އަދި ލޯކަލް މާރުކޭޓު ހިންގުމާ މެދުގައި މަޝްވަރާކުރަން ނިންމީ އެސަރަހައްދުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކުންވެސް ވަރަށް ބޮޑަށް އެދޭ ކަމެއް ކަމުގައި އެކަން ވާތީ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.