ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި މިހާރު ދެ ބޭފުޅުން ތިއްބެވި ކަމަށް ބުނެ، އެކަމުން ދުސްތޫރީ އޮޅުމެއް އަރާފައި ވަތީ އެކަން ސާފުކޮށް ހައްލު ހޯދައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ހުށަހެޅުއްވި މި ގަރާރުގައި ބުނެފައި ވަނީ ނައިބު ރައީސް ފައިސަލް ނަސީމް ރައީސުލްޖުމްހޫރިއްޔާގެ ދުސްތޫރީ ހުވާ ކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެންފައި ވަނިކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަނބުރާ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމުން ދުސްތޫރީ އޮޅުން ބޮޅުމެއް އުފެދިފައިވާ ކަމަށެވެ. އަދި އެ އޮޅުން ސާފުކޮށް ހައްލު ހޯދައި ދިނުމަށް އެ ގަރާރުގައި ބުނެފައި ވެއެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ 25 ވަނަ ދުވަހުގެ ފަތިހު 5:50 ގައި ރައީސް ސޯލިހް ހޭނައްތައިގެން ތައިރޮއިޑް އޮޕަރޭޝަނެއް ކުރަންޖެހިވަޑައިގަތުމާ ގުޅިގެން ވަގުތީގޮތުން ވެރިކަމުގެ ބާރުތައް ނައިބް ރައީސް ފައިސް ހަވާލުވެވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކުރިފުޅުމަތީގައި ރައީސުލްޖުމްހޫރިއްޔާގެ ހުވާކުރައްވައިގެންނެވެ. ނައިބު ރައީސަށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމު އަދުނާނެއެވެ. ނަމަވެސް ހުވާކުރެއްވިތާ ތިން ގަޑިއިރާއި 40 މިނެޓް ފަހުން ރައީސް ސޯލިހް އަލުން ވަނީ ރައީސުލްޖުމްހޫރިއްޔާ މަގާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންފައެވެ. މިކަން ވަނީ ރައީސް އޮފީހުން ރަސްމީކޮށް އޭރު އިއުލާން ވެސް ކޮށްފައެވެ.
ދެ ރައީސުން ތިބި ކަމަށް ބުނެ މަޖިލީހަށް ގަރާރެއް ހުށަހަލާފައިވާ އިރު، މިދިޔަ މަހުގެ 27 ވަނަ ދުވަހު އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވަނީ މި މައްސަލަ ސްޕްރީމް ކޯޓަށް ވެސް ހުށަހަޅާފައެވެ.
ސަރުކާރުން ބުނާ ގޮތުގައި މި ހުރިހާ ކަމެއް ހިނގާދިޔައީ ގާނޫނު އަސާސީގައި ވާ ގޮތަށެވެ. ނަމަވެސް އިދިކޮޅު ކޯލިޝަނުން ބުނާ ގޮތުގައި އެކަމުގައި ގާނޫނީ މައްސަލަތަކެއް މިހާރު ވަނީ އުފެދިފައެވެ. އަދި މިވަގުތު ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ދެ ބޭފުޅުން ތިއްބެވި ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ވަނީ ރައީސް ސޯލިހަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ގަބޫލުކުރަން ދެކޮޅުވެސް ހަދާފައެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ހުށަހެޅުއްވި ރިޔާސީ ބަޔާނަށް އިދިކޮޅުން ޖަވާބު ނުދިނީވެސް ރައީސް ސޯލިހަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ނުދެކޭ ކަމަށް ބުނަމުންނެވެ.