ދިވެހި މުޖްތަމައުގައި ކުޑަ ކުދިންނަށް ކުރާ އަނިޔާ ދުވަހަކަށް ވުރެ ދުވަހެއް އިތުރުވެފައި ވާއިރު، މި އަހަރުގެ ޖެނުއަރީ މަހު އެކަނިވެސް ޖިންސީ ގޯނާގެ ޖުމްލަ 27 މައްސަލަ ރިޕޯޓު ކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޖެންޑާ މިނިސްޓްރީން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ޖުމްލަ 300 މައްސަލަ ރިޕޯޓުކޮށް އެ މިނިސްޓްރީން އެޓެންޑްކޮށްފައި ވެއެވެ. މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ އަޅާ ބަލަާއިރު 55 މައްސަލައިގެ އިތުރުވުމެކެވެ. އަދި މިދިޔަ އަހަރާ އަޅާ ބަލާއިރު ޖިންސީ މައްސަލަތައް ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކުޑަ ކުދިންނަށް ކުރާ ޖިންސީ ގޯނާގެ 19 މައްސަލަ ހުށަހެޅުނު އިރު މި އަހަރުގެ ޖެނުއަރީ މަހު ވަނީ އެ އަދަދު 27 އަށް އުފުލިފައެވެ.

މީގެ އިތުރުންވެސް ކުޑަ ކުދިންނަށް ކުރާ ހާނިއްކައިގެ 19 މައްސަލައާއި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 14 މައްސަލާގެ އިތުރުން އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 4 މައްސަލަ ޖެނުއަރީ މަހު ރިޕޯޓު ކޮށްފައިވެއެވެ. ނިމިދިޔަ ޑިސެމްބަރު މަހާ އަޅާބަލާއިރު އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމުގެ މައްސަލަތައް ވެސް ވަނީ އިތުރު ވެފައެވެ. އެގޮތުން ޑިސެމްބަރު މަހު އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ 11 މައްސަލަ ރިޕޯޓު ކޮށްފައިވާއިރު ޖެނުއަރީ މަހު އެ އަދަދު ވަނީ 17 އަށް އިތުރުވެފައެވެ.

އަދި ކުޑަކުދިންގެ އަހުލާގާއި ގުޅުން ހުރި ޖުމްލަ 13 މައްސަލައިގެ އިތުރުން ކުދިން ސްކޫލަށް ނުފޮނުވުމުގެ 5 މައްސަލަ ޖެނުއަރީ މަހު ރިޕޯޓު ކޮށްފައިވެއެވެ. އަދި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުން ބޭނުންވެގެން 35 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ.

މިވަގުތު ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ އަދަދަކީ 183 އެވެ. ޖެނުއަރީ މަހު ދައުލަތަށް އަލަށް 1 ކުއްޖަކު ނެގިފައިވެއެވެ. އަދި 1 ކުއްޖަކު ވަނީ ފޮސްޓާ ކުރެވިފައެވެ. މީގެ އިތުރުންވެސް 3 ކުއްޖަކު އާއިލާއަށް ރީއިންޓަރގްރޭޓް ކުރެވި އަދި 18 އަހަރު ފުރުމާއި ގުޅިގެން 1 ކުއްޖަކަށް ވަޒީފާ ހޯދާދިފައި ކަމަށް ޖެންޑާގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.