މިއަދު ގިނަ ބައެއްގެ ސަމާލުކަން ހުއްޓިގެން ދިޔައީ ޖެންޑާ މިނިސްޓްރީގެ ޑިރެކްޓަރުގެ މަގާމު ފުރުއްވި އައިޝަތު ޝޫޒާ އޭނާ މަސައްކަތް ކުރަމުންދިޔަ މިިނިސްޓްރީއިން ހެލްތް މިނިސްޓްރީއަށް ބަދަލުކުރުމާ ގުޅިގެން ބަންޑުންކޮށްލި އުދާސްތައް ފެންނަ ވީޑިއޯއަކަށެވެ.

ޝޫޒާގެ ވީޑިއޯއެއް މިއަދު ސޯޝަލް މީޑިއާގައި އާންމުވެފައި ވާއިރު، ޝޫޒާ ވިދާޅުވެފައި ވަނީ ޖެންޑާ މިނިސްޓްރީއިން އޭނާގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށެވެ. ޝޫޒާ ވިދާޅުވީ އޭނާގެ އިތުރުން އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުން ބޭއިންސާފު ތަހައްމަލުކުރަމުންދާ ކަމަށެވެ.

މިކަމާ ގުޅިގެން "ދަ ޕްރެސް"އިން ސުވާލުކުރުމުން ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަރްޔަމް ލަހްފާ ވިދާޅުވީ ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހެލްތް މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ރައީސް ނިންމެވުމާއެކު ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުވެގެން އެ މަރުކަޒު ބަދަލުކޮށްފައި ވަނީ މަރުކަޒާ ގުޅުހުން ހުރި މަސައްކަތް ކުރަމުންދިޔަ ޑިޕާޓްމެންޓްގެ މުވައްޒަފުންނާއެކު ކަމަށެވެ. ރައީސްގެ މި ނިންމެވުމާއެކު އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައެއް ނުވާ ކަމަށާއި މަޖުބޫރުކަމެއް އެއްވެސް ސްޓާފަކާއި ދޭތެރޭ ގެންގުޅިފައި ވެސް ނުވާ ކަމަށް ލަހްފާ ވިދާޅުވިއެވެ.

ލަހްފާ ވިދާޅުވީ ގުރައިދޫ މަރުކަޒު ހެލްތު މިނިސްޓްރީގެ ދަށަށް އަދި އެތަނުން ޖެންޑާ މިނިސްޓްރީގެ ދަށަށް ބަދަލުކުރެވުނު މިއީ ފުރަތަމަ ފަހަރު ނޫން ކަމަށެވެ. އެގޮތުން ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޑިޕާޓުމަންޓުގައި މަސައްކަތް ކުރި މުވައްޒަފުން ހެލްތު މިނިސްޓްރީގައި މަސައްކަތް ކުރުމަށްފަހު ޖެންޑާ މިނިސްޓްރީއަށް ބަދަލުވެ، ގިނަ ދުވަސްތަކެއް ވަންދެން އެ މިނިސްޓްރީގައި މަސައްކަތް ކުރައްވާފައިވާކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ގުރައިދޫ މަރުކަޒު ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުވެގެން ދިޔަ ދިއުމުގައި ޑިޕާޓުމެންޓުގެ ހުރިހާ މުވައްޒަފުން އެ މަސައްކަތުގައި ދެމި ތިބޭނެގޮތަށް މިނިސްޓްރީ ބަދަލުވެގެން ދިއުމަކީ ގުރައިދޫ މަރުކަޒުން ދެމުންދާ ހިދުމަތްތައް ހަމަ އެގޮތުގައި ކުރިއަށް ގެންދެވޭނެކަން ކަށަވަރުވެގެންދާނެ ކަމެއް ކަމަށް ލަހްފާ ވިދާޅުވިއެވެ.

ލަހްފާ ވިދާޅުވީ މުވައްޒަފުން ބަދަލުވުމުގެ މި މަރުހަލާ ތެރޭގައި ޖެންޑާ މިނިސްޓްރީން އިސްނަގައިގެން ސްޓާފުންގެ އަގުވަޒަންކުރުމުގެ ގޮތުން ހެނދުނުގެ ސަޔަކާއެކު ފެއާވެލްއެއް ބާއްވައި، މުވައްޒަފުންގެ މަސައްކަތް ފާހަގަކޮށް ޝުކުރުއަދާކޮށްފައިވާ ކަމަށެވެ. އަދި މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން އެ ބޭފުޅުންގެ މަސައްކަތަށް ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައިވާނެ ކަމަށެވެ.