ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި އާމިނަތު ނަމްޒާ އަދި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އައިމިނަތު ހުސައިން ޝަރީފް އެހެން މިނިސްޓްރީއަކަށް ބަދަލުކޮށްފިއެވެ.

މި ބަދަލު ގެނެސްފައި މިވަނީ ޖެންޑާ މިނިސްޓްރީގެ އިސް ފަރާތްތަކުން ތަފާތު ކުރުމުގެ ސަގާފަތެއް ގެންގުޅުއްވި ކަމަށް އެ މިނިސްޓްރީގައި ގިނަ އަހަރުތަކެއް ވަންދެއް މަސައްކަތް ކުރެއްވި މުވައްޒަފަކު ތުހުމަތުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި ނަމްޒާ ބަދަލުކޮށްފައި ވަނީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށެވެ. އަދި ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އައިމިނަތު ހުސައިން ޝަރީފް ބަދަލުކޮށްފައި ވަނީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ.

ޖެންޑާ މިނިސްޓްރީގެ ޑިރެކްޓަރެއްގެ މަގާމު ފުުރުއްވި އައިޝަތު ޝޫޒާގެ ވީޑިއޯއެއް މިއަދު ސޯޝަލް މީޑިއާގައި އާންމުވެފައި ވާއިރު، ޝޫޒާ ވިދާޅުވެފައި ވަނީ އޭނާގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށެވެ. ޝޫޒާ ވިދާޅުވީ އޭނާގެ އިތުރުން އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުން ބޭއިންސާފު ތަހައްމަލުކުރަމުންދާ ކަމަށެވެ.

ޝޫޒާ މަގާމުން ވަކިކޮށްފައި ވަނީ އެއްވެސް ސަބަބެއް ދެއްކުމެއް ނެތި ކަމަށާއި، ސަބަބު ސާފުކުރުމަށް އެޕޮއިންޓްމަންޓަކަށް އެދުނު ނަމަވެސް އެޕޮއިންޓްމަންޓް ދީފައި ނުވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.