ހުކުމެއް ކުރުމަށްފަހު އެ ހުކުމެއްގައި ހުރި އުނިކަމެއް ފޫބެއްދުމަށް އިތުރު އަމުރުތަކާއި އިތުރު ކުރުންތައް ވެގެންދާނީ ޣައިރު ދުސްތޫރީ އަމަލުތަކަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ސިޔާޒު ވިދާޅުވެއްޖެއެވެ.
ސިޔާޒު އެފަދައިން ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ސާބިތުވެފައިވާ މަނީ ލޯންޑިން އާއި ރިޝްވަތުގެ ކުށުގައި ހިމެނޭ 53 މިލިއަން ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ކްރިމިނަލް ކޯޓުން އަމުރުކުރުމާ ގުޅިގެންނެވެ.
ސިޔާޒު ވިދާޅުވީ މައްސަލައެއްގައި ހުކުމްކޮށް ނިމުމުން އެ މައްސަލައެއްގައި ފަނޑިޔާރުގެ ޖުރިސްޑިކްޝަން ނިމި ދިޔައީ ކަމަށާއި މައްސަލައެއްގެ ހުކުމަކީ ހަމައެކަނި "ޙުކުމް" މި ސުރުހީގެ ދަށުން އޮންނަ އެއްޗެއް ނޫންކަން ސުޕްރީމް ކޯޓުގެ 2021 ވަނަ އަހަރުގެ 30 ވަނަ ގަޒިއްޔާ އިން ފަނޑިޔާރު މަހާޒް އާލި ޒާހިރު ބަޔާންކޮށްފައިވާ ކަމަށެވެ. އެއީ މައްސަލަ ނިމުނު ގޮތުގެ މުޅި ރިޕޯޓު ކަމަށް ސިޔާޒު ވިދާޅުވިއެވެ.
އާރަށުގެ މައްސަލާގައި މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހު ހުކުމްކޮށް އެ މައްސަލަ ނިމުނުކަން އިއުލާން ކޮށްފައި ކަމަށާއި އެހެންކަމުން އެ ވަގުތަށްފަހު އެއްވެސް އަމުރެއް އިތުރު ހުކުމެއް ނުވަތަ އެންގުމެއްވެސް ނެރުން ގާނޫނު ހުއްދައެއް ނުކުރާނެ ކަމަށް ސިޔާޒު ވިދާޅުވިއެވ. އަދި ޖިނާއީ ޝަރީއަތްތަކަކީ ކުޅޭކުޅޭ ކަންތައްތައް ނޫން ކަމަށް ސިޔާޒު ވަނީ ފާހަގަކުރައްވާފައެވެ.
ކްރިމިނަލް ކޯޓުން މި މަހުގެ 23 ވަނަ ދުވަހު އަމުރު ނެރުނީ އެ ކޯޓުގެ ފަނޑިޔާރެއް ކަމަށާއި އެ އަމުރު ނެރުމުގެ 59 ދުވަސް ކުރިން އެ ކޯޓުގެ ޖުރިސްޑިކްޝަން ނިމިފައިވާ ކަމަށް ސިޔާޒު ވަނީ ފާހަގަކުރައްވާފައެވެ. އަދި އެކަމުން ދޭހަވަނީ ފަނޑިޔާރުން ގާނޫނަށް އަހުލުވެރިވާން ޖެހޭ މިންވަރާއި އަދުލު އިންސާފުގެ ދާއިރާ މިނިވަން ކުރަން ޖެހިފައިވާ މިންވަރު ކަމަށް ވެސް ސިޔާޒު ވަނީ ވިދާޅުވެފައެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑިންގެ ކުށް ސާބިތުވުމާ ގުޅިގެން ރައީސް ޔާމީނަށް ވަނީ އެ ދެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.
ދައުލަތުން ވަނީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ރައީސް ޔާމީން ލޯންޑާ ކުރި އެއް މިލިއަން ޑޮލަރާއި އެ ފައިސާ އާ އެއްކޮށްފައިވާ 2،413،230 ޑޮލަރު ހޯދައިދިނުމަށް އެދިފައެވެ. މީގެ އިތުރުން ދައުލަތުން ވަނީ އެ ފައިސާ އިންވެސްޓް ކޮށްގެން ހޯދި ފައިސާ ވެސް ހޯދުމަށް އެދިފައެވެ. އެހެންނަމަވެސް އެ މައްސަލަ ހައިކޯޓުގައި އެމަނިކުފާނުގެ ވަކީލުން ވަނީ އިސްތިއުނާފްކުރަން ހުށަހަޅާފައެވެ.