ގަނާކުރުން ނުވަތަ ބުލީކުރުމަކީ މަލާމާތާއި ދެރަކޮށްލުމުގެ ބަސްތަކުން އަނެކާގެ ހިތް މަރައިލުމެވެ. ނަފުސާނީ އަނިޔާގެ އިތުރުން ޖިސްމާނީ އަނިޔާއަކަށް ވިޔަސް އެކަމެއް ހިމެނޭނީ ގަނާކުރުމުގެ ތެރޭގައެވެ. ރާއްޖޭގައިވެސް ގަނާކުރުން ކަންބޮޑުވާ މިންވަރަށް އިތުރުވެފައި ވާ އިރު ގިނަފަހަރަށް ގަނާކުރެވެނީ ސުކޫލަށްދާ އުމުރު ފުރާގެ ކުދިން ސުކޫލުތެރޭގައި ނުވަތަ އެފުރާގެ ކުދިން ގެޓްޓުގެދާ ވެ ނުވަތަ ބައްދަލުވެ އުޅޭއިރުއެވެ. އެއް ކުއްޖަކު އަނެއް ކުއްޖަކަށް ކަމަކަށް "ދެރަ" ކިޔުން ނުވަތަ "ޗެލެންޖެއް" ކުރުން ނުވަތަ ފުރާވަރުގެ ކުދިން އެއްކުއްޖަކު އަނެއް ކުއްޖަކާ ލައިވް ވުމާއި ޖެލެސް ވުން ފަދަ ހާލަތްތައް ދިމާވާ ކަންކަމުގައެވެ. ބައެއް ފަހަރު މަގުމަތީގެ އިތުރުން ގޭގޭގައިވެސް މިކަންތައް ހިނގައެވެ. ގަނާކުރުމަކީ ކުދިންގެ މުޅި ދިރިއުޅުން ބަނަވެ، އުންމީދުތައް ވިއްސިވިހާލިވެގެން ދާ ކަމަކަށް ވާއިރު މިކަމާ ގުޅޭ ގޮތުން ފުންކޮށް ވާހަކަ ދައްކަން ޖެހެއެވެ.

އާންމު ގޮތެއްގައި ގަނާ ކުރަނީ ފިޒިކަލް ބުލީ ނުވަތަ އެއްކުއްޖަކު އަނެއްކުއްޖާގެ ހަށިގަނޑަށް އަނިޔާ ދީގެންނެވެ. ދެވަނަ ގޮތަކީ ވާބަލް ބުލީ ނުވަތަ އަނގަބަހުން ކުރާ ބުލީއެވެ. އެގޮތުން ކުއްޖެއްގެ ހަށިގަނޑު ހެދި ހުރި ގޮތަކަށް ނުވަތަ ހަށިގަނޑުގެ ކުލައަށް ނުވަތަ އިސްކޮޅާއި ރޫފައަށް މަލާމާތްކޮށް ފުރައްސާރަ ކުރުމެވެ. ތިންވަނަ ގޮތަކީ ސައިބަރ ބުލީ ނުވަތަ ޓެކްނޮލޮޖީގެ އެހީގައި ގަނާކުރުމެވެ.

މިބާވަތުގެ ގަނާކުރުންތައް އެންމެ ގިނައީ ފުރާވަރަށް އަރައިގެން އަންނަ ކުދިންގެ މެދުގައެވެ. އެގޮތުން ޗެޓު ކޮށްގެން އީމެއިލަކުން ނުވަތަ ފޭސްބުކް ފަދަ ސޯޝަލްމީޑިއާ ޕްލެޓްފޯމްގެ ޒަރީއާގެ އިތުރުން އޮންލައިން ކޮންމެވެސް ފޯރަމަކުން ގަނާ ކުރުމެވެ. ހަތަރުވަނަ ގޮތަކީ ނުފެނި ތިބެ ޖަމާއަތުގެ ތެރޭގައި ނުސީދާ ގޮތުން ގަނާކުރުމެވެ. އެގޮތުން ކުއްޖެއްގެ އިއްޒަތް ގެއްލި އަބުރަށް ހުތުރު ނަމެއް ލިބޭފަދަ ގޮތަކަށް އެކުއްޖަކާ ގުޅޭ ގޮތުން ދޮގުވާހަކަ ފެތުރުމެވެ.

ގަނާގެ ޝިކާރައަށް އެތަކެއް ކުދިންނެއް!

ދިރާސާކޮށް ހޯދުންތައް ހޯދާ މީހުން ބުނެފައިވަނީ ބައެއް ކުދިން މި ކަންތައް ކުރަނީ ގޯސްކަމެއްކަން ނޭނގި ތިބެ ކަމަށެވެ. އަނެއްބައި ކުދިން ގުރޫޕުތެރޭ މަޝްހޫރުވެ ތިމާގެ ގަދަކަން ދެއްކުމުގެ ގޮތުންނެވެ. މީގެ އިތުރުން ބައެއް ކުދިން ގޭތެރޭގެ މާހައުލުން މިފަދަ އަމަލުތައް ފެނި އެކަންތައް ސުކޫލަށްގޮސް ތަކުރާރުކުރެއެވެ. އަދި ބައެއް ކުދިން ގަސްދުގައި އަނިޔާވެރި ވުމުގެ ގޮތުންވެސް ގަނާ ކޮށް އުޅެއެވެ.

އަތޮޅުތެރޭގެ ސްކޫލެއްގައި ބުލީކޮށް ކުއްޖަކަށް އަނިޔާކުރި މަންޒަރު ފެންނަ ވީޑިއޯއެއްގެ ސްކްރީންޝޮޓެ

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެކަނިވެސް ނަފްސާނީ ހާނިކައިގެ 12 މައްސަލަ، ޖިސްމާނީ ހާނިކައިގެ 13 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 1 މައްސަލަ އަދި އެހެން ކުދިންގެ ފަރާތުން އިންޓަނެޓު މެދުވެރިކޮށް ގަނާ ލިބުމުގެ 1 މައްސަލަ. ޖެންޑާ މިނިސްޓްރީއަސް ވަނީ ރިޕޯޓު ކޮށްފައެވެ.

ދަ ޕްރެސް" އާ ވާހަކަ ދައްކަމުން ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ، އެ އިދާރާއަށް ހުށަހަޅާ މައްސަލަތައް މަދު ކަމަށާއި، ގިނަ ބަޔަކު އެފަދަ މައްސަލަތައް ހުށައަޅަން ފަސްޖެހޭ ކަމަށެވެ.

"ރާއްޖޭގައި ގިނަ މީހުން ތިބެނީ ސިއްރުކޮށްގެން. ރިޕޯޓެއް ނުކުރޭ، ކަމާ ބެހޭ އިދާރާ ތަކުންވެސް އުޅެނީ ފޮރުވަން."
ފުލުހުންގެ އޮފިޝަލެއް

ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަންގެ ރިޕްރޮޑަކްޓިވް ހެލްތުގެ ދާއިރާގައި މިހާރު މަސައްކަތް ކުރައްވަމުންގެންދަވާ ބޭފުޅެއްކަމުގައިވާ އާމިނަތު އަޒްލިފާ، ގަނާ ކުރުމާއި ގުޅޭ ގޮތުން މާލޭގެ 5 ސުކޫލަކުން ޖުމުލަ 120 ދަރިވަރުންނާއެކު 2015 ވަނަ އަހަރު ވަނީ ދިރާސާއެއް ކޮށްފައެވެ. މި ދިރާސާއިން ހާމަވާ ގޮތުގައި 60 ޕަސެންޓް ކުދިން ވަނީ ކޮންމެވެސް ސިފައެއްގައި ގަނާގެ ޝިކާރައަކަށް ވެފައެވެ. އޭގެތެރެއިން 48 ޕަސެންޓް ކުދިންނަކީ ފިޒިކަލީ ބުލީ ކުރެވިފައިވާ ކުދިންނަށް ވާއިރު 56 ޕަސެންޓް ކުދިންނަށް އަނގަބަހުން ނުވަތަ ވާބްލީ ބުލީ ކުރެވިފައި ވެއެވެ.

ސޯޝަލް ސައިކޮލޮޖީގެ ދާއިރާއިން ޕީއެޗްޑީ ހާސިލުކޮށްފައިވާ އައިޝަތު ނަޝީދާ

މީގެ އިތުރުން ސޯޝަލް ސައިކޮލޮޖީގެ ދާއިރާއިން ޕީއެޗްޑީ ހާސިލުކޮށްފައިވާ އައިޝަތު ނަޝީދާ، ގަނާ ކުރުމާއި ގުޅޭ ގޮތުން ކުޅުދުއްފުށި، އައްޑޫ ސިޓީ އަދި މާލެ ހިމެނޭހެން ޖުމުލަ 565 ދަރިވަރުންނާއެކު 2017 ވަނަ އަހަރު ވަނީ ދިރާސާއެއް ކޮށްފައެވެ. އުމުރުން 11 އަހަރާ 16 އަހަރާއި ދެމެދުގެ ކުދިން ހިމަނައިގެން ހެދި މި ދިރާސާއިން ހާމަވާ ގޮތުގައި އެންމެ ގިނައިން ގަނާ ކުރެވިފައި ވަނީ އަނގަބަހުންނެވެ. އެއީ 74 ޕަސެންޓް ކުދިންނަށެވެ. އަދި ގަނާ ކުރުމުގެ އަމަލު އެންމެ ގިނައިން ހިންގަނީ ފިރިހެން ކުދިން ކަމަށްވެސް މި ދިރާސާއިން ވަނީ ހާމަވެފައެވެ.

މާލޭގެ ސުކޫލެއްގައި ކަތުރަކުން ކުއްޖަކަށް އަނިޔާ ކުރި މައްސަލައެއް މީގެ ކުރިން ފެންމަތިވިއިރު މިފަދަ ކަންކަމުގެ ސަބަބުން ސުކޫލަށްދާންވެސް ކުދިން ޖެހިލުންވެއެވެ. މި ހާދިސާ ހިނގާފައިވަނީ ސުކޫލު ހޯލުގައި ގިނަ ބަޔަކުވެސް ތިއްބައެވެ.

ކުދިންގެ ދިރިއުޅުމަށް ކުރާނޭދެވޭ އަސަރު ބޮޑު

ގަނާގެ ޝިކާރައަކަށްވާ ކުދިން އެތައް ޒަމާނެއް ވަންދެން އެކަމުގެ ނަފްސާނީ ބަލިމަޑުކަން ތަހައްމަލު ކުރަންޖެހެއެވެ. އަމިއްލަ ނަފްސަށް ކުރާ އިތުބާރު ގެއްލި، ދުނިޔެ މަތިން މުޅިން ފޫހިކޮށްލާ "ޑިޕްރެޝަން" އާއި "އެންޒައިޓީ" ފަދަ ނަފްސާނީ ބަލިތަކަށް ހުށަހެޅިގެން ދާލެއްވެސް ގިނައެވެ. މީގެ އިތުރުން ކުދިންގެ އުޅުމާއި އަހުލާގަށްވެސް ނޭދެވޭ އަސަރުތަކެއް ކުރެއެވެ. އެގޮތުން ކުއްލިއަކަށް ރުޅިގަދަވުމާއި، އަވަސް އަވަހަށް މޫޑު ބަދަލު ވުމާއި، ވާހަކަ މަދުވުމުގެ އިތުރުން އާންމުކޮށް ނިދާ ނިދުމަށް ބަދަލު އައުން ހިމެނެއެވެ.

ބްލީގެ ޝިކާރައަކަށް ވެފައި އިން ކުއްޖެއް ރަމްޒުކޮށްދިނުމުގެ ގޮތުން ބޭނުންކޮށްފައިވާ ތަސްވީރެއް

މިހާރަކަށް އައިސް ކުދިން ސޯޝަލް މީޑިއާ ބޭނުން ކުރާ މިންވަރު އިތުރު ވުމަކީ ސައިބާ ބުލީ އަށް ހުޅުވާލެވިފައިވާ ދޮރެކެވެ. ތަރައްގީ ވެފައިވާ އެމެރިކާގައިވެސް އަހަރަކު 4،000 އަށް ވުރެ ގިނަކުދިން މިބާވަތުގެ ބުލީގެ ސަބަބުން މަރުވާ ކަމަށް ތަފާސްހިސާބުތަކުން ވަނީ ހާމަވެފައެވެ. މީގެ އިތުރުން ތަފާތު ސީރީސްތަކާއި ފިލްމުތަކުން އަނިޔާވެރިވުމުގެ އަމަލުތައް ފެނި ޅަކުދިންގެ ހިތްތަކުގައި އަނިޔާވެރިކަމުގެ ސިފަ ހަރުލައެވެ. އަދި އެފަދަ ގޮތްގޮތަށް އަމަލު ކުރަން ފަށައެވެ.

ގަނާ ކުރުން ހުއްޓުވާނީ ކިހިނެއް؟

ކުއްޖާގެ އުޅުމަށް އަންނަ ބަދަލުތައް އެންމެ ފަސޭހައިން ދެނެގަނެވޭނީ މައިންބަފައިންނާއި ގާތްތިމާގެ މީހުންނަށެވެ. އަދި ކިޔަވައިދެއްވާ މުދައްރިސުންނަށެވެ. ގަނާކުރުމުގެ އަމަލެއް ކުއްޖާ ހިންގާނަމަ ނަސޭހަތްދީ އެކަމެއް ހުއްޓުވަން މަސައްކަތް ކުރަން ޖެހޭނެއެވެ. ބެލެނިވެރިންގެ ބެލުމުގެ ދަށުން ނޫނީ ސޯޝަލް މީޑިއާ ބޭނުން ކުރުމުގެ ފުރުސަތު ކުއްޖާއަށް ނުދިނުމަކީވެސް މުހިންމުކަމެކެވެ. އަދި ކުއްޖާއަށް ނަފްސާނީ އެހީތެރިކަން ބޭނުންވާނަމަ ކައުންސިލަރެއްގެ އެހީވެސް ހޯދިދާނެއެވެ. އިސްލާމީ ރިވެތި ސިފަތަކުގެ މަތީ ކުދިން ބޮޑުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީވެސް ކުރެވިދާނެ ކަމެކެވެ.

ގަނާކުރުން ހުއްޓުވުމަށް އެޑިއުކޭޝަން މިނިސްޓްރީ އާއި އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) ޖަމްއިއްޔާ ގުޅިގެން ފެބްރުއަރީ 26 އިން މާރޗު 23 އަށް ރާއްޖޭގެ ހުރިހާ ސުކޫލެއްގައި ވަނީ ހަރަކާތްތަކެއް ހިންގުމަށް ނިންމާފައެވެ. އެގޮތުން ކޮންމެ ހަފްތާއަކު ހާއްސަ ދެ އެސެމްބްލީ ބޭއްވުމުގެ އިތުރުން ކުލާސް ގަޑީގައި ވާހަކަ ކިޔައިދިނުމާއި ތަފާތު ހާދިސާތަކުގެ އަލީގައި ކުދިން މިކަމަށް އަހުލުވެރިކުރުން ހިމެނެއެވެ. ދަރިވަރުންނަށް ރައްކާތެރި، އުނގެނުމަށް ފަހި އަދި ޝާމިލު ވެއްޓެއް ގާއިމުކުރުމަކީ މި ހަރަކާތްތަކުގެ މައިގަނޑު މަގުސަދެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު އައްޒަ

ސުކޫލު މާހައުލުގައި ގަނާކުރުން ހުއްޓުވުމުގައި ޓީޗަރުންގެ ޒިންމާ ބޮޑެވެ. އެގޮތުން އެފަދަ އަމަލުތައް ހިންގާ ކުދިންނާމެދު ފިޔަވަޅު އެޅުމާއި އެއީ ވަރަށް ދަށުދަރަޖައިގެ އަމަލެއްކަމާއި މުޖުތަމައު ބަލައިގަންނާނެ ކަމެއް ނޫންކަން ވިސްނައިދިނުން ހިމެނެއެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު އައްޒަ ވިދާޅުވެފައިވާ ގޮތުން ރާއްޖޭގެ ސުކޫލުތަކުގައި 87،300 ކުދިން ކިޔަވާއިރު ކައުންސިލިން ދިނުމަށް ރާއްޖޭގައި ތިބީ އެންމެ 60 ކައުންސިލަރުންނެވެ. އެހެންކަމުން އިތުރު ކައުންސިލަރުން ތަމްރީނުކޮށް، ގާބިލު ތަޖުރިބާކާރުން މި ދާއިރާއަށް އިތުރު ކުރުމަކީ ގަނާ ކުރުން ހުއްޓުވުމަށް ކުރަންޖެހޭ ކަމެކެވެ.

ގަނާކުރުން މަދު ކުރުމަށް ޔުނިސެފާއި އެޑިއުކޭޝަން މިނިސްޓްރީން ގުޅިގެން "އެންޓި ބުލީއިން" ޕޮލިސީއެއް ވެސް ވަނީ ހަދާފައެވެ. އެގޮތުން ސުކޫލުތަކުގައި ބުލީ ކުރުން ހުއްޓުވުމަށްޓަކައި އަމަލުކުރާނެ އުސޫލު ކަނޑައަޅައި ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ބުލީކުރުމަކީ އެކަމުގެ ޝިކާރައަކަށްވާ ކޮންމެ މީހަކަށްވެސް ވަރަށް އަސަރުކުރާ އަދި ދިރިއުޅުމުގެ އެހެން ކަންކަމުން މާޔޫސްކުރާ އަދި މުޅި މީހާ ދަތި އުނދަގޫތަކާ ކުރިމަތިލާން ޖެހޭ ކަމެއް ކަމަށެވެ.

"ފުރިހަމަ ސިއްހަތެއްގައި ތިބެގެން ނޫނީ ދަރިވަރުންގެ އުނގެނުމުގެ ކަންތައްތައް އެންމެ ފުރިހަމައަށް ތަރުތީބުކުރަން ދަތިވޭ. ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަކީ ދަރިވަރުންގެ ހަޔާތް ކާމިޔާބު ކުރުމަށްޓަކައި ވަރަށް މުހިންމުކަމެއް،"
ޑރ. އައިޝަތު އަލީ

އަޅުގަނޑުމެން އެންމެންނަކީވެސް ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ނުވަތަ ގާބިލުކަމުގެ ގޮތުން ތަފާތު ބައެކެވެ. އެހެނަސް މި ތަފާތަކީ އެކަކު އަނެކަކަށް ގަނާކޮށް ބިކަކޮށްލަން އޮންނަ ސަބަބަކަށް ވެގެން ނުވާނެއެވެ.