އެކި މައްސަލަތަކުގައި ޝާމިލްވާ ކުދިންނަށް ބޭނުންވާ އެހީތެރިކަން ދިނުމުގެ ބަދަލުގައި ބަންދުގައި ބަހައްޓައިގެން ކުދިން އިސްލާހު ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް މަދަނީ ޖަމިއްޔާތަކުން ބުނެފި އެވެ.

އއ. ރަސްދޫގެ މިސްކިތުގެ ފާހާނާއެއްގެ ތެރޭގައި ކުޑަކުދިންތަކެއް އެ ކުދިންނަށްވުރެ ހަގު ކުއްޖަކަށް ހަނގާކޮށް އަނިޔާކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާންމުވެފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރެއެވެ. ވީޑިއޯ ދައުރުވާން ފެށުމާއެކު ފުލުހުން ވަނީ މައްސަލަ ބަލަން ފަށާފައެވެ. ޖިނާއީ ކުށްތަކުގެ ޒިންމާ ނަގަން ޖެހޭ އުމުރު 12 އަހަރަށް ކުޑަކުރުމަށް ސަރުކާރުން ނިންމައި، އެގޮތަށް ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތްވެސް ފަށާފައި ވެއެވެ.

އަދި ހަމައެހެންމެ އެ މައްސަލައިގައި އެނިޔާ ދިން ކުދިންނަށް ހައްގު އަދަބު ދިނުމަށް ގޮވާލާ އާންމުން އެކި މަންސަތަކުގައި އަޑު އުފުލަމުންދާ މި ދަނޑިވަޅުގައި މަދަނީ އެކި ޖަމިއްޔާތައް ގުޅިގެން ރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ އެ ހާދިސާއާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެ ހާދިސާގައި އަނިޔާވި ކުއްޖާއަށް ބޭނުންވާ ނަފްސާނީ ފަރުވާ ފޯރުކޮށްދިނުމުގެ އިތުރުން ވީޑިއޯގައި ކުޑަކުދިންގެ މަންޒަރުތައް ހިމެނޭތީ އެ ކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އަމަލުތައް ހުއްޓުވުމަށްވެސް އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްރަން (އާކް)، ފެމިލީ ލީގަލް ކުލިނިކް، ހޯޕް ފޮ ވިމެން، ޓްރާންސްޕޭރެންސީ މޯލްޑިވްސް އަދި އުތެމާ ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އަދި މިފަދަ މައްސަލަތަކަށް ހައްލު ނުވަތަ އިންސާފު ހޯދުމަކީ މުޖުތަމައު ގުޅިގެން، މުޖުތަމައުގެ ބައިވެރިވުމާއި އެހީތެރިކަމާ އެކު ކުރުން މުހިންމު ކަންކަން ކަމުގައި އެ ޖަމްއިއްޔާތަކުން ގަބޫލުކުރާ ކަމަށެވެ. "މުޖުތަމައުގެ ރައްކާތެރިކަމާއި އަމަނާ ގުޅޭ އެންމެހާ ކަންކަމަކީ ރައްޔިތުންނާއި މުޖުތަމައުއާ ގުޅޭ ކަންކަމަށް ވާއިރު، މި މަޝްވަރާތަކުގައި މުޖުތަމައުގެ ބައިވެރިވުން އޮތުމަކީ މުހިންމު ކަމެއްކަމަށް ވެސް ދެކެމެވެ." ބަޔާނުގައި ވެއެވެ.

އަދި ދައުރުވަމުންދާ ވީޑިއޯއާ ގުޅިގެން ސަރުކާރުން އަޅަން ނިންމި ފިޔަވަޅު ތަކާއި ގުޅިގެންވެސް އެ ޖަމިއްޔާތަކުން ވަނީ ބައެއް ހިޔާލާއި ހުށަހެޅުންތައްވެސް ހިއްސާކޮށްފައެވެ.

އެގޮތުން ކަމާ ބެހޭ މުއައްސަސާތައް ގުޅިގެން މިފަދަ އަމަލުތައް ކުރިމަތިވުން ހުއްޓުވަން ނުވަތަ ޕްރިވެންޝަންގެ ގިނަ މަސައްކަތްތަކެއް ކުރަން ނިންމި ނިންމުމަށް ޖަމިއްޔާތަކުން މަރުހަބާ ކިޔާ ކަމަށާއި ނަމަވެސް އެފަދަ މައްސަލަތަކުގައި ޝާމިލުވާ ކުޑަކުދިން ބަންދުކުރަން ނުވަތަ މަރުކަޒު ކުރަން ގޮވާލުމާމެދު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"ކުށަށް ހުށަހެޅުމުގެ ނިޝާންތައް ފެންނަ ކުޑަކުދިން އާއިލާތަކާ ވަކިކޮށް މަރުކަޒުކުރުމާ ބެހޭ ގޮތުން ސަރުކާރުން އިސްކުރައްވާފައިވާ ސިޔާސަތަކީ މިފަދަ ކުދިންނަށް ބޭނުންވާ އެހީތެރިކަމާއި އަނބުރާ މުޖުތަމައުއަށް ބާރުވެރި ޒުވާނުންގެ ގޮތުގައި ގެނައުމަށް އެންމެ ރަނގަޅު ސިޔާސަތު ކަމުގައި އަދި ކުށަށް ހުށަހެޅިފައިވާ ކުދިންގެ ރައްކާތެރިކަމާއި ހައްގުތައް ކަށަވަރު ކުރެވޭނެ ފަދަ ސިޔާސަތެއް ކަމުގައި ނުބެލެވޭ" އެ ބަޔާނުގައިވެ އެވެ.

އަދި ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 12 ވަނަ މާއްދާއަށް ރިއާޔަތް ކޮށް އެ ގާނޫނުގެ މައިގަނޑު މަގްސަދަކީ ހައްޔަރު ކުރުމާއި ބަންދުކުރުމަކީ އެންމެ ފަހުގެ ފިޔަވަޅުކަމަށް ބަޔާންކޮށްފައިވާ ކަމަށާއި އެއީ ކުދިންނަށް ޒިންމާ ނެގުމަށާއި މުޖުތަމައަށް އަނބުރާ ގެނައުމަށް ބާރު އެޅުމަށް ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

އަދި ހަމައެހެންމެ މަރުކަޒުކުރުމުން އިއާދަ ނުކުރެވޭ ނަފްސާނީ ގެއްލުން ލިބުމާއި މުޖްތަމައުން ބާކީ ކުރުވާކަން ފާހަގަކޮށް ބަޔާނުގައި ބުނީ އެކަމަށް ބޭނުންވާ ފެންވަރުގެ އިންސާނީ އަދި އުމްރާނީ ވަސީލަތްތަކާއި، ބަޖެޓާއި ޓެކްނިކަލް އެކްސްޕަޓީޒް ނެތުމުގެ ސަބަބުން މަރުކަޒުކޮށްގެން ހާސިލުކުރަން ބޭނުންވާ ނަތީޖާ ނުނެރެވޭކަމީވެސް އޭގައި ކަންބޮޑުވާ ކަމެއް ކަމަށެވެ.

"ކުއްޖާ އިސްލާހުކުރަން އެންމެ ރަނގަޅީ މުޖުތަމައުގައި ބަހައްޓައިގެންކަން ގިނަ ދިރާސާތަކުން ދައްކަ އެވެ. އަދި މަރުކަޒުކުރުމުން އިއާދަނުކުރެވޭ ބޮޑެތި ނަފްސާނީ ގެއްލުން ލިބުމާއި މުޖުތަމައުއިން ބާކީވުމުގެ ފުރުސަތު ބޮޑުވާކަން ފާހަގަކުރެވެ އެވެ." ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

މީގެ އިތުރުންވެސް ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު ދަށްކުރުމާމެދު އިތުރަށް ވިސްނަންޖެހޭކަން ފާހަގަކޮށް އެ މަދަނީ ޖަމިއްޔާތަކުން ބުނީ އެ އުމުރު 12 އަހަރަށް ތިރިކުރުމުން ކުރާނެ އަސަރުތަކާ މެދު މުޖުތަމައު ހިމެނޭހެން މަޝްވަރާކޮށް ކުޑަކުދިންގެ އަސާސީ ހައްގުތައް ހިމާޔަތްކުރާނެ ގޮތަށް އަދި މި ކުދިން މުޖުތަމައަށް އަނބުރާ ރުޖޫއަކުރެވޭނެ ވިސްނުމަކުން ގޮތެއް ނިންމުމަކީ ހަގީގީ މައްސަލައަށް ވާސިލްވުމަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށެވެ.

އަވަސް ރިހެބިލިޓޭޝަން ނިޒާމަކާއި މުޖުތަމައުއަށް އަނބުރާ ގެންނަން ބާރުއަޅާ ނިޒާމެއް ގާއިމްކުރުމަކީ މުހިންމު ކަމެއް ކަމަށް އެ ޖަމިއްޔާތަކުން ވަނީ ހިޔާލުފާޅުކޮށްފައެވެ. "200 ވަރަކަށް ކުދިން، އެކުދިންގެ ނާޖާއިޒް ފައިދާ ނަގާ ބަޔަކު މުޖުތަމައުގައި އުޅޭއިރު، ހަމައެކަނި އެކުދިން ބަންދުކުރުމަކުން އެފަދަ އަމަލުތައް ހިންގާ މީހުން ހުއްޓުވޭނެ ކަމަކަށް ނުދެކެމެވެ،" މަދަނީ ޖަމިއްޔާތަކުން ބުނިއެވެ.

ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ގާނޫނު އިސްލާހު ކުރަން ބަންޑާރަނައިބު ނިންމަވާފައިވާކަން ފާހަގަކޮށް ބަޔާނުގައި ބުނީ އޭގެ ކުރިން މި ދާއިރާގައި މަސައްކަތްކުރާ ޖަމިއްޔާތަކާ މަޝްވަރާކޮށް އިރުޝާދު ހޯދަން ވާނެ ކަމަށެވެ. ހަމައެހެންމެ މުޖުތަމައުގައި ހިނގާ މިފަދަ ބޮޑެތި މައްސަލަތަކަކީ އާންމުންގެ ކަންބޮޑުވުން އިސްވާ ކޮންމެ ފަހަރަކު ހަމައެކަނި މުއައްސަސާތަކުގައި ތިއްބަވާ އިސް ވެރިންގެ ފަރާތުން ކުއްލި ގޮތަކަށް ނިންމާލެވޭނެ ފަދަ މައްސަލަތައް ނޫން ކަމަށް މަދަނީ ޖަމިއްޔާތަކުން ވަނީ ބުނެފައެވެ.