އއ. ރަސްދޫ މިސްކިތެއްގެ ފާހަނާތެރެއަށް ވައްދާ ބުލީކޮށް އަނިޔާގެ ޝިކާރައަށް ވީ ކުއްޖާއަށް ހިތްވަރު ދިނުމުގެ ގޮތުންނާއި އެ ކުއްޖާއާއެކު އާރަސް ބޮޑުބެރު ގުރޫޕުން ތިބިކަން ހާމަކޮށްދިނުމަށް ހާއްސަ އީދު ހަދިޔާއެއް ދީފިއެވެ.

އެ ގުރޫޕުން ބުނީ ގަނާ ކުރުން އާންމުވެފައިވާ މި ކުޑަ މުޖުތަމައުގައި ގަނާގެ ޝިކާރައަކަށް ވެފައި ތިބި ކުދިން ސަލާމަތްކުރުމަށް ކުރެވެން ހުރި މަސައްކަތްތަކެއް އެ ގުރޫޕުން ކުރާނެ ކަމަށާއި އެ ކަމުން އެފަދަ ކުރިން އަރައިގަތުމަށް ހުރި ގޮތްތައް ހޯދައިދޭނެ ކަމަށެވެ.

ފާހަގަކޮށްލަން ބޭނުންވަނީ ގަނާ ކުރުން އާންމުވެފައިވާ މި ކުޑަކުޑަ މުޖުތަމައުގައި އަޅުގަނޑުމެން އަތުކުރި އޮޅާލައިގެން މި ނުކުންނަނީ ގަނާގެ ސަބަބުން ވޭން ތަހައްމަލު ކުރަމުންދާ ކުދިން މި ވަބާއިން ސަލާމަތްކުރުމަށް. އަދި އެ ކުދިންނަށް އެކަމުން އަރައިގަނެވެން ހުރި ގޮތްތައް ހޯދައި ދިނުމަށް.
އާރަސް ބޮޑުބެރު ގުރޫޕު

ރަސްދޫގެ އާރަސް ބޮޑުބެރު ގުރޫޕުން އިއްޔެ މި ކުއްޖާއަށް ޒިޔާރަތްކޮށް، ގިނަ ހަދިޔާތަކެއް ވަނީ ދީފައެވެ. މި ބޮޑުބެރު ގުރޫޕުގައި މުޅިން ވެސް ހިމެނެނީ ކުޑަކުދިންނާއި ޒުވާނުންނެވެ.

އަނިޔާ ލިބުނު ކުއްޖާއަށް އާރަސް ބޮޑުބެރު ގުރޫޕުން ހަދިޔާ ދެނީ / ފޮޓޯ: އާރަސް ބޮޑުބެރު

މި މައްސަލައާއި ގުޅިގެން ފުލުހުން މީޑިއާއަށް ހިއްސާކުރި މައުލޫމާތުގައި ބުނީ ގަނާ ކުރުމުގައި ބައިވެރިވީ 13 އަހަރުގެ ކުއްޖަކާ 14 އަހަރުގެ ކުއްޖެއްކަމަށެވެ. މި އަމަލުގައި އާރަސް ބޮޑުބެރު ގުރޫޕުގެ މެމްބަރަކު ވަނީ ބައިވެރިވެފައެވެ. އެކަން އެނގުމާއެކު އެ ގުރޫޕުން ވަނީ އޭނާ ޓީމުން ވަކިކޮށްފައެވެ.

އާރަސް ބޮޑުބެރު ގުރޫޕުން ބުނީ މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި، މި ކަމުގައި އާރަސް ބޮޑުބެރު ގުރޫޕުގެ އިތުރު މެމްބަރަކު ބައިވެރިވެފައި ވާނަމަ އެ މީހުންވެސް ގުރޫޕުން ވަކިކުރާނެ ކަމަށެވެ. މި މައްސަލައިގައި ގިނަ ބަޔަކު ކަންބޮޑުވުންފާޅުކޮށް އަނިޔާ ލިބުނު ކުއްޖާއަށް އިންސާފު ހޯދައި ދިނުމަށް ވަނީ ގޮވާލާފައެވެ.