ކުދިންނަށް ބުލީ ކުރަން ހަދާފައިވާ މާލޭގެ 22 ސުކޫލެއްގެ އިންސްޓަގްރާމް ކޮންފެޝަން ޕޭޖުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްސިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކޮށްގެން ސައިބާ ބުލީގެ އަމަލުތައް އިތުރުވަމުންދާކަމަށާއި، މިކަން ހުއްޓުވުމަށް ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރުގެ ފަރާތުން ހާއްސަ ފިޔަވަޅުތަކެއް އަޅަންފަށާފައިވާ ކަމަށެވެ.

އެގޮތުން މިދިޔަ ހަފްތާގައި މާލޭގެ 22 ސްކޫލަކަށް ނިސްބަތްވާ އިންސްޓަގްރާމް ކޮންފެޝަން ޕޭޖްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައްސަލަ ތަހުގީގު ކުރަން ފަށާފައިވާކަމަށާއި، މިފަދަ އިތުރު 20 ކޮންފެޝަން ޕޭޖެއްގެ މައްސަލަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ) އާއި ސައިބާ ކްރައިމް ސެންޓަރު ގުޅިގެން ބަލަން ފަށާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ ސްކޫލް ދަރިވަރުންގެ ތެރެއިން ގިނަ ދަރިވަރުންތަކެއް މިކަމުގެ ޝިކާރައަކަށް ވެފައިވާކަމަށާއި، މިފަދަ ޕޭޖްތައް އުފައްދައި ހިންގަމުންދާ ފަރާތްތަކަކީ ވެސް ގިނަ ފަހަރު ސްކޫލް ދަރިވަރުން ކަމަށެވެ. މިފަދަ ޕޭޖުތައް އުފައްދާ ހިންގާ ދަރިވަރުންގެ މައުލޫމާތު ވަންހަނާކޮށް، އެހެން ދަރިވަރުންނާއި ޓީޗަރުންނާ ބެހޭ ގޮތުން ދޮގު މައުލޫމާތާއި، މަލާމާތް ކުރުމާއި، ފުރައްސާރަ ކުރުމުގެ އިތުރުން ނަފްސާނީ ގޮތުން އަނިޔާ ލިބޭ ފަދަ އެތައް ލިޔުންތަކެއް ޝާއިއުކުރަމުންދާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސައިބާ ބުލީ އަކީ ފަހަކަށް އައިސް އިތުރުވެފައިވާ މައްސަލައެކެވެ. މިކަމުގެ ސަބަބުން ކުދިންގެ ނަފްސާނީ ދުޅަހެޔޮކަަމަށް އަސަރުކުރުމުގެ އިތުރުން ކިޔެވުމަށާއި، އަމަލީ ދިރިއުޅުމަށްވެސް ބުރޫ އަރައެވެ.