ގއ. ވިލިނގިލީގައި 18 އަހަރުންދަށުގެ ކުޑަކުއްޖަކަށް ބުލީކުރާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

އާންމުންގެ މީހަކު 'އެކްސް'ގައި ލިޔުނު ޕޯސްޓެއްގައި އޮތް ގޮތުން، ވިލިނގިލީގައި 18 އަހަރުންދަށުގެ ކުޑަކުއްޖަކަށް ސްކޫލް ކުދިންތަކެއް ބުލީކޮށް، އެ ކުއްޖާ އަށް ސްކޫލްގެ ބައެއް ބެލެނިވެރިންގެ ފަރާތުން އަނިޔާލިބެމުންދާ ކަމަށެވެ.

އޭނާގެ ޕޯސްޓުގައި ވަނީ، ފުލުހުންނާއި ސޯޝަލް މިނިސްޓްރީ އަށް މި މައްސަލަ ހުށަހެޅުމުން، މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ނުބަލައި ދޫކޮށްލައިފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.

މި ޕޯސްޓަށް ރައްދުދެއްވައި ފުލުހުންގެ ތަރުޖަމާނު، އެސިސްޓަންޓް ކޮމިޝަނަރު އަހްމަދު ޝިފާން ލިޔުއްވި ގޮތުގައި، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ފުލުހުން ދަނީ މި މައްސަލަ ތަހްގީގުކޮޮށް، މަސްލަހަތު ހިމެނޭ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ޔަގީންކޮށްދިނުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްކުރަމުންނެވެ.

މީގެ އިތުރުން ޝިފާން ވަނީ، ކުޑަކުދިންގެ ރައްކާތެރިކަމާއި ދިރިއުޅޭ މާހައުލުގެ އުފާވެރިކަން ގެއްލޭފަދަ ވާހަކަ ދެއްކުމާއި ކަންކަން އެއްވެސް ބަޔަކު ނުކުރުމަށް އެދިވަޑައިގެންފައެވެ.

މީގެ ދެ މަސް ކުރިން ވަނީ އއ. ރަސްދޫގައި ކުޑަކުއްޖަކަށް ބުލީކުރި މައްސަލައެއް ފެންމަތިވެފައެވެ. ފުލުހުން އޭރު ބުނީ، ރަސްދޫގައި ކުޑަކުއްޖަކަށް ބުލީކުރި މައްސަލައިގައި 13 އަހަރުގެ ކުއްޖަކާއި 14 އަހަރުގެ ކުއްޖެއް ހިމެނޭ ކަމަށެވެ.