ތ. ބުރުނީގައި މިހާރު ކުރިއަށް ގެންދާ މަޝްރޫއެއްގެ މަސައްކަތުގެ ތެރެއިން ރުކަކުން ޖެހި މީހަކު މަރުވެ އިތުރު ބަޔަކަށް ފަރުވާދޭން ފަށައިފިއެވެ.

އެކަން "ދަ ޕްރެސް" އަށް ކަށަވަރުވެފައިވާއިރު އެކަކު މަރުވެ، އަނިޔާލިބިގެން ދ. ކުޑަހުވަދޫ ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދަނީ އިތުރު ތިން މީހަކަށެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދިން ފަރާތުން ބުނީ އެކަން ހިނގާފައިވަނީ އެ މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ހައިމާކުން ރުއްތަކެއް ނަގައިގެން އެހެންތަނަކަށް ބަދަލުކުރުމުގެ ތެރޭގައި ކަމަށާއި އެކަން ހިނގިއިރު އެ މީހުން ތިބީ އެތާ ކައިރީ ކުރުނބާ ބޯން ކަމަށެވެ.

ރުކުން ޖެހި އެ މީހުން އެކި ދިމަދިމާލަށް ވިއްސައިގެން ދިޔަ ކަމަށާއި އެތަނުން އެކަކު ގޮސް ވެއްޓުނީ އެތަނުގައި ޖަހާފައި ހުރި ހިލަތަކެއްގެ މައްޗަށް ކަމަށެވެ. އަދި އެކަކުގެ ބޯފަޅައިގެން ގޮސް ސިކުނޑިއަށް އަނިޔާތަކެއް ލިބުނު ކަމަށް މައުލޫމާތު ލިބިފައިވާއިރު ދެވަނަ މީހެއްގެ އެތެރެ ހައްޓަށް ވަރަށް ބޮޑު އަނިޔާވެފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެ މީހުންނަކީ އެމްޓީސީސީއިން ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރުމަށް އެ ރަށަށް ގޮސްފައިވާ ބިދޭސީ މުވައްޒަފުންނެވެ.

އެކަމާ ގުޅިގެން ކައުންސިލުގެ އެކަށީގެންވާ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.