އޮފީސް އިމާރާތް ގާއިމް ކުރުމަށް ފަސް ބިމަކަށް ކުރިމަތިލުމުގެ ފުރުސަތު އެޗްޑީސީން ހުޅުވާލައިފިއެވެ.

އެޗްޑީސީން ބީލަމަށް ހުޅުވާލާފައި ވަނީ 6124 އަކަފޫޓުގެ 3 ބިމަކާއި 9633 އަކަފޫޓުގެ 2 ބިމެކެވެ.

ސަތޭކަ ޕަސެންޓު ދިވެހި ވިޔަފާރިތަކަށް ހުޅުވާލި މި ފުރުސަތުގައި އަކަފޫޓެއް ވިއްކަން ހަމަޖެހިފައިވާ އެންމެ ކުޑަ އަގަކީ 4،500 ރުފިޔާއެވެ.

މި ބިންތަކުގެ އެވެއިލަބިލިޓީ އެޗްޑީސީގެ ބިޑް ޕޯޓަލް މެދުވެރިކޮށް ބެލޭއިރު، ބިމަށް ކުރިމަތިލާ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށް ހުށަހަޅަން ޖެހެނީވެސް އެޗްޑީސީގެ ބިޑް ޕޯޓަލް މެދުވެރިކޮށެވެ. ބިޑް ސެކިއުރީޓީގެ ގޮތުގައި 6124 އަކަފޫޓުގެ ބިމަށް 500،000ރ. ދައްކަން ޖެހެއެވެ. އަދި 9633 އަކަފޫޓުގެ ބިމަށް 1،000،000ރ. ދައްކަން ޖެހެއެވެ.

އެޗްޑީސީން ބުނީ އޮފީސް އިމާރާތްތައް އަޅަން ބިން ވިއްކުމަށް ހަމަޖެހިފައި ވަނީ ޓްރީ ޓޮޕް ސަރަހައްދުން ކަމަށެވެ. އޮފީސް އިމާރާތް ހަދާއިރު ކޮމާޝަލް ބައެއް އަދި ބޭސްމެންޓް ޕާކިން އޭރިއާއެއް ވެސް ހިމަނަން ޖެހޭ ކަމަށް އެޗްޑީސީން ބުނެއެވެ. މީގެ އިތުރުން ކެފޭ އާއި ރެސްޓޯރަންޓްތައް ވެސް އެ އިމާރާތްތަކުގައި ހުންނަން ޖެހެއެވެ.

އޮފީސް އިމާރާތްތައް އެޅުމަށް ބިން ގަންނަން ބޭނުންވާ ފަރާތްތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށް، ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ.

ހުޅުމާލެއިން އޮފީސް ގާއިމް ކުރުމަށް ބިން ދޫކުރުމަށް ނިންމާފައި ވާއިރު ދާދި ފަހުން ސަރުކާރުގެ ބައެއް އޮފީސްތައް ހުޅުމާލެއަށް ވަނީ ބަދަލު ކޮށްފައެވެ. ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރެއްވި އިއްޒަތްތެރިއެއް ކަމަށްވާ ނއއވ އުމަރު ޒާހިރުގެ ނަންފުޅުން ނަންދީފައިވާ އެ އޮފީސް އިމާރާތް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.