މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ހަވަނަ ދުވަހުގެރޭ ރަހުމްކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގެ ދައުވާކޮށްފައިވާ އަލީ ޝާހިލް ޝަރީއަތުގައި އަދިވެސް ވާހަކަ ނުދައްކާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޝިއާއު މަރާލި މައްސަލައާ ގުޅިގެން ހައްޔަރުކުރި އަލީ ޝާހިލްގެ މައްޗަށް ފަސް ދައުވާއެއް އުފުލާފައި ވާއިރު އެ ދައުވާތަކުގެ ތެރޭގައި މިހާތަނަށް ޕީޖީއިން ހާމަކޮށްފައި ވަނީ ތިން ދައުވާއެކެވެ. އެއީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއާއި ކެނަބިސް ބޭނުންކުރުމުގެ ދައުވާއާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ ޝާހިލުގެ މައްޗަށް ކުރެވޭ އެއްވެސް ދައުވާއަކަށް އޭނާ މިހާތަނަށް އިއުތިރާފުވެފައި ނުވާ ކަމަށާއި ޝަރީއަތުގެ މަޖިލީހުގައި ޝާހިލް ވާހަކަ ވެސް ދައްކާފައި ނުވާ ކަމަށާއި އެ މައްސަލަ އަދި އޮތީ ފުރަތަމަ މަރުހަލާގައި ކަމަށެވެ.
އެ މައްސަލާގައި އެންމެ ފަހުން ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ޝާހިލަށް ދައުލަތުގެ ހަރަދުގައި ވަކީލަކު ހަމަޖައްސައިދިނުމަށް ވަނީ ނިންމާފައެެވެ.
ޝާހިލްގެ މައްޗަށް ކޮށްފައިވާ ބައެއް ދައުވާތައް މިހާތަނަށް ހާމަކޮށްފައި ނުވާއިރު ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓަރު އަހުމަދު ޝަފީއު "ދަ ޕްރެސް" އަށް ވިދާޅުވީ އެ ދައުވާތައް ސިއްރުކޮށްފައި ވަނީ އާއިލާގެ މަސްލަހަތަށްޓަކައި ކަމަށާއި ތަހުގީގީ މަރުހަލާގައި އާއިލާއިން އެދިގެން ހާމަ ނުކުރަން ހުރި ބައެއް މައުލޫމާތުތައް ވެސް ހިމެނޭތީ ކަމަށެވެ.