ދިވެއްސަކާ ގުޅުން ނެތް މަސްތުވާތަކެތީގެ މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކުރުމުގެ ބޭނުމެއް ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޝަމީމް މިފަދައިން ވިދާޅުވެފައި ވަނީ 6.5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލުމަށްފަހު ފަސިންޖަރު ޑީޕޯޓް ކޮށްލި މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ވައިގެ މަގުން ގަތަރުގެ ދޯހާއިން ރާއްޖެ އައި ބްރެޒިލްގެ 23 އަހަރުގެ އަންހެން ފަސިންޖަރެއްގެ ލަގެޖުން 2.6 ކިލޯގެ މަސްތުވާތަކެތި ފެނުނު ނަމަވެސް އެ ފަސިންޖަރު، "ވައިގެ މަގުން ދިވެހިރާއްޖެ އަންނަ ބިދޭސީއަކު ދިވެހި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތްތަކާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދު" އާ އެއްގޮތްވާ ގޮތުގެ މަތިން ތަންފީޒީ އިދާރާތަކުގެ މަޝްވަރާއާއެކު ރާއްޖެއަށް އެތެރެވިޔަނުދީ އިމިގްރޭޝަނުން އަނބުރާ ވަނީ ފޮނުވާލާފައެވެ.
ޕީޖީ ޝަމީމް ވިދާޅުވީ ދިވެއްސެއްގެ މަސްލަހަތު އެ މައްސަލައެއްގައި ނުހިމެނޭ ނަމަ އެ ބިދޭސީ މީހާ ހައްޔަރުކޮށް، ފިޔަވަޅު އަޅަން ބޭނުން ނުވާ ކަމަށެވެ. އަދި ދައުލަތުގެ ހަރަދުގައި ބައިތިއްބަނީ ރާއްޖެއިން ބޭރުން އަންނަ ބިދޭސީއިންގެ ތެރެއިން ވަކި ބާވަތްތަކެއްގެ ކުށްވެރިންކަން ފާހަގަކުރައްވާ ޝަމީމް ވިދާޅުވީ އެހެންނަމަވެސް މިފަދަ މައްސަލަތަކުގައި އަންނަ ބިދޭސީންނަށް ދައުލަތުން ހަރަދުކޮށްގެން އަދަބު ދިނުމަކީ ބޭނުންތެރި ކަމެއް ނޫން ކަމަށެވެ.
އަދަބު ދިނުމުގެ މައިގަނޑު ތިން ބޭނުމެއް އޮންނަކަން ކަމަށާއި އެއީ ރީހެބިލިޓޭޓްކުރުމާއި މުޖުތަމައު ސަލާމަތްކުރުމަށާއި ކުށް ކުރީމަ އަދަބު ލިބޭކަން އެހެން މީހުންނަށް ދެއްކުން ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ބިދޭސީއެއް ނަމަ އެއިން ގިނަ ކަންކަން ހާސިލް ނުވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.