ކޯޓުތަކުގައި ދައުވާކޮށް މައްސަލަތައް ނިންމުމުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޝަރީއަތް ނިމެންދެން އެކި މައްސަލަތަކުގައި ދައުވާ ލިބޭ މީހުން ބަންދުގައި ތިބޭ މައްސަލަ ކަމަށް، ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.

ބައެއް މައްސަލަތައް ނިމުން ލަސްވެ، ކޯޓު މަރުހަލާގައި ދިގުލައިގެން ދިއުމަކީ އާންމުންގެ ކަންބޮޑުވުން އޮންނަ އެއް މައްސަލައެވެ. ބައެއް މައްސަލަތައް ނިމެން ދެ އަހަރަށް ވުރެ ގިނަ ދުވަސް ނަގާއިރު، އެކަމުގައި ޝަރުއީ ނިޒާމަށް އާންމުންގެ ތެރެއިން ގިނަ މީހުންގެ ފާޑުކިއުން އަބަދު ވެސް އަމާޒުވެއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ޝަމީމް ވަނީ، ގޭންގު ކުށްތައް ފަހަކަށް އައިސް އިތުރުވެފައިވާ ކަން ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ، ފުލުހުން އެފަދަ މައްސަލަތައް ތަހްގީގުކޮށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވުމުން، އެ އިދާރާ އިން ކުރަން ހުރި މަސައްކަތްތައް ކުރަމުން ގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، އެންމެ ބޭނުންވަނީ ކޯޓަށް ހުށަހެޅޭ މައްސަލަތައް އަވަހަށް ނިމުމެވެ.

"މިހާރު އެންމެ ބޮޑަށް އަޅުގަނޑުމެންނަށް ދިމާވާ ގޮންޖެހުމަކީ ޝަރީއަތް ނިމެންދެން މީހުން ބަންދުގައި ތިބޭ މައްސަލަ، އެކަން ހައްލުވެގެން މީހުންނަށް އަދަބު ލިބޭކަން، ކަންކަން ހިނގާކަން މީހުންނަށް އެނގޭނީ،"
ހުސައިން ޝަމީމް | ޕްރޮސެކިއުޓަރު ޖެނެރަލް

އެހެންކަމުން، އެފަދަ މައްސަލަތަކާއި ވަކިން ހާއްސަކޮށް މުޖުތަމައަށް ނުރައްކާވާ ގޮތަށް ހުންނަ މައްސަލަތައް ކޯޓުން އަވަހަށް ނިމެން ބޭނުންވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

އެއާއެކު، ކްރިމިނަލް ކޯޓަށް ދިމާވި ބައެއް މައްސަލަތައް ފާހަގަކުރައްވައި، އޭނާ ވަނީ އެ މައްސަލަތައް ކުޑަކޮށް ތަފްސީލްކޮށްދެއްވާފައެވެ. ޝަމީމް ފާހަގަކުރެއްވި ގޮތުގައި ކްރިމިނަލް ކޯޓުގައި:

  • އިމާރާތުގެ ޖާގައިގެ ދަތިކަން އެބައޮތް
  • ވަސީލަތްތައް މަދު
  • ޕީޖީ އަށް ކަންކަން ފަސޭހަވިޔަސް ކޯޓަށް ބައެއް ކަންކަން ދަތި
  • ފަނޑިޔާރުން މަދުވުން

"އަޅުގަނޑު އުންމީދު ކުރަނީ އެކަންކަން ހައްލުވެގެން ކޯޓުގަ މިހާރު ހުރި މައްސަލަތައް ބާރަށް ކުރިއަށް ގެންދެވޭނެ ގޮތް ވުން،" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވަނީ މީގެ ކުރިން ވެސް މައްސަލަތަކުގެ ޝަރީއަތްތައް އަވަހަށް ނިމެން ޖެހޭ ކަމަށް ވިދާޅުވެ ލިޔުއްވުމެއް ލިޔުއްވާފައެވެ. އޭނާގެ ބްލޮގުގައި ލިޔުއްވި ލިޔުމެއްގައި ޝަމީމް ވިދާޅުވީ، ރާއްޖޭގެ އަދުލުގެ ނިޒާމުގައި އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ ޝަރީއަތް ނިމެންދެން މީހުން ބަންދުގައި ބޭތިއްބުމަށް ކޯޓުން ކުރާ “ވާނުވާ” އަމުރެއްގެ ވާހަކަ ކަމަށެވެ.

އެއީ ކަންބޮޑުވާ ކަމެއް ކަމަށާއި، “ވާނުވާ”އަށް ހައްލު ގެނެވޭތޯ އެކި އެކި މަސައްކަތް ކުރެވިފައިވާ ކަމަށް ޝަމީމް އޭރު ވިދާޅުވިއެވެ.