ހިޔާ ފްލެޓްތަކުގައި ދިރިއުޅެމުން ގެންދާ ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ތަރައްގީކޮށް ފެންވަރު ރަނގަޅުކުރުމަށްޓަކައި ހިޔާ ފުލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ހިޔާލު ހޯދުމަށް ސާވޭއެއް ކުރަން އެޗްޑީސީން ނިންމައިފިއެވެ.

އެޗްޑީސީން ބުނީ، މި ސާވޭ ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ އިން އަންނަ މަހުގެ 6 ވަނަ ދުވަހާ ހަމައަށް ކަމަށާއި މި ސާވޭއަށް މައުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވަނީ ފްްލެޓްތަކަށް ޒިޔާރަތްކޮށް އޮންލައިން ފޯމެއް ފުރައިގެން ކަމަށެވެ.

މި ސާވޭގައި އާމްދަނީ، ހަރަދު، ކޭޝް ކާޑު އަދި ބޭންކް އެކައުންޓު ފަދަ މައުލޫމަތެއް ނާހާނެ ކަމަށް އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ. އަދި މިމަސައްކަތުގައި ބައިވެރިޔާ އެޗްޑީސީގެ މުވައްޒަފުން ތިބޭނީ އެ ކޯޕަރޭޝަންގެ މުވައްޒަފުއްކަން އަންގައިދޭ ކާޑުއަޅައިގެން ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ، މިސާވޭއަށް ބޭނުންވާ އިތުރު މައުލޫމާތު ސާފު ކުރަން ޖެހިއްޖެ ހާލަތެއްގައި ގުޅާނީ އެ ކޯޕަރޭޝަންގެ ރަސްމީ ނަންބަރަކުން ކަމަށެވެ. މި ސާވޭއާ ގުޅިގެން އެއްވެސް ޝަކުވާއެއް ނުވަތަ މައުލޫމާތެއް ސާފުކުރުމަށް ބޭނުން ނަމަ އެކޯޕަރޭސަންގެ ކޯލް ސެންޓަރު 1516 އަށް ގުޅުމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ވަނީ މީގެ ކުރިން ވެސް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ ހާލަތު ދެނެގަތުމަށްޓަކައި ސާވޭއެއް ކުރިއަށް ގެންގޮސްފައެވެ. އެ ސާވޭގެ ދަށުން ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތައް ގޮސްފައިވާ މިންވަރު އޮޅުން ފިލުވައި، ޓަވަރުތަކުގެ އާންމު ތަންތަން ފޮޅާ ސާފުކޮށް، ސެކިއުރިޓީ ބެލެހެއްޓުމުގެ ހިދުމަތާ ގުޅޭގޮތުންނާއި، އެޗްޑީސީން ދެމުންގެންދާ "ޖީޕޮން ނެޓްވޯކް" ހިދުމަތާ ގުޅޭގޮތުންވެސް ހިޔާލު ވަނީ ހޯދާފައެވެ.

މީގެ އިތުރުން އެ ސާވޭގެ ދަށުން، ޓަވަރުތަކުގެ އާންމު ތަންތަނާއި، ހިދުމަތްތަކާއި، އިމާރާތް މެނޭޖު ކުރުމުގެ ކަންކަން، ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން އިންތިހާބު ކުރާ ވަކި ބޯޑެއްގެ ދަށުން ކުރިއަށް ގެންދިއުމަށްޓަކައި އެކުލަވާލަން ޖެހޭ ކޯޕަރޭޓިވް ސޮސައިޓީ އުފެއްދުމާ ގުޅޭގޮތުން ވެސް ވަނީ ހިޔާލު ހޯދާފައެވެ.