ސަރުކާރު ކޯލިޝަނާ ވަކިން ވާދަކުރުމަށް ނުވަތަ ޖުމްހޫރީ ޕާޓީން އިސްވެ ހަދާ ކޯލިޝަނެއްގައި ވާދަކުރަން ކައުންސިލަށް ލަފާ ދިނުމަށް، އެ ޕާޓީގެ ގައުމީ ކޮންފަރެންސުން ރޭ ފާސްކޮށްފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވަކިން ނުވަތަ ކޯލިޝަނަކާ އެކު ވާދަކުރުމަށް ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސަށް މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ އަހްމަދު ހުށަހެޅުއްވި ގަރާރަށް ވަނީ ރޭ ބަހުސްކޮށްފައެވެ.

އެ ގަރާރަށް އެއް ގަޑިއިރު ވަންދެން 7 މެންބަރަކު ބަހުސްކުރުމަށް ފަހު، ވަނީ ގަރާރު ފާސްކުރުމަށް ފެންނަ ކަމަށް ވޯޓްދީފައެވެ. ރިޔާސަތުގައި އިންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވީ، ގަރާރު ފާސްވެފައި ވަނީ ކޮންފަރެންސްގެ އިއްތިފާގުންނެވެ.

މި ގަރާރަށް ޖުމްލަ 7 ބޭފުޅުން ބަހުސްކުރެއްވިއެވެ. އެ 7 ބޭފުޅުންގެ ތެރެއިން ގަރާރާ ދެކޮޅަށް ހަމައެކަނި ވާހަކަ ދެއްކެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ރައީސް އޮފީހުގެ މިނިސްޓަރަކަށް މިހާރު ހުންނެވި، އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރެވެ. ނަމަވެސް ގަރާރު ފާސްކުރުމަށް އޭނާ ވެސް ވަނީ ވޯޓު ދެއްވާފައެވެ.

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސުން ރޭ ގަރާރު ފާސްކުރި ނަމަވެސް، ގާނޫނީ ހައިސިއްޔަތެއް ނެތް އެ ގަރާރަށް އަމަލުކުރާނެ ގޮތެއް ފަހުގެ ތާރީހެއްގައި ނިންމާނީ ކޮންފަރެންސުން އިންތިހާބުކުރާ އާ ކައުންސިލުންނެވެ.

މި އަހަރުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީން އިސްވެ އޮވެ ވާދަކުރުމަށް ކައުންސިލަށް ލަފާ ދޭން ނިންމާފައި ވާއިރު، ގާސިމް މި އިންތިހާބުގައި ވާދަކުރެއްވުމަށް އެންމެ ބޮޑަށް ބާރު އަޅުއްވަމުން ގެންދަވާ އެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. ރިޔާސީ އިންތިހާބުގައި ގާސިމް ވާދަކުރައްވަން ނިންމަވައިފިނަމަ، ގާސިމްގެ ފަހަތްޕުޅަށް ނަޝީދު އަރާވަޑައިގަތުމަކީ އެކަށީގެންވާ ކަމެކެވެ.

މިވަގުތު 20 ހާހަށް ވުރެ ގިނަ މެންބަރުން ތިބި ޖުމްހޫރީ ޕާޓީ އަކީ މިހާތަނަށް އުފެދުނު ތިން ސަރުކާރުގެ ވެސް އެންމެ މުހިންމު އެއް ހިއްސާދާރެވެ.