ޖުމްހޫރީ ޕާޓީގެ ލީޑަރަކު ކަނޑައެޅުން އަންނަ ކޮންފަރެންސަށް ތާވަލު ކޮށްފައި އޮތް ނަމަވެސް، އެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި އެ ޕާޓީގެ މިހާރުގެވެސް ލީޑަރު ގާސިމް އިބްރާހިމް ނޫން ބޭފުޅަކު ހުށަހަޅާފައި ނުވާތީ އޮޓޮމެޓިކުން ގާސިމް ހޮވިއްޖެއެވެ.

ގާސިމް އެ މަގާމަށް އޮޓޯއިން ހޮވުނު ނަމަވެސް އިތުރު ދައުރަކަށް އޭނާ އެ މަގާމަށް އައްޔަންކުރުން މި މަހުގެ 24 އިން 25 އަށް ބާއްވާ އެ ޕާޓީގެ ކޮންފަރެންސްގައި އޮންނާނެއެވެ. މިއީ ގާސިމް ޖޭޕީގެ ލީޑަރުގެ މަގާމަށް ކުރިމަތިލައްވާ ހަތަރު ވަނަ ފަހަރެވެ.

ޕާޓީގެ ލީޑަރުގެ މަގާމު އުވާލައި އެ ޕާޓީއިން ރައީސަކު އައްޔަން ކުރަން ހުށަހެޅި ނަމަވެސް ލީޑަރުގެ މަގާމު އުވާލާކަށް ޖޭޕީގެ 148 ވަނަ ކައުންސިލް ބައްދަލުވުމުގައި ފާސްވެފައެއް ނުވެއެވެ. އެހެން ނަމަވެސް 149 ވަނަ ކައުންސިލް ބައްދަލުވުމުގައި ޕާޓީގެ މިހާރުގެ ލީޑަރު ގާސިމް، ލީޑަރުގެ ގޮތުގައި ދެމި ހުރުމަށާއި ނައިބު ލީޑަރުންގެ އަދަދު 5 އަށް އިތުރު ކުރުމަށް ވަނީ ފާސްކޮށްފައެވެ. އެ ނިންމުމާއެކު ރައީސް ކަމުގެ މަގާމުގައި މިހާރު ހުންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ނައިބު ރައީސް ކަމުގައި ހުންނެވި އަހުމަދު ސައުދުގެ މަގާމު އުވުނީއެވެ. ނަމަވެސް ކައުންސިލުން ނިންމާފައި ވަނީ އަންނަ ކޮންފަރެންސް އާ ހަމައަށް އެ 2 މަގާމު ދެމި އޮންނާނެ ކަމަށެވެ.

އެންމެ ފޯރިގަދަ ވާނެކަމަށް ބެލެވޭ ޖޭޕީގެ ނައިބު ލީޑަރުގެ މަގާމަށް ވަޒީރުންނާއި، ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވި ބައެއް ބޭފުޅުން އަދި ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާވެސް ހިމެނޭ ގޮތަށް 12 މެންބަރަކު ވަނީ ކުރިމަތިލައްވާފައެވެ.

ޖޭޕީގެ އިތުރު މަގާމުތަކަށް މެންބަރުން ކުރިމަތިލާފައިވާ ގޮތަށް ބަލާލާއިރު އަންހެނުންގެ ލީގުގެ ރައީސް ކަމަށް ފަސް މެންބަރުން، ނައިބު ރައީސްގެ ކަމަށް ހަތަރު މެންބަރުން، އަދި ޒުވާނުންގެ ލީގުގެ ސެކްރެޓަރީ ކަމަށް ދެ މެންބަރުން ކުރިމަތިލާފައި ވެއެވެ.

މީގެއިތުރަށް ޒުވާނުންގެ ލީގުގެ މެންބަރުކަމަށް ތިން މެންބަރުން، އަންހެނުންގެ ލީގުގެ މެންބަރު ކަމަށް ފަސް މެންބަރުންގެ އިތުރުން ގައުމީ ކޮންފަރެންސުން އިންތިހާބުކުރާ 25 މެންބަރު ކަމަށް 64 މެންބަރުން ކުރިމަތިލައްވާފައިވެއެވެ.

ޒުވާނުންގެ ލީގުގެ ރައީސް ކަމަށް ވެލިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޔާމީން ރަޝީދު ކުރިމަތިލެއްވި އިރު، ޒުވާނުންގެ ލީގުގެ ނައިބު ރައީސް ކަމަށާއި، އަންހެނުންގެ ލީގުގެ ސެކްރެޓަރީ ކަމަށް ވެސް ކުރިމަތިލާފައި ވަނީ އެންމެ މެންބަރެކެވެ. އެހެންކަމުން، އެ މަގާމުތަކަށް އެ މެންބަރުން ވަނީ ހޮވިފައެވެ.

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގައި މަގާމުތަކަށް މީހުން އައްޔަންކޮށް ޕާޓީގެ ކައުންސިލު އެކުލަވައިލުމުގެ އިތުރަށް ޕާޓީގެ އަސާސީ ގަވާއިދަށް ބައެއް އިސްލާހުތައް ގެނައުމަށް ތާވަލު ކޮށްފައި ވެއެވެ.

ޖޭޕީގެ ކޮންފަރެންސް އަކީ ކޮންމެ 5 އަހަރަކުން 1 އަހަރު ބާއްވާ ރިޔާސީ އިންރިހާބުގެ ކުރިން ނުވަތަ ރިޔަަސީ އިންތިހާބު އޮންނަ އަހަރުގެ މާޗު މަސް ނިމުމުގެ ކުރިން ބޭއްވުމަށް އަސާސީ ގަވައިދުގައި ބުނެފައި އޮންނަ ކޮންފަރެންސް އެކެވެ.