ސިޔާސީ ޕާޓީތަކުން މިއަދު ފެންނަމުން ދަނީ އާންމު މެންބަރުން ބާކީކޮށް، ޕާޓީތަކުގެ އިސް ސަފުގައި ތިބި މެންބަރުންގެ ހަމައެކަނި މަޝްވަރާގެ މަތިން ކަންކަން ނިމިގެންދާ މަންޒަރު ކަމަށް، ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ އިންތިހާބީ ޑެޕިއުޓީ ލީޑަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ހަތަރުވަނަ ގައުމީ ކޮންފަރެންސް ނިމުން ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަހުލާ ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ތާރީހުގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ކަމަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު އިންތިހާބުވެ، ސިޔާސީ މައިދާނުގައި މަސައްކަތް ކުރަން ފެށުމަކީ ގައުމީ މަސައްކަތަށް ނުކުތުމުގައި އަންހެނުންގެ ފިކުރާއި ދައުރަކީ މުހިންމު އެއްޗެއްގެ ގޮތުގައި ޕާޓީން ދެކޭ ކަމުގެ ހެއްކެއް ކަމަށެވެ.

އެއާއެކު، ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުކަން ޒިންމާދާރުކަމާ އެކު އަދާކުރައްވާނެ ކަމުގެ ޔަގީންކަން ނަހުލާ ދެއްވިއެވެ.

ނަހުލާ ވިދާޅުވީ، އެތެރޭގެ އިންތިހާބު ކާމިޔާބުކުރެއްވި މެންބަރުން ވެވަޑައިގަންނަވަން ވާނީ އެއްވެސް މެންބަރަކު ބާކީ ނުކޮށް، އެންމެން އެއް ރޫހެއްގައި ގުޅިގެން މަސައްކަތްކުރާ ބަޔަކަށް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮންމެ ޕާޓީއެއްގެ ވެސް އާންމު މެންބަރުންގެ ހިޔާލާއި މަޝްވަރާ އަދި ބައިވެރިވުން ކަންކަމުގައި މުހިންމެވެ.

ނަމަވެސް އޭގެ ބަދަލުގައި މިއަދު ފެންނަނީ ސިޔާސީ ޕާޓީތަކުން ހަމައެކަނި އިސް ސަފުގައި ތިބި މެންބަރުންގެ މަޝްވަރާ އާ އެކު ކަންކަން ތަންފީޒުކުރާ މަންޒަރު ކަމަށް ނަހުލާ ވިދާޅުވިއެވެ.

"އެހެން ނަމަވެސް އަޅުގަނޑު ގަބޫލު ކުރާގޮތުގައި ސިޔާސީ ޕާޓީއެއްގެ އެންމެ މުހިންމު ރައުސުލްމާލަކީ އެ ޕާޓީއެއްގެ އާންމު މެމްބަރުން. ޕާޓީގެ ކޮންމެ ނިންމުމެއްގައިވެސް ޕާޓީގެ އާންމު މެމްބަރުންގެ ހިޔާލާއި ފިކުރު އަދި އެންމެންގެ ބައިވެރިވުން އޮންނަންވާނެ ކަމުގައި އަޅުގަނޑު ދެކެން."
އައިޝަތު ނަހުލާ | ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ޓްރާންސްޕޯޓް މިނިސްޓަރު

އެގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ޕާޓީ އެއް ކުރިއަށް ގެންދިއުމަށްޓަކައި ޕާޓީއެއްގެ ގްރާސްރޫޓަކީ ބާރުވެރި ފަރާތަށް ހަދަން ޖެހޭ ކަމަށް ނަހުލާ ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަގާމުގައި ހުންނަވާ، ޕާޓީގެ މަގްސަދުތައް ހާސިލްކޮށް، ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ކުރެވޭ ހުރިހާ މަސައްކަތަކަށް އެއްބާރުލުންދެއްވާނެ ކަމުގެ ޔަގީންކަމާއި، ޕާޓީގެ އިސް ސަފުން އަންހެނުންނަށް ފުރުސަތު ހޯދައިދީ އަންހެނުން ބާރުވެރިކުރުވާނެ ކަމުގެ ޔަގީންކަން ނަހުލާ ދެއްވިއެވެ.

ސިޔާސީ ކަންކަމާއި ގައުމީ މުހިންމު ކަންކަމުގައި އަންހެނުންގެ ބައިވެރިވުމާއި ހިޔާލު މުހިންމުވި ނަމަވެސް، އެކަމުގައި ކުރިއަށް ދާން އަންހެނުންނަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ނަހުލާ ވިދާޅުވިއެވެ.

"މިއަދު މިހާ ހިސާބަށް އަޅުގަނޑަށް އާދެވިފައި މިވަނީ ވަރަށްވެސް ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާ އެކު. އެގޮތުން އަޅުގަނޑަށް ވެސް ގޮންޖެހުންތަކާ ދިމާވޭ. ދަތިތަކާ ވެސް ކުރިމަތިލާން ޖެހޭ،"
އައިޝަތު ނަހުލާ | ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ޓްރާންސްޕޯޓް މިނިސްޓަރު

"އަޅުގަނޑެކޭ ވެސް އެއްފަދައިން އަންހެނުން ކުރިޔަށް ދާން ބޭނުންވާ ދާއިރާއަކުން ކުރިޔަށް ގޮސް ކާމިޔާބާ ހަމަޔަށް ހާސިލްވުމަށް ހުރި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ފުރިހަމަ އެއްބާރުލުން ބޭނުންވޭ،" ނަހުލާ ވިދާޅުވިއެވެ.

ނަހުލާ އާ އެކު އިތުރު ހަތަރު ބޭފުޅެއް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ކަމަށް އިންތިހާބުވެވަޑައިގެންފައިވާއިރު، އިންތިހާބުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ ނަހުލާއަށެވެ.