ޖުމްހޫރީ ޕާޓީގެ އިސް މަގާމުތަކަށް ކުރިމަތިލީ މެންބަރުންގެ ފައިނަލް ލިސްޓު ހާމަކޮށް، ކެންޑިޑޭޓުންގެ ނަންބަރުތައް ތަރުތީބު ކޮށްފިއެވެ.

އަންނަ ހަފްތާ ބަންދުގައި ޖުމްހޫރީ ޕާޓީން ބާއްވާ އެ ޕާޓީގެ ހަތަރުވަނަ ގައުމީ ކޮންފަރެންސްގައި ޕާޓީގެ އިސް މަގާމުތަކަށް މެންބަރުން ހޮވާއިރު، މަގާމުތަކަށް ކުރިމަތިލުމުގެ މުއްދަތު އިއްޔެ އަށް ވަނީ ހަމަވެފައެވެ. އަދި ރޭގެ ވަގުތެއްގައި ކެންޑިޑޭޓުންގެ ނަންބަރުތައް ވަނީ ތަރުތީބު ކޮށްފައެވެ.

އިއްޔެގެ ނިޔަލަށް ޖުމްހޫރީ ޕާޓީގެ މަގާމުތަކަށް މެންބަރުން ކުރިމަތިލާފައިވާ ގޮތަށް ބަލާލާއިރު، ގާސިމް ފިޔަވައި އިތުރު ބޭފުޅަކު އެ ޕާޓީގެ ލީޑަރު ކަމަށް ކުރިމަތިލައްވާފައެއް ނުވެއެވެ. 12 މެންބަރަކު ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ކަމަށް ކުރިމަތިލާފައި ވާއިރު، އަންހެނުންގެ ލީގުގެ ރައީސް ކަމަށް ފަސް މެންބަރުން، ނައިބު ރައީސްގެ ކަމަށް ހަތަރު މެންބަރުން، އަދި ޒުވާނުންގެ ލީގުގެ ސެކްރެޓަރީ ކަމަށް ދެ މެންބަރުން ކުރިމަތިލާފައި ވެއެވެ.

އެހެން މަގާމުތަކަށް ބަލާލާއިރު:

  • ޒުވާނުންގެ ލީގުގެ މެންބަރުކަމަށް ތިން މެންބަރުން
  • އަންހެނުންގެ ލީގުގެ މެންބަރު ކަމަށް ފަސް މެންބަރުން
  • ގައުމީ ކޮންފަރެންސުން އިންތިހާބުކުރާ 25 މެންބަރު ކަމަށް 64 މެންބަރުން

އޭގެ އިތުރުން ވެސް އެހެން ބައެއް މަގާމުތަކަށް ކުރިމަތިލާފައި ވަނީ އެންމެ ބޭފުޅެކެވެ. އެގޮތުން ޒުވާނުންގެ ލީގުގެ ރައީސް ކަމަށް ވެލިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޔާމީން ރަޝީދު ކުރިމަތިލެއްވި އިރު، ޒުވާނުންގެ ލީގުގެ ނައިބު ރައީސް ކަމަށާއި، އަންހެނުންގެ ލީގުގެ ސެކްރެޓަރީ ކަމަށް ވެސް ކުރިމަތިލާފައި ވަނީ އެންމެ މެންބަރެކެވެ.

އެހެންކަމުން، އެ މަގާމުތަކަށް އެ މެންބަރުން ވަނީ ހޮވިފައެވެ.

އެންމެ ފޯރިގަދަ ވާނެ ކަމަށް ބެލެވެނީ ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުގެ މަގާމުގެ އިންތިހާބެވެ. އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ބައެއް ވަޒީރުންނާއި، ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވި ބައެއް ބޭފުޅުން ހިމެނިވަޑައިގަންނަވާއ އިރު ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާވެސް ހިމެނެއެވެ.

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގައި މަގާމުތަކަށް މީހުން އައްޔަންކޮށް ޕާޓީގެ ކައުންސިލު އެކުލަވައިލުމުގެ އިތުރަށް ޕާޓީގެ އަސާސީ ގަވާއިދަށް ބައެއް އިސްލާހުތައް ގެނައުމަށް ތާވަލުކޮށްފައި ވެއެވެ.