މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރަން އެމްޑީއޭ އިން ނިންމައިފިއެވެ.

އެމްޑީއޭގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައި 36 މެމްބަރުން ބައިވެރިވިއިރު އޭގެ ތެރެއިން، ރައީސް ސޯލިހަށް ތާއިދު ކުރަން 34 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. އަދި އެކަމާ ދެކޮޅަށް ދެ މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.

ރައީސަށް ތާއީދުކުރަން ނިންމުމުގެ ކުރިން އެމްޑީއޭ އިން އިއްޔެ ވަނީ އެމްޑީޕީގެ ބޭފުޅުންނާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ރައީސް ސޯލިހްގެ މަންދޫބުންގެ ގޮތުގައި ބައިވެރިވެވަޑައިގެންފައި ވަނީ އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އާއި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.

އެމްޑީޕީގެ އިތުރުން ޕީޕީއެމުން ވެސް ވަނީ އެމްޑީއޭއާއެކު ކޯލިޝަން ހެދުމުގެ ޝައުގުވެރިކަން ފާޅުކޮށް އެކަމަށް އެދި ސީޓީއެއް ފޮނުވާފައި ވެއެވެ.

އެމްޑީޕީން އެމްޑީއޭއާއެކު މަޝްވަރާ ކޮށްފައިވާ އިރު، މި ސަރުކާރުގެ ކޯލިޝަންގައި ތިބި ޕާޓީތަކުގެ ތާއީދު ހޯދުމަށް އެމްޑީޕީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން މިހާތަނަށް އެމްޑީޕީއަށް ތާއީދު ކުރާނެކަން އިއުލާން ކޮށްފައި ވަނީ އަދާލަތު ޕާޓީން އެކަންޏެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ގާސިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާއި ރައީސް ސޯލިހްގެ މަންދޫބުން ބައްދަލުކުރައްވާފައި ވާ އިރު، އަދި ޖުމްހޫރީ ޕާޓީގެ ނިންމުން ހާމަކޮށްފައެއް ނުވެއެވެ. މީގެ އިތުރުން އެމްއާރްއެމުން ވަނީ އެ ޕާޓީގެ ލީޑަރު މައުމޫން އަބްދުލްގައްޔޫމް ރާއްޖެގައި ނެތުމުން ރާއްޖެ ވަޑައިގަތުމާއެކު އެމްޑީޕީއާ މަޝްވަރާ ކުރާނެ ކަމަށް ބުނެފައެވެ.