ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރަން ހުށަހެޅި އިސްލާހަށް ބިލް ފާސްކުރަން ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭއާއި ގާސިމް ވެސް ބައިވެރިވެރިވެވަޑައި ނުގަންނަވައެވެ.

ކޯޓުތަކުގެ ގާނޫނަށް ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމަށެވެ. އިއްޔެ އެ ބިލު މަޖިލީހަށް ހުށަހަޅާ، މަޖިލީހުން ބަލައިގަނެ ބަހުސްކޮށް ނިންމުމަށްފަހު ވަނީ ކޮމިޓީއަށް ފޮނުވާފައެވެ. އަދި ރެއިން ރެއަށް ކޮމިޓީން އެ ބިލް ފާސްކުރަން ނިންމާފައިވާއިރު، މިއަދު އެ ރިޕޯޓު މަޖިލީހަށް ހުށަހެޅުމުން ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ ތާއިދާއެކު ބިލް ވަނީ ފާސްކޮށްފައެވެ.

ބިލަށް ތާއިދު ކުރެއްވީ ޕީއެންސީގެ މެންބަރުން އެކަނި ކަމަށްވާއިރު ވޯޓަށް އެހީ ކޮންމެ މެންބަރެއްގެ އަރިހުގައި ވަކިން އަހައިގެންނެވެ. މިފަދައިން ވޯޓު ނަގާފައި ވަނީ ވޯޓިން ސިސްޓަމަށް މައްސަލައެއް ދިމާވެގެން ނެވެ. ބިލް ފާސްކުރަން ވޯޓު ދޭން ޕީއެންސީން ތްރީލައިން ވިޕެއް ނެރެފައިވީ ނަމަވެސް ބައެއް މެންބަރުން ބައިވެރިވެވަޑައިނުގަންނަވައެވެ. އޭގެ ތެރޭގައި ހިތަދޫ މެދުދާއިރާގެ މެންބަރު އަހުމަދު އަޒާން ހިމެނިވަޑައިގަންނަވަ އެވެ.

އަދި އެ ވޯޓުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދި ސަރުކާރަށް ތާއީދުކުރާ އެއްވެސް ޕާޓީއެއް ބައިވެރިވެފައެއް ނުވެއެވެ. އެގޮތުން ބިލަށް ވޯޓަށް އެހިއިރު އެ މެންބަރުން ތަޅުމުގައި ވެސް ނެތެވެ. އޭގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމާއި އެމްއެންޕީގެ ލީޑަރު މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ހިމެނިވަޑައިގަންނަވައެވެ. އަދި ހަމައެހެންމެ އެމްޑީއޭއަށް ނިސްބަތްވެޑައިގަންނަވާ ދެ މެމްބަރުންކަމަށްވާ އެޕާޓީގެ ލީޑަރު، މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާއި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވެސް ވޯޓުގައި ބައިވެރިވެވަޑައިގެންފައި ނުވެއެވެ.

މަޖިލީހަށް ބިލް އިއްޔެ ބަލައިގަތް ވޯޓުގައި ވެސް އަޒާން ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އެއާއެކު ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވަނީ ވިޕްލައިނާ ހިލާފުވާ މެންބަރުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް އަންގާފައެވެ. އޭގެ ފަހުން ރޭގެ ވަގުތެއްގައި އަޒާން ވަނީ ޕީއެންސީ ވަޓްސްއެޕް ގުރޫޕުން ވެސް ބޭރުކޮށްލާފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން އަބްދުއްސައްތާރު ހުށަހެޅުއްވީ އެ ކޯޓުގެ ދެ ފަނޑިޔާރެއްގެ މައްސަލަ ސަރުކާރުން އިސްވެ ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމުގެ އަޑުތައް ފެތުރިފައިވާ، އަދި މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް ކަނޑައަޅައި ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ވެސް ކުރިޔަށްދާ ދަނޑިވަޅެއްގައެވެ.

އެކި ސަރުކާރުތަކުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދުތަކަށް ބަދަލު ގެނެސްފައިވެއެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ އަދަދު ހަތަކުން ފަހަކަށް މަދުކުރިއިރު، އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެ އަދަދު ވަނީ ހަތަކަށް އަލުން އިތުރުކޮށްފައެވެ.