ރާއްޖެ އާއި ޔޫއޭއީއާ ދެމެދު އަސްކަރީ ދާއިރާ އިން ގުޅުން ވަރުގަދަ ކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.

އެ މަޝްވަރާތައް ކުރިއަށް ދިޔައީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިހާރު ޔޫއޭއީއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިންނެވެ. އެ ދަތުރުގެ ތެރެއިން މާރިޔާ ވަނީ ޔޫއޭއީގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ލެފްޓިނެންޓް ޖެނެރަލް އިންޖިނިއާ އީސާ ސައިފް ބިން އަބްލަން އަލް މަޒްރޫއީ އާ ބައްދަލު ކުރައްވައިފައެވެ.

އެ ބައްދަލުވަމަށް ފަހު މާރިޔާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔޫއޭއީގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފްއާއި އެކު ކުރިއަށްދިޔައީ ކާމިޔާބު އަދި މުހިއްމު ބައްދަލުވުމެއް ކަމަށެވެ. އަދި އެ ބައްދަލުމުގައި ދެ ގައުމުގައި އަމާންކަމާއި ހަމަޖެހުން ގާއިމުކުރުމަށް އަސްކަރީގޮތުން ގުޅިގެން ކުރެވޭނެ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލާ މަޝްވަރާ ކުރެވުނު ކަމަށާއި، އޭގެ ސަބަބުން ދެ ގައުމުގެ އަސްކަރިއްޔާގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ މާރިޔާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ޑިފެންސް މިނިސްޓަރ މާރިޔާއާއި ޔޫއޭއީގެ ޗީފް އޮފް ސްޓާފްވެސް ވަނީ މިހާރު ކުރިޔަށްދާ ޑިފެންސް އެގްޒިބިޝަންތައް ފަދަ ބައްދަލުވުންތަކުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. އެއީ އަސްކަރީ ދާއިރާއިން މުޅި ދުނިޔޭގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ކަމާއި ގުޅޭ ހުރިހާ ފަރާތެއް އެއްތަނަކަށް ޖަމާވެ އަމާންކަން ކަށަވަރުކުރުމުގައި ހުރި ހިރާސްތައް ދެނެގަނެ މަޝްވަރާކުރެވޭނެ ޕްލެޓްފޯމެއް މިއާއެކު ލިބިފައިވާކަން ފާހަގަކުރައްވާފައިވެއެވެ.

އެގޮތުން ގޮތް ނިންމާ ފެންވަރުގެ ބޭފުޅުންނާއި އަސްކަރިއްޔާގެ އެކި ފަރާތްތަކުން ބައިވެރިވުމަކީ މިކަމުން ނަތީޖާ ނެރެވިދާނެކަމެއްކަން އެދެބޭފުޅުން ވެސް ވަނީ ފާހަގަކުރައްވާފައެވެ.

މާރިޔާ އިންޓާނޭޝަނަލް ޑިފެންސް އެގްޒިބިޝަން 2023ގައި ބައިވެރިވެވަޑައިގަތުމަށް ޔޫއޭއީއަށް ވަޑައިގަތީ މިމަހުގެ 20 ވަނަ ދުވަހުގައެވެ.