ޓެކްސީތަކުގެ ތެރޭގައި މަންޒަރާއި އަޑު ރިކޯޑުކުރެވޭ ގޮތް ހަދަން ތިން މަސްދުވަހުގެ މުއްދަތެއް ޓްރާންސްޕޯޓް މިނިސްޓްރީން ޓެކްސީ ޑްރައިވަރުންނަށް ދީފިއެވެ.

މިއަދު ގެޒެޓުކުރި ޓެކްސީ ގަވައިދަށް ގެނައި އިސްލާހުގައިވާ ގޮތުން، ޓެކްސީތަކުގެ ބިއްލޫރިގަނޑު ކަޅުކުރެވޭނީ މަގެއްގެ އަރިމަތީގައި ހުންނަ މީހަކު ޓެކްސީއަކަށް ބަލާލާއިރު، އޭގެން ދަތުރުކުރާ ފަސިންޖަރުން ފެންނަ ގޮތަށެވެ.

އޭގެ އިތުރުން، ޓެކްސީން ދަތުރުކުރާ ފަސިންޖަރުންނާއި ޑްރައިވަރާއި، ޓެކްސީގެ ބޭރު ފެންނާނެހެން ކެމެރާ ހަރުކޮށް، ޓެކްސީކުރާ ހުރިހާ ވަގުތެއްގައި އެ ކެމެރާތަކުން އަޑާ އެކު ވީޑިއޯ ރިކޯޑުކުރެވެން ވާނެ ކަމަށް އެ ގަވައިދުގައިވެއެވެ. ކެމެރާތަކުގެ ރިކޯޑިންތައް ހަތް ދުވަސް ވަންދެން ޓެކްސީ ސެންޓަރުތަކުން ބަލަހައްޓަން ޖެހޭނެއެވެ.

ގަވައިދުގައި ބުނީ، ޓެކްސީ ދުއްވަމުންދާއިރު، ކެމެރާ ހަރުކޮށްފައިވާ ކަމާއި، ކެމެރާ އިން ރިކޯޑުކުރެވެމުންދާ ކަން ޑްރައިވަރު ފަސިންޖަރުންނަށް އަންގަންވާނެ ކަމަށެވެ. އަދި އެގޮތަށް ކުރެވޭ ރިކޯޑިންތައް އެއްވެސް ހާލަތެއްގައި އެހެން ފަރާތްތަކާ ހިއްސާކުރުން މަނާ ކަމަށް ވެސް ގަވައިދުގައި ބުންޏެވެ.

މިއަދު މި ގަވައިދު އާންމުކުރި ނަމަވެސް، މި ގަވައިދަށް އަމަލުކުރަން ފަށާނީ މޭ 23 އިން ފެށިގެން ކަމަށް، ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.