ސަރުކާރުން ތައާރަފުކުރި "ޓެކްސީ ނަފާ" ސްކީމްގެ ދަށުން ލޯނު ދޫކޮށްފައިވާ ކާރުތައް ރަޖިސްޓްރީ ނުކުރެވި ގިނަ ދުވަސްތަކެއް ވެފައިވާ އިރު، ލޯނު އަނބުރާ ދެއްކުމަށް ބޭންކުން ތަކުރާރުކޮށް ބާރުފޯރުވަމުންދާތީ ޓެކްސީ ޑްރައިވަރުން ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ޓެކްސީ ޑްރައިވަރުންގެ ފަރާތުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދަށް އެޑްރެސްކުރައްވާ ވަނީ އެކްސްގައި ސިޓީއެއް ހިއްސާ ކޮށްފައެވެ. އެ ސިޓީގައި ބުނެފައި ވަނީ، ގްރޭޓާ މާލޭ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ދިނުމަށް ދޫކުރި ލޯނުގެ ދަށުން ކާރުތައް ރަޖިސްޓަރީ ކުރުމުގެ އިދާރީ މަސައްކަތްތައް ލަސްވަނީ ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުން ނިންމަންޖެހޭ ކަންކަން ނުނިމި އޮތުމުން ކަމަށެވެ. ކާރު ރަޖިސްޓަރީ ނުވެ ޓެކްސީ ދުއްވުމުގެ ހުއްދަ ނުލިބޭތީ، އެއްވެސް އާމްދަނީއެއް ލިބޭނެ މަގެއް ނެތްކަމަށް އެ ސިޓީގައި ފާހަގަކޮށްފައި ވެއެވެ.

ޑްރައިވަރުންގެ މައިގަނޑު ކަންބޮޑުވުމަކީ، ވިޔަފާރި ފަށައި ނަފާ ހޯދޭނެ ގޮތެއް ނެތި، ލޯނު ދައްކަން މަޖުބޫރުކުރުމަކީ އިންސާފެއް ނޫން ކަމެވެ. އަދި ހުއްދަ ނެތި ޓެކްސީ ދުއްވައިފިނަމަ ގާނޫނީ ފިޔަވަޅުތަކާ ކުރިމަތިލާންޖެހޭނެ ކަމުގެ ބިރު އޮތްއިރު، ލޯނު ދެއްކުމަށް ބޭންކުން ކުރާ ތާކީދުތަކުގެ ސަބަބުން ނަފްސާނީ ގޮތުންނާއި މާލީ ގޮތުން ބޮޑެތި ތަކްލީފުތަކެއް އުފުލަން ޖެހިފައިވާ ކަމަށް ބުނެފައި ވެއެވެ.

މި މައްސަލައަށް ހައްލެއް ހޯދުމަށް ޑްރައިވަރުން ވަނީ ހަތަރު ކަމަކަށް ސަރުކާރުގައި އެދިފައެވެ. އޭގެ ތެރޭގައި ކާރުތައް ރަޖިސްޓްރީ ކުރެވެންދެން ލޯނު ދެއްކުން ފަސްކޮށްދިނުމުގެ (މޮރެޓޯރިއަމް) އިންތިޒާމެއް ހަމަޖައްސައި ދިނުމާއި، ޓްރާންސްޕޯޓް މިނިސްޓްރީން އިސްނަގައިގެން ކާރުތައް ރަޖިސްޓްރީ ކުރުން އަވަސްކޮށްދިނުން ހިމެނެއެވެ. އަދި ރަޖިސްޓްރޭޝަން ލަސްވަނީ ޑްރައިވަރުންގެ އިހުމާލުން ނޫންކަން ކަށަވަރުކޮށް، އެ ޒިންމާ ޑްރައިވަރުން އުފުލަން ނުޖެހޭނެ ގޮތެއް ހަދައި ދިނުމަށާއި، ހުރިހާ ޑްރައިވަރުންނަށް ހަމަހަމަ އަދި އިންސާފުވެރި ހައްލެއް ވަޒީރުގެ ފެންވަރުގައި ނިންމަވައި ދެއްވުމަށް ވެސް ވަނީ އެދިފައެވެ. ޓެކްސީ ޑްރައިވަރުން އިތުރަށް ބުނެފައި ވަނީ، މި މައްސަލައިގައި ވަޒީރާ ސީދާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތަކަށް އެދޭ ކަމަށެވެ.

“މިއީ ދިރިއުޅުން އާރާސްތުކުރުމަށް ސަރުކާރުގެ ސްކީމަށް އިތުބާރުކުރި ނިކަމެތި ރައްޔިތުންތަކެއް. މިފަދަ އިދާރީ ލަސްވުންތަކުގެ ސަބަބުން ރައްޔިތުން ސަރުކާރަށް ކުރާ އިތުބާރު ގެއްލިދާނެ،” އެ ސިޓީގައި ބުނެފައި ވެއެވެ.

މި ކަމާ ގުޅިގެން ޑްރައިވަރުން އުންމީދު ކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މި މައްސަލައަށް އަވަސް އަދި ދާއިމީ ހައްލެއް ހޯދައިދޭނެ ކަމަށެވެ.