މާލޭ ޓެކްސީ ލައިންގެ ހިދުމަތް ހަރުދަނާކުރުމުގެ ގޮތުން އެ ހިދުމަތުގެ ރަސްމީ ވެބްސައިޓް ތައާރަފުކޮށް، ދަތުރުތަކަށް އަގު ނަގަން ފަށައިފިއެވެ.
އެމްޓީސީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މި ވެބްސައިޓް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޓެކްސީ ބުކްކުރުމުގެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
އެމްޓީސީސީން ބުނީ އެ ކުންފުނީގެ ވެބްސައިޓަށް ވަދެ، މަދު ސިކުންތުކޮޅެއްގެ ތެރޭގައި ދަތުރުތައް ބުކްކުރުމާއި ފައިސާ ދެއްކުމުގެ ކަންކަން ނިންމާލެވޭނެ ކަމަށެވެ. އަދި ވެބްސައިޓްގެ އިތުރުން، މާލެ ޓެކްސީގެ ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެންވެސް ޓެކްސީ ބުކް ކުރުމުގެ ފުރުސަތު މިހާރުވެސް ހުޅުވާލާފައިވާކަމަށް އެ ކުންފުނިންވަނީ ބުނެފައެވެ.
މީގެ އިތުރުން އެ ކުންފުނިން ބުނީ މާލޭ ޓެކްސީ ލައިން އިން ދަތުރުތަކަށް އަގު ނަގަމުންދާނީ ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ ރޭޓުގައި ކަމަށެވެ. އެ ގޮތުން ދަތުރުތަކުގެ އަގުތަކަކީ
- މާލެ، ހުޅުމާލެ ފޭސް 1 އަދި ހުޅުމާލެ ފޭސް 2ގެ އެތެރޭގެ ދަތުރު: 30 ރުފިޔާ
- ހުޅުމާލެ ފޭސް 1 އިން ހުޅުމާލެ ފޭސް 2އަށް: 40 ރުފިޔާ
- މާލެ އިން ހުޅުލެއަށް، އަދި ހުޅުލެއިން މާލެއަށް: 70 ރުފިޔާ
- ހުޅުމާލެފޭސް 1 އިން ހުޅުލެއަށް، އަދި ހުޅުލެއިން ހުޅުމާ ފޭސް 1 އަށް: 80 ރުފިޔާ
- މާލެ އިން ހުޅުމާލެ ފޭސް 1 އަށް، އަދި ހުޅުމާލެ ފޭސް 1 އިން މާލެ އަށް: 85 ރުފިޔާ
- ހުޅުމާލެ ފޭސް 2އިން ހުޅުލެއަށް، އަދި ހުޅުލެއިން ހުޅުމާލެ ފޭސް 2 އަށް: 85 ރުފިޔާ
- މާލެ އިން ހުޅުމާލެ ފޭސް 2 އަށް، އަދި ހުޅުމާލެ ފޭސް 2 އިން މާލެ އަށް: 100 ރުފިޔާ
