މާލޭ ޓެކްސީ ލައިންގެ ހިދުމަތް ދިނުމަށް ހާއްސަކޮށް ތައްޔާރުކުރި "މާލޭ ޓެކްސީ" އެޕް ހެދުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކުރި ކަމަށް ބުނާ މައްސަލަ ބަލަން ކަމާ ގުޅުންހުރި އިދާރާތަކަށް އަންގަވާފައިވާ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކަމާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން ރައީސް ވިދާޅުވީ، މާލެ ޓެކްސީ އެޕް ރަނގަޅަށް މަސައްކަތް ނުކުރާ މައްސަލަ އެމަނިކުފާނަށްވެސް ލިބިވަޑައިގެންފައިވާ ކަމަށެވެ. އެއާއެކު އެމްޓީސީސީއަށާއި ޓްރާންސްޕޯޓް މިނިސްޓްރީއަށް ވެސް އެކަން ބެއްލެވުމަށް އަންގަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ހަމަ އެހެންމެ އުސޫލުން ބޭރުން އަދި ގާނޫނާ ގަވާއިދާ ހިލާފަށް ކަމެއް ހިނގާނަމަ އެކަން ބަލާ، ވަގުތުން ފިޔަވަޅު އެޅުމަށްވެސް އަންގާފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ގާނޫނާއި ގަވާއިދާ ހިލާފަށް ކަމެއް ކުރާނަމަ އެ ބަޔަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް ޓެކްސީ އެޕްލިކޭޝަންގެ ބޭނުން ރައްޔިތުންނަށް ނުހިފޭކަމުގަ ވަނީނަމަ އެއީ މައްސަލައެއްކަން ފާހަގަ ކުރައްވާ ރައީސް ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. އަދި އެކަން ވީ އެންމެ އަވަހަކަށް ނިންމުމުގެ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީ މެދުވެރިކޮށް ކުރިއަށްގެންދަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
މީގެ ދެ ހަފްތާކުރިން ތައާރަފްކުރި މާލޭ ޓެކްސީ ހިދުމަތަށް އެޕްލިކޭޝަނެއް މެދުވެރިކޮށް ޓެކްސީއަށް އެދެވޭ ގޮތަށް ހަމަޖެއްސި ނަމަވެސް އެޕްގައި ގިނަ މައްސަލަތަކެއް ހުރުމުން އެޕް ޑައުންކޮށް މިހާރު ޓެކްސީ ހިދުމަތް ދެނީ 1655 ހޮޓްލައިނަށް ގުޅައިގެން ހޯދޭ ގޮތަށެވެ.
ޓެކްސީ އެޕާ ގުޅިގެން ގުޅިގެން ސޯޝަލް މީޑިއާގައި ސީރިއަސް ތުހުމަތުތަކެއްކޮށް، ބުނެފައިވާ ގޮތުގައި އެޕް ހެދުމަށް ހަވާލުކުރި ފިކްސްޑް މޯލްޑިވްސްއަކީ އެޕް ހެދުމުގެ ތަޖުރިބާ ނެތް ކުންފުންޏެކެވެ. އަދި އެ މުއާމަލާތުގެ ތެރެއިން 13 މިލިއަނެއްހާ ރުފިޔާގެ ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
މާލޭ ޓެކްސީ ލައިންގެ އެޕްލިކޭޝަން ހެދުމުގައި ކޮރަޕްޝަން އޮތް ކަމަށް ބުނާ މައްސަލައެއް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވަނީ ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހަޅާފައެވެ. ކުޑޫ ހުށަހެޅުއްވި އެ މައްސަލައިގައި ވަނީ، މާލެ ޓެކްސީ ލައިންގެ އެޕްލިކޭޝަން ތައްޔާރުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ހިނގާފައިވާ ކަމަށް ބުނެ އާންމުންގެ ތެރޭގައި ދެކެވެމުންދާ ވާހަކަތަކުގެ ހަގީގަތަކީ ކޮބައިތޯ ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއިން ބަލައިދިނުމަށް އެދިފައެވެ.
މާލޭ ޓެކްސީ ލައިންގެ ހިދުމަތަށް އެދި ގިނަ ކަސްޓަމަރުން ކިއޫގައި ޖެހި، ހިދުމަތްދޭ އެމްޓީސީސީގެ ހޮޓްލައިނަށް ވަނީ ބާރު ބޮޑުވެ، ނުގުޅޭ ގޮތްވެފައެވެ. އެކަމާ ވަރަށް ގިނަ ބަޔަކު ދަނީ ނުރުހުން ފާޅު ކުރަމުންނެވެ. ދެ ހަފްތާ ހިލޭ ދަތުރުތައް ކުރުމަށްފަހު މިހާރު އެ ހިދުމަތުން ވަނީ ފައިސާ ނަގަން ފަށާފައެވެ.
