ސަރުކާރުން ތައާރަފު ކުރި "ޓެކްސީ ނަފާ" ސްކީމްގެ ދަށުން ލޯނު ނަގައިގެން ގެނައި ކާރުތައް ރަޖިސްޓަރީ ނުކުރެވި ގިނަ ދުވަސްތަކެއް ވެފައިވާތީ، އެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އިކޮނިމިކް ޑިވެލޮޕްމަންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު ދެއްވައިފިއެވެ.

ސައީދު މި ޔަގީންކަން ދެއްވީ، ލޯނު އަނބުރާ ދެއްކުމަށް ބޭންކުން ތަކުރާރުކޮށް ބާރު ފޯރުވަމުންދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ޓެކްސީ ޑްރައިވަރުންގެ ފަރާތުން ސޯޝަލް މީޑިއާގައި ހިއްސާ ކުރި ސިޓީއަކަށް ޖަވާބު ދެއްވަމުންނެވެ.

ސޯޝަލް މީޑިއާގައި ޑްރައިވަރުންނަށް ދެއްވި ޖަވާބުގައި ސައީދު ވިދާޅުވީ މައްސަލަ ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ. އެ ސިޓީގައި ފާހަގަކުރައްވާފައިވާ ކަންކަން އިންސާފުވެރިކަމާއެކުގައި ބަލައި، ކުރިއަށް ދެވޭނެ އެންމެ އަވަސް މަގުތަކަކާއި ހައްލުތަކެއް ހޯދަން މަސައްކަތްކޮށް ދިނުމަކީ އެންމެ އިސް އެއް ވާޖިބު ކަމުގައި ދެކޭ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ފާހަގަކޮށްފައިވާ އެންމެހާ ކަންކަން ބަލައި ދިނުމަށް އެދި ޓްރާންސްޕޯޓްގެ ކަންކަން ބެލެހެއްޓެވުމަށް މަސްއޫލުވެ ތިއްބެވި ބޭފުޅުންނަށް މިހާރު ވާނީ ދަންނަވާފައި ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ ރައްޔިތުންނާ ވީހާވެސް ގާތުން ހިދުމަތްދީ، އަދި ރައްޔިތުން އެދޭ މިފަދަ ކަންކަމުގައި އަވަސް ހައްލު ހޯދައި ދިނުމަށް މަސައްކަތްކުރުން ކަމަށް ސައީދު ވިދާޅުވިއެވެ. ރައްޔިތުންގެ އަޑު އަބަދުވެސް އަހައިގެން، ރައްޔިތުން ހުށަހަޅާ ކަންކަން ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ފަހިކޮށްދިނުމަކީ ރައީސް މުއިއްޒުގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއް ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

ޓެކްސީ ޑްރައިވަރުންގެ ފަރާތުން ސޯޝަލް މީޑިއާގައި ހިއްސާކުރި ސިޓީގައި ބުނެފައި ވަނީ، ގްރޭޓަރ މާލެ ސަރަޙައްދުގައި ޓެކްސީގެ ހިދުމަތް ދިނުމަށް ދޫކުރި ލޯނުގެ ދަށުން ގެނައި ކާރުތައް ރަޖިސްޓަރީ ކުރުމުގެ އިދާރީ މަސައްކަތްތައް ލަސްވަނީ ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުން ނިންމަންޖެހޭ ކަންކަން ނުނިމި އޮތުމުން ކަމަށެވެ. ކާރު ރަޖިސްޓަރީ ނުވެ ޓެކްސީ ދުއްވުމުގެ ހުއްދަ ނުލިބޭތީ، އެއްވެސް އާމްދަނީއެއް ލިބޭނެ މަގެއް ނެތްކަމަށް އެ ފަރާތްތަކުން ފާހަގަކޮށްފައި ވެއެވެ.

ޑްރައިވަރުންގެ މައިގަނޑު ކަންބޮޑުވުމަކީ، ވިޔަފާރި ފަށައި ނަފާ ހޯދޭނެ ގޮތެއް ނެތި، ލޯނު ދައްކަން މަޖުބޫރުކުރުމަކީ އިންސާފެއް ނޫން ކަމަށް ވުމެވެ. އަދި ހުއްދަ ނެތި ޓެކްސީ ދުއްވައިފިނަމަ ގާނޫނީ ފިޔަވަޅުތަކާ ކުރިމަތިލާންޖެހޭނެ ކަމުގެ ބިރު އޮތްއިރު، ލޯނު ދެއްކުމަށް ބޭންކުން އެދެމުންދާތީ ނަފްސާނީ ގޮތުންނާއި މާލީ ގޮތުން ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިފައިވާ ކަމަށް ބުނެފައިވެއެވެ.