އެކައުންޓްތަކުގައި ހުންނަ ފައިސާ މަކަރާއި ހީލަތުން ފޭރުމުގެ މައްސަލަތައް އިތުރުވެ، އާންމުންގެ ޝަކުވާ އިތުރުވެފައިވާ މި ދަނޑިވަޅުގައި، ވަގުންގެ އުކުޅުތަކަށް ދިވެހި ރައްޔިތުން ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
ފަހުގެ އުކުޅެއްގެ ގޮތުަގއި ވަގުން ހޯދަނީ އިންޓަނެޓް ބޭންކިން ގެ ޔޫޒާ ނޭމާއި ޕާސްވޯޑްއެވެ. އެއަށްފަހު އެކައުންޓްގައި ހުންނަ ފައިސާ އެހެން އެކައުންޓުތަކަށް ޓްރާންސްފާ ކުރުމަށްފަހު އެކި ކަންކަމަށް ބޭނުން ކުރެއެވެ. މީގެ އިތުރުންވެސް، އިންޓަނެޓް ބޭންކްގެ އެޕްލިކޭޝަން މެދުވެރިކޮށް އެކި ފިހާރަތަކުން ކިއު.އާރު ސްކޭން ބޭނުންކޮށްގެން އެކި ނޭދެވޭ އަމަލުތައް ހިންގަމުންދެއެވެ.
މިގޮތަށް އެކި މީހުންގެ އެކައުންޓުން ރުފިޔާ ހޯދުމަށްފަހު، މޯބައިލް ފޯނާއި އިލެކްޓްރޯނިކް ޑިވައިސް އާއި ތަފާތު މުދާ ގަންނަ މައްސަލަތައް އިތުރުވެފައި ވަނިކޮށް، ފުލުހުން މި ވަނީ ސަމާލުކަންދޭންވީ ކަންތައްތައް ބުނެދީފައެވެ.
އެގޮތުން ފުލުހުން ބުނީ އެކި މުއައްސަސާތަކާއި ޖަމިއްޔާތަކުގެ ނަމުގައި އޮޅުވާލައިގެން އެސްއެމްއެސް އަދި އީމެއިލް މެދުވެރިކޮށް (ޕިޝިންގ) ލިންކުތައް ފޮނުވަމުންދާ ކަމަށާއި މި ފަދަ ލިންކް ތަކަށް ވަދެ މައުލޫމާތު ހިއްސާ ނުކުރުމަށް ފުލުހުން އެދުނެވެ. އެއީ ލިންކްތަކުގެ ސަބަބުން އީމެއިލް އެޑްރެސް ކޮމްޕްރޮމައިޒް ކޮށްލުމުގެ އިތުރުން އެ ލިންކްއަށް ފިތާލުމުން އެ މީހަކު ބޭނުންކުރާ އީމެއިލް އެޑްރެހާއި ޕާސްވޯޑް ޖެހުމަށް އާދެއެވެ. އަދި މި މައުލޫމާތު ފުރިހަމަކުރުމުން އެ މީހަކު ބޭނުންކުރާ އީމެއިލް އެޑްރެހާއި ޕާސްވޯޑް ސްކޭމް ހިންގާފަރާތްތަކަށް އެނގި އެ މައުލޫމާތު ބޭނުންކޮށްގެން މިފަދަ ސްކޭމްތައް ހިންގަމުންދާތީއެވެ.
ވަގުންގެ މިފަދަ ސްކޭމް ތަކުން ރައްކާތެރިވުމަށްޓަކައި ހުރިހާ ހިދުމަތަކަށް އެއް ޕާސްވޯޑެއް ނުގެންގުޅުމަށާއި އިންޓަނެޓް ބޭންކިންގ ރަޖިސްޓްރީ ކުރުމަށްޓަކައި ބެންކަށް ދީފައިވާ އީމެއިލް އެޑްރެސް ބޭނުންކޮށްގެން ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި އެކައުންޓްތައް ނުހެދުމަށް ވެސް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.
މީގެ އިތުރުންވެސް، އިންޓަނޭޝަނަލް ޑޭޓާ ބްރީޗުގައި ގިނަ މީހުންގެ އީމެއިލް އެޑްރެސް އަދި ޕާސްވޯޑް އިންޓަނެޓްގައި ލީކުވެފައި ހުންނަ ކަމަށާއި ގިނަފަހަރު މިގޮތަށް ދިމާވާ ކަންވެސް ގިނ މީހުންނަށް އެނގިފައި ނުހުންނަކަން ތަހުގީގު މަރުހަލާއިން ފާހަގަ ވާ ކަމަށް ފުލުހުން ބުނިއެވެ. އަދި މިހާރުގެ ޒަމާނީ ފޯނުތަކަކީ ޕާސްވޯޑު މެނޭޖާގައި ސޭވް ކުރެވެން ހުންނަ ފޯނުތައް ކަމަށާއި މިފަދައިން ޕާސްވޯޑް ސޭވްކޮށްފައި ހުރުމުންވެސް މިފަދަ ކަން ކަން ކުރުމަށް މަގުފަހި ވެގެންދާ ކަމަށް މައުލޫމާތު ދިނެވެ.
މިފަދައިން ރާވާ ހިންގާ ސްކޭމްތަކުގެ މައްސަލަތައް ފުލުހުންގެ އިދާރާއިން ތަހުގީގު ކުރަމުންދާ ކަމަށާއި އިންޓަނެޓްގެ ހިދުމަތްތައް ބޭނުންކުރުމަށާއި އީމެއިލް އެޑްރެސް އަދި ޕާސްވޯޑުތަކަށް މިހާރަށް ވުރެ ބޮޑަށް އާންމުން ސަމާލުވާންޖެހޭ ކަމަށް ފުލުހުން ބުންޏެވެ. އަދި ޓޫ ފެކްޓަރ އޮތެންޓިކޭޝަން ފީޗަރސްތައް ބޭނުންކުރުމާއި، ދޭތެރެ ދޭތެރެއިން ޕާސްވޯޑް ބަދަލުކުރުމާއި އެއް ޕާސްވޯޑެއް ގިނަ އެކައުންޓްތަކުގައި ބޭނުން ނުކުރުމީ މިފަދަ ސްކޭމްތައް ހިންގުމުން ދުރުކޮށްދޭނެ ކަމެއް ކަމުގައި ފާހަގަކުރިއެވެ.
ފުލުހުން ބުނި ގޮތުގައި، މިފަދަ ގިނަ މައްސަލަތަކުގެ ތަހުގީގު ކުރެވެމުންދާ ކަމަށާއި މިހާރުވެސް ގިނަ އީމެއިލް އެޑްރެސްތަކެއް ކޮމްޕޮމައިޒްވެފައި ހުރިކަން ފާހަގަ ކުރެވޭ މައްސަލަތަކެވެ. އެހެން ކަމުން އީމެއިލްގެ ޕާސްވޯޑާއި އިންޓަނެޓް ބޭންކިންގ ޕާސްވޯޑް ބަދަލުކޮށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސް ކުރެއްވިއެވެ. އަދި އިންޓަނޭޝަނަލް އެއްވެސް ޑޭޓާ ބްރީޗެއްގައި މައުލޫމާތު ލީކު ވެފައިތޯ ބެލުމަށް މި ލިންކް ހިޔާރު ކުރުމަށް ފުލުހުން އެދުނެވެ.