ފުރަގަސްފަރާތަށް ލައިގެން މާފުށި ޖަލަށް ޑްރަގްސް އެތެރެ ކުރަން އުޅުނު ގައިދީއަކު ހިފަހައްޓައިފިއެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވީ، މާފުށި ޖަލަށް ގެންދިޔަ ގައިދީއަކު މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން އެ ގައިދީގެ ހަށިގަނޑު އެކްސްރޭ ނަގައި ބެލިއިރު ފުރަގަސްފަރާތް ބޭނުން ކޮށްގެން (ފުރަގަސްފަރާތަކަށް ލައްވައިގެން) ވައްދަން މަސައްކަތް ކުރި މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަމަށެވެ.

މި މައްސަލާގައި އެމީހާ އެތެރެ ކުރަން އުޅުނީ ކިހާ އަދަދެއްގެ މަސްތުވާތަކެއްޗެއް ކަމެއް އަދި ސާފެއް ނުވެއެވެ.

ޖަލަށް ވެއްދަން މަނާ ތަކެތި ވައްދާ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންނަމުން އަންނަ އިރު ޖަލުތަކުގައި ފޯނާއި، ސިމް ކާޑާއި، މަސްތުވާތަކެތި ގެންގުޅޭ ފަދަ މައްސަލަތައް ވަނީ ފެނިފައެވެ.

މިގޮތުން މިދިޔަ އަހަރު ފަހުކޮޅު ދިވެހި ފުލުހުންގެ ހިދުމަތާއި ކަރެކްޝަނާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ވަނީ ކަރެކްޝަންސްގެ އޮފިސަރެށް މަސްތުވާ ތަކެއްޗާ އެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މިކަމާ ގުޅިގެން އެ އޮފިސަރު ވާނީ ވަޒީފާއިން ސަސްޕެންޑު ކޮށްފައެވެ.