މާފުށީ ޖަލުގައި ބެގެޖް ސްކްރީނިން މެޝިނެއް ބަހައްޓާ، ރަސްމީކޮށް ބޭނުން ކުރަން ފަށައިފިއެވެ.

މާފުށި ޖަލުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މެޝިން ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ހޯމްލޭންޑް މިނިސްޓަރު، އަލީ އިހުސާނެވެ.

މި ބެގެޖް ސްކްރީނިން މެޝިނަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ހަދިޔާކޮށްފައިވާ މެޝިނަކަށްވާއިރު މި މެޝިނަކީ ޖަލުގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ބެހެއްޓުނު މެޝިނެއް ކަމަށް ވެއެވެ. އަދި މިއީ މާފުށި ޖަލުގައި ބެހެއްޓުނު މިފަދަ ފުރަތަމަ މެޝިނެވެ.

މި މެޝިން ބޭނުންކުރާ ގޮތުގެ ތަމްރީން އެމްއޭސީއެލުން އެމްސީއެސްއަށް ފޯރުކޮށްދެއްވާފައިވާއިރު، ބެގެޖް ސްކްރީންކުރުމަށް ބޭނުންވާ ހާއްސަ ތަމްރީން، މޯލްޑިވްސް ކަސްޓަމްސް ސަރވިސުން ފޯރުކޮށްދީފައިވާކަން އެމްސީއެސްއިން ވަނީ ފާހަގަކޮށްފައެވެ.

މާފުށި ޖަލުގައި ބޭނުން ކުރަން ފެށި ބެގެޖް ސްކްރީނިން މެޝިން ބޭނުން ކުރަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މި މެޝިން މެދުވެރިކޮށް ގައިދީންނާއި ބަންދުމީހުން ޖަލަށް އަލަށް އަންނަ އިރު ގެންނަ ތަކެތި، އެފަރާތްތަކަށް އާއިލާއިން ފޮނުވާ ތަކެތި އަދި އާއިލީ އާއި އެކަހެރި ބައްދަލުވުންތަކަށް ޖަލަށް ޒިޔާރަތްކުރައްވާ ފަރާތްތަކުގެ ތަކެތި ސްކްރީން ކުރެވިގެންދާނެއެވެ.