މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެން މިއަދު ހެނދުނު މާފުށީ ޖަލުގައި ހާއްސަ ސާޗް އޮޕަރޭޝަނެއް ފަށައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނީ، މާފުށީ ޖަލު ބަލައި ފާސްކުރުމުގެ ބޮޑު އޮޕަރޭޝަނެއް ފުލުހުންނާ ގުޅިގެން މިހާރު ކުރިއަށްދާ ކަމަށެވެ. ނަމަވެސް، މި އޮޕަރޭޝަނުގެ އިތުރު ތަފްސީލެއް އަދި މިހާތަނަށް އަތުލައިގަނެވުނު ތަކެއްޗާ، އޮޕަރޭޝަން ކުރިއަށްދާ ގޮތުގެ އިތުރު ތަފްސީލެއް ކަރެކްޝަންސް އިން އަދި ހާމައެއް ނުކުރެއެވެ.

ޖަލުގައި ތިބޭ ގައިދީން މޮބައިލް ފޯނު ބޭނުންކޮށްގެން އާންމުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ސްކޭމް ކުރާ މައްސަލަ ވަނީ ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައެވެ. މިކަން ހުއްޓުވުމަށްޓަކައި ދާދިފަހުން ޖަލުގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފަ އެވެ. އެގޮތުން މިދިޔަ އަންގާރަ ދުވަހު މާފުށީ ޖަލުގައި ފުރަތަމަ ފަހަރަށް ޒަމާނީ ފެންވަރުގެ ބެގެޖް ސްކްރީން މެޝިނެއް ބަހައްޓައި، ޖަލަށް އެތެރެވާ މީހުން ގެންދާ ހުރިހާ ތަކެތި އެ މެޝިން މެދުވެރިކޮށް ފާސްކުރަން ވަނީ ފަށާފައެވެ

މީގެ އިތުރުން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ޖަލުގައި ބޮޑީ ސްކޭނިން މެޝިނެއް ބަހައްޓައި، ވޭތުވެދިޔަ އޭޕްރީލް މަހުން ފެށިގެން އެ މެޝިން ދަނީ ބޭނުންކުރަމުންނެވެ.

ޖަލަށް މަނާ ތަކެތި ވެއްދުމުގައި ބައެއް ޖަލު އޮފިސަރުން ބައިވެރިވާ ކަމުގެ ތުހުމަތުގައި މީގެ ކުރިން ބޮޑެތި ނެޓްވޯކްތަކެއް އަތުލައިގަނެ، ބައެއް އޮފިސަރުން ވަނީ ސަސްޕެންޑްވެސް ކޮށްފައެވެ. ޖަލުތަކަކީ ކުށްވެރިން އިސްލާހުކުރާ ތަންތަނަށް ހެދުމަށާއި، ޖަލުން ހިންގާ ޖިނާއީ ކުށްތައް ހުއްޓުވުމަށް ފުލުހުންނާއި ކަރެކްޝަންސް ގުޅިގެން މީގެ ކުރިން ވެސް މިފަދަ ކުއްލި އޮޕަރޭޝަންތައް ހިންގާފައިވެއެވެ.