ބަންދު މީހުން ތިބޭ މަރުކަޒަކަށް އެތެރެކުރުން މަނާ ގިނަ އަދަދެއްގެ ތަކެތި މާފުށީ ޖަލަށް އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ފުލުހުންގެ ބަންދަށް ގެންގޮސްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން މި މެއި މަހުގެ 2 ވަނަ ދުވަހު މާފުށީ ޖަލު ގޭޓު ކައިރިން ހައްޔަރުކޮށްފައި ވަނީ ރ. މަޑުއްވަރި، މާސް، މުހައްމަދު ޝަހީރު (28އ) އެވެ. އޭނާ ހައްޔަރުކުރީ ޖަލަށް މަނާ ތަކެތި ވެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، ޖަލަށް އެތެރެކުރުން މަނާ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނާއި އެހެނިހެން ތަކެތި ފެނިފައިވެއެވެ. އޭގެ ތެރޭގައި 17 ސްމާޓް ފޯނާއި، 35 ޗާޖިން ކޭބަލާއި، 29 ޖޮއިންޓާއި، އެޑަޕްޓަރަކާއި، ހަތަރު ކައްޓާގެ އިތުރުން ޕެން ޑްރައިވާއި އެހެނިހެން ބައެއް ތަކެތި ހިމެނެއެވެ.
މި މައްސަލައާ ގުޅިގެން މުހައްމަދު ޝަހީރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. ޖަލުތަކަށް މަނާ ތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި ކަމާބެހޭ މުއައްސަސާތަކުން އަންނަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.
