މޯލްޑިވްސް ކަރެކްޝަނަލް ސާވިސަ (އެމްސީއެސް)ގެ މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ މީހަކު ނިޔާވެއްޖެއެވެ.
ކަރެކްޝަންސްއިން ބުނީ، ނިޔާވެފައި ވަނީ ނ. މާފަރު / ހިތްފަސޭހަގެ، މޫސާ ހަސަން (45އ) ކަމަށެވެ. އޭނާ އަކީ މަސްތުވާތަކެތީ މައްސަލައެއްގައި 25 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ މީހެއް ކަމަށް ވެއެވެ.
މޫސައަކީ މިދިޔަ އޭޕްރިލް މަހު އެމަޖަންސީ ހާލަތުގައި މާލޭ ގެނެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށް، ފަރުވާ ދޭން ފެށި މީހެެއްކަން ފާހަގަކޮށް ކަރެކްޝަންސްއިން ބުނީ، އޭނާ ނިޔާވެފައި ވަނީ ރޭ މެންދަމު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ހިތް ހުއްޓިގެން ކަމަށެވެ.
މޫސާ ނިޔާވުމާ ގުޅިގެން ވަގުތުން އެކަން ދިވެހި ފުލުހުންގެ ހިދުމަތަށާއު އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައިވާނެ ކަމަށް ކަރެކްޝަންސްއިން މައުލޫމާތު ދެއެވެ.